ނ. މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ( ފޮޓޯ: އެމްޓީސީސީ)
ނ. މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ( ފޮޓޯ: އެމްޓީސީސީ)
ނ.މިލަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށް ދާކަމަށާއި، ރ. އުނގޫފާރު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަސް ތެރޭގައި ފެށިގެންދާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ މިލަދޫ ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 57 އިންސައްތަ މިހާރު ނިމިފައިވާ ކަމަށާއި، މި މަޝްރޫޢުގެ ދަށުން 37،222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައި ވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 248 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 137 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު 286 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާކަމަށާއ 1،430 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތާއި ނެރު ބައްތި ޖެހުމާއި, މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ތާރު އެޅުމުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހު ފެށޭނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ މަގުހެދުމުގެ މަސައްކަތް ހަލުވި މިނެއްގައި ކުރިއަށްދާ ކަމަށާއި، މިގޮތުން އެސްފޯލްޓް ޕްލާންޓް މިހާރުވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށެވެ. މި މަޝްރޫޢުގެ ދަށުން، 16،488 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، ހިނގާ ސަރަޙައްދެއް ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ނ. މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ހުސްވި އަހަރުގެ ސެޕްޓެމްބަރު 25 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 42.18 މިލިއަން ރުފިޔާއަށެވެ. އަދި އުނގޫފާރު މަގުހެދުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 30.3 މިލިއަން ރުފިޔާއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން