ހއ. އުލިގަމުގައި ޔޮޓްތަކެއް ބަނދަރުކޮށްފައި
ހއ. އުލިގަމުގައި ޔޮޓްތަކެއް ބަނދަރުކޮށްފައި
ދިވެހިރާއްޖޭގެ އެންމެ އުތުރުން އޮންނަ ހއ. އުލިގަމުގައި ފެންވަރު ރަނގަޅު ޔޮޓް މެރީނާއެއް ތަރައްގީކޮށް ހިންގާނެ ތަޖުރިބާކާރު ޑިވެލޮޕަރެއް ނުވަތަ އޮޕަރޭޓަރެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު އިއުލާނުކޮށް، ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު (އީއޯއައި) ހުޅުވާލައިފިއެވެ.

އެމްޕީއެލުން ހާމަކުރި ގޮތުގައި މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ، މެރިޓައިމް އަދި ފަތުރުވެރިކަމުގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގެ މަންޒިލަކަށް އުލިގަން ބަދަލުކުރުމެވެ. މި މަޝްރޫއަށް ބޭނުންވާ 70،471 އަކަމީޓަރުގެ ބިން، އުލިގަމު ކައުންސިލާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މިހާރު ވަނީ ހަމަޖައްސާފައެވެ.

މެރީނާގެ އަސާސީ އުމްރާނީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެމްޕީއެލްގެ ބެލުމުގެ ދަށުންނެވެ. އޭގެ ތެރޭގައި 5 މީޓަރުގެ ފުންމިން ހުންނަ ބޭސިނަކާއި، ބްރޭކްވޯޓާގެ އިތުރުން، އައިއެސްޕީއެސް (އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ) މިންގަނޑުތަކަށް ފެތޭ ބައިނަލްއަގުވާމީ އެންޓްރީ ފެސިލިޓީއެއް ގާއިމުކުރުން ހިމެނެއެވެ.

މި މަޝްރޫއާ ހަވާލުވާ ފަރާތުގެ ޒިންމާތަކުގެ ތެރޭގައި މެރީނާ އޮޕަރޭޓްކުރުމުގެ އިތުރުން، ހޮޓާ ނުވަތަ ބުޓީކް ރިސޯޓު، ރެސްޓޯރެންޓް، ފަޅުވެރިންނަށް ޚާއްސަ ވަސީލަތްތައް، ވޯޓަރސްޕޯޓްސް އަދި ވެލްނެސް ޚިދުމަތްތައް ތަރައްގީކުރުން ހިމެނެއެވެ. އަދި ބައިނަލްއަގުވާމީ މާކެޓުގައި މި މަންޒިލް އިޝްތިހާރުކޮށް، ޗާޓަރު ކުންފުނިތަކާއެކު ވިޔަފާރީގެ ގުޅުން ގާއިމުކުރުމަކީވެސް ޑިވެލޮޕަރުގެ ޒިންމާއެކެވެ.

އިންޑިއާ ކަނޑުގެ މައި ޔޮޓް ރޫޓުތައް ކަމަށްވާ އިރުދެކުނު އޭޝިއާއާއި، މެދުއިރުމައްޗާއި، އެފްރިކާ އަދި މެޑިޓަރޭނިއަން ސަރަހައްދު ގުޅުވައިދޭ މަގުގައި އުލިގަން އޮންނަނީ ޖިއޮގްރަފީ ގޮތުން ވަރަށް މުހިންމު ލޮކޭޝަނެއްގައެވެ. އެހެންކަމުން، މިހާރުވެސް އެ ރަށަށް ޒިޔާރަތްކުރާ ޔޮޓުތަކަށް ހަރުދަނާ ނިޒާމެއްގެ ތެރެއިން ޚިދުމަތް ފޯރުކޮށްދީ، ފުޅާ ދާއިރާއެއްގައި މެރީނާ އިގުތިސާދެއް ބިނާކުރުމަކީ، އުތުރުގެ އިގުތިސާދު ސިންދަފާތުކޮށް ފަތުރުވެރިކަން ކުރިއެރުވުމަށް ގެންގުޅޭ ދިގު މުއްދަތުގެ ސްޓްރެޓެޖީގެ މުހިންމު ބައެއް ކަމަށް އެމްޕީއެލުން ފާހަގަކުރެއެވެ.

ވަކިވަކި ކުންފުނިތަކަށާއި ޖޮއިންޓް ވެންޗާތަކަށްވެސް މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން އީއޯއައި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އެވެ. މަޝްރޫއާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ސުވާލު ހުށަހެޅުމުގެ ފުރުސަތު ވަނީ ދީފައެވެ.

މި މަރުހަލާގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކަށް، ތަފުސީލީ ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް (އާރްއެފްޕީ) ހުށަހެޅުމުގެ ފުރުސަތު ދެވަނަ ފިޔަވަހީގައި ދެވޭނެއެވެ.

އުލިގަމަކީ ޒަމާނުއްސުރެ ރާއްޖެއިން ބޭރުގެ ޔޮޓުތައް ބަނދަރުކުރަމުން އަންނަ މަޝްހޫރު މަންޒިލަކަށްވާއިރު، މި މަޝްރޫއު އެއްބަސްވުމުގައި އެމްޕީއެލާއި އުލިގަމު ކައުންސިލާ ދެމެދު ސޮއިކޮށްފައިވަނީ 1 އޮގަސްޓު 2024 ގައެވެ. މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ އެ ރަށުގެ ޔޮޓް ޓޫރިޒަމް ވިޔަފާރި އިތުރަށް ފުޅާކޮށް، ގައުމީ އަދި ރަށު ފެންވަރުގައި އިގުތިސާދީ ބޮޑު ނަފާއެއް ހޯދުމެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް