ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ (ވ). ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް (ކ)
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ (ވ). ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް (ކ)
އަންހެނުންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލައިގައި ހިތްވަރު ދެއްވައި ވާހަކަ ދައްކަވާފައިވާތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޢާފަށް އެދިވަޑައިގެން މަގާމުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވަނީ ޓެކްސީ ޑްރައިވަރު އައިމިނަތު ވަހީދާގެ ކާރަށް ތަކުރާރުކޮށް ގެއްލުންދޭ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. އައިމިނަތު ވަހީދާއަށާއި އޭނާގެ ޓެކްސީއަށް އެކި ފަހަރުމަތިން ގޯނާކުރާ މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައި މިވަނީ، ވަރަށް ފަހުންވެސް އައިމިނަތު ވަހީދާގެ ޓެކްސީއަށް ބަޔަކު ގެއްލުންދީފައިވަނިކޮށެވެ.

އެ މައްސަލައިގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ، މީހަކާ މެދު ޖިންސީ ކުށުގެ އަމަލެއް ހިންގުމުން ފުލުހުންނާއި، ފުލުހުންގެ މިނިސްޓްރީއާއި ހަވާލުވެގެން ހުންނަ މިނިސްޓްރީގެ ވަޒީރު އެއީ ކުޑަކަމެއް ކަމަށް ވިދާޅުވުމަކީ އެކަމަށް ހިތްވަރު ދެއްވުން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަން މިނިސްޓަރ ވަނީ މީގެ ކުރިން މަޢާފަށް އެދިވަޑައިގެންފަ. އެމަނިކުފާނަށް އެ ވިދާޅުވެވުނު ބަސްފުޅުން. އެހެންނަމަވެސް، އެހެން ގައުމެއްގައި ނަމަ އަޅުގަނޑުމެންނަށް ފެންނާނީ މަޢާފަށް އެދުމާއި އެކު އިސްތިއުފާގެ ސިޓީ ވެސް ރައީސްގެ އަތްޕުޅަށް އަރުވާ މަންޒަރު. އެހެން ނަމަވެސް މި ރާއްޖޭގައި ވަރަށް ތަފާތު ގޮތަކަށް ބައްޓަންވެފައި އޮންނަ ނިޒާމެއް މި ނިޒާމަކީ. އެއްވެސް ބޭފުޅަކު ވައްކަން ކުރެއްވިޔަސް، ކިޔަން ނުވާވަރުގެ އެއްޗެއް ހުންނަން ނުވާވަރުގެ މަގާމެއްގައި ހުރެގެން ވިދާޅުވިޔަސް އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް، ހިޔާލާތެއް ހުންނަ މަންޒަރެއް އަޅުގަނޑުމެންނަކަށް ނުފެނޭ." ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައަކީ މާބޮޑު ކަމެއް ނޫންކަމަށް ވިދާޅުވެ ހޯމް މިނިސްޓަރ އިމްރާން ދާދިފަހުން މީޑިއާގައި ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވައި މީކާއީލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ މަގާމުތަކުގައި ތިއްބަވާ ބޭބޭފުޅުންގެ ވާހަކަތަކާ އަމަލުތައް ބައްޓަންކުރައްވާ ގޮތާއި މެދު ކުރިއަށް ވުރެވެސް ބޮޑަށް ވިސްނަންޖެހޭ ކަމަށެވެ.

މީގެ އިތުރުން މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ ހޯމް މިނިސްޓަރަކަށް ހުންނަަަވާ ބޭފުޅަކަށް ޖެންޑަރ ބޭސްޑް ވަޔަލެންސްއަކީ، ނުވަތަ ޖިންސީ އަނިޔާއަކީ ކޮބައި ކަމާއި ޖެންޑަރ ސެންސިޓިވް ބަސް މަގަކީ ކޮބައިކަން އެނގުން ވަރަށް މުހިއްމު ކަމަށެވެ. އަދި ފުލުހުންގެ އިދާރާގައާއި ތަހުގީގީ އިދާރާތަކުގައި ތިބެން ޖެހޭނީ މިކަންކަމަށް ހޭލުންތެރި ފަރާތްތައް ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން