ބޭންކް އޮފް މޯލްޑިވްސް-
ބޭންކް އޮފް މޯލްޑިވްސް-
މަނީ އެކްސްޗޭންޖު ލައިސަންސް އޮންނަ ފަރާތްތަކާއި ބައެއް ކަސްޓަމަރުންގެ ބޭންކް އެކައުންޓް ތަފުސީލު ހޯދުމަށް އެދި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ސިޓީއެއް ފޮނުވާފައި ނުވާ ކަމަށާއި، ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ނޫން ފޭކު ސިޓީއެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ، ކަސްޓަމަރުންގެ އެކައުންޓުތަކާ ގުޅޭ ޒާތީ އަދި މާލީ އެއްވެސް މައުލޫމާތެއް އެހެން ފަރާތަކާ ހިއްސާކުރާނީ ބޭންކިންގ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، ކޯޓު އަމުރެއް އޮވެގެން ނުވަތަ ގާނޫނީ ގޮތުން ތަހުގީގުކުރުމުގެ ބާރު ލިބިފައިވާ އިދާރާއަކުން ރަސްމީކޮށް ލިޔުމުން އެދުމުން އެކަނި ކަމަށެވެ. އަދި ދާޚިލީ ވުޒާރާއިން އެފަދަ މައުލޫމާތެއް ހޯދުމަށް އެދިފައި ނުވާ ކަމަށް ބޭންކުން ވަނީ ކަށަވަރުކޮށްދީފައެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ އެ ސިޓީއަކީ ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފަށް އެޑްރެސްކޮށް، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ ނަންފުޅުގައި ސޮއިކޮށްފައިވާ ސިޓީއެކެވެ. އެ ސިޓީގައި ބުނެފައިވަނީ، ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކުގެ ދަށުން، މަނީ އެކްސްޗޭންޖް ލައިސަންސް އޮންނަ ފަރާތްތަކާއި އެ އެކައުންޓުތަކަށް 500 ޑޮލަރަށް ވުރެ އިތުރަށް ޖަމާކޮށްފައިވާ ފަރާތްތަކުގެ ވޭތުވެދިޔަ 6 މަސްދުވަހުގެ އެކައުންޓް ސްޓޭޓްމަންޓާއި ޒާތީ މައުލޫމާތު ބޭނުންވާ ކަމަށެވެ.

މިކަމާ ގުޅިގެން މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދާޚިލީ ވުޒާރާއަކީ ޖިނާއީ ތަހުގީގު ހިންގާ އިދާރާއަކަށް ނުވާތީ، ބޭންކް އެކައުންޓުތަކުގެ މައުލޫމާތު ހޯދުމަށް އެއްވެސް މާލީ އިދާރާއަކަށް އެފަދަ ލިޔުމެއް ފޮނުވާފައި ނުވާނެ ކަމަށެވެ. އަދި ދައުރުވަމުންދަނީ މިނިސްޓްރީގެ ނަން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހަދާފައިވާ ދޮގު ލިޔުމެއް ކަމަށް ފާހަގަކުރައްވައި، ދައުލަތުގެ ރަސްމީ އިދާރާތަކުގެ ނަމުގައި މިފަދަ ލިޔެކިޔުންތައް އުފައްދައި އާންމުންގެ މެދުގައި ނުތަނަވަސްކަން ނުއުފެއްދުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރު ކޮންޓްރޯލް ކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައި ފެތުރޭ މިފަދަ ހަގީގަތާ ޚިލާފު މައުލޫމާތުތަކަށް ސަމާލުވެ، ހަމައެކަނި ރަސްމީ އިދާރާތަކުން ހާމަކުރާ މައުލޫމާތަށް އިތުބާރު ކުރުމަށް ކަމާބެހޭ ފަރާތްތަކުން އެދެއެވެ.

މީގެއިތުރުން، ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ރައްކާތެރިކަމާއި އިތުބާރު ދެމެހެއްޓުމަށާއި، ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތައް ހިމާޔަތްކުރުމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަބަދުވެސް އަޅަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ކަމާގުޅުންހުރި މުއައްސަސާތަކުން ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް