ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ޖިނާއީ ބޮޑެތި މައްސަލަތަކާއި، މުޖުތަމަޢުގެ ޢާންމު މަޞްލަޙަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާދެމެދު މުވާސަލާތްކުރާނެ ލިޔެވިފައިވާ އުޞޫލެއް އެކުލަވާލައި ޢަމަލުކުރަން ފަށައިފިއެވެ.

ޕީޖީ އޮފީހުން ބުނީ، މި އުޞޫލުގައި، 12 މޭ 2020 ގައި ޕްރޮސިކިއުޓަރ ޖެނެރަލް ނެރުއްވާފައިވާ "ޖިނާއީ ބޮޑެތި މައްސަލަތަކުގައި ޢަމަލުކުރާނެގޮތުގެ އިރުޝާދުގެ 1" ގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޛްކުރާނެ ގޮތުގެ ތަފްޞީލް ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި މި އުޞޫލުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޕީޖީ އޮފީހާ ދެމެދު ޤާއިމުކޮށްފައިވާ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް، ރިއަލް ޓައިމްކޮށް، ނުވަތަ ވަގުތުން ވަގުތަށް މަޢުލޫމާތާއި ލަފާ ބަދަލުކުރެވޭނެ ނިޒާމެއް ވަނީ ޤާއިމުކުރެވިފައި ކަމަށް ޕީޖީން މަޢުލޫމާތު ދެއްވައެވެ.

ހަމައެހެންމެ މިނިޒާމުގެ ތެރެއިން، ޖިނާއީ ބޮޑެތި މައްސަލަތަކާއި، މުޖުތަމަޢުގެ ޢާންމު މަޞްލަޙަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގައި، މީހަކު ހައްޔަރުކުރުމާއެކު، އެމަޢުލޫމާތު ފުލުހުންގެ ޕޯޓަލަށް އަޕްޑޭޓް ކުރާ ވަގުތު، ޕީޖީ އޮފީހަށް އެމަޢުލޫމާތު ލިބި، އެކަމުގެ ނޯޓިފިކޭޝަން ލިބޭނެ ކަމަށާއި، އެކަމާ ގުޅިގެން ޕީޖީ އޮފީހުން އަޅަންޖެހޭ ފިޔަވަޅުތަކާއި، އޭގެ ފަހުން، ދެ މުއައްސަސާގެ މެދުގައި މުޢާމަލާތު ކުރެވެމުންދާނެގޮތުގެ އިޖުރާއަތްތައް މި އުޞޫލުގައި ހިމެނެއެވެ.

މި އުޞޫލަށް ޢަމަލުކުރަން ފެށުމާއެކު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙުޤީޤުކުރާ މައްސަލަތަކުގެ ތެރެއިން މި އުޞޫލުގައި ބަޔާންކޮށްފައިވާ މައްސަލަތަކުގެ މަޢުލޫމާތު ޙިއްޞާކުރާތާ 24 ގަޑިއިރު ތެރޭގައި އެ މައްސަލައެއްގައި މަސައްކަތްކުރާނެ ޕްރޮސިކިއުޓަރެއް ނުވަތަ ޕްރޮސިކިއުޓަރުންގެ ޓީމެއް އައްޔަންކުރެވޭނެއެވެ. އަދި މައްސަލައިގެ ތަޙުޤީޤު ޓީމާއި ޕްރޮސިކިއުޓަރުންނާ ދެމެދުގައި ދެކެވޭ ވާހަކަތަކާއި، މައްސަލައިގެ ތަޙުޤީޤަށް ޕްރޮސިކިއުޓަރުން ދެއްވާ ލަފާ ލިޔުމުން ފެންނާން އޮންނާނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

މީގެ ސަބަބުން، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ފުލުހުންނާއި ޕްރޮސިކިއުޓަރުން އެއްކޮށް ކުރާ މަސައްކަތް، މިހާރަށްވުރެ އަވަސްވެ، ހަރުދަނާވެ، މުޅި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް އެއްގޮތަކަށް ކުރެވިގެންދާނެއެވެ. ފުލުހުންނާއި ޕީޖީއޮފީހުގެ ޚިދުމަތް މިހާރަށްވުރެ ބޮޑުތަނުން ރަނގަޅު ކުރެވި، ރައްޔިތުންގެ އިތުބާރު އިތުރުކޮށް ދެމެހެއްޓޭނެއެވެ. މިބައި ފުރިހަމަ ކުރެވުމުން، ޖިނާއީ ބޮޑެތި މައްސަލަތަކުގައި މީހާ ހައްޔަރުކުރާ ހިސާބުން ފެށިގެން ޕީޖީ އޮފީހުން ޝަރީޢަތަށް މައްސަލަ ހުށަހެޅުމާ ހަމައަށް ޕީޖީ އޮފީހުގެ އެތެރޭގައި ޢަމަލުކުރާނެ ހުރިހާ އުޞޫލެއްވެސް މިހާރު ހުރީ ލިޔެވިފައި ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މިކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ރެކޮމެންޑޭޝަނަކަށް އެކުލަވާލެވުނު ނިޒާމެއް ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


12

ހަސަންބެ

06-Nov-2020

މިހާރު ތިދަނީ ރަންގަޅު މަސްރާބައް


3

ފާތުން

06-Nov-2020

އެހެން ވީމައޭ މިހާރު މިއޮތް ސަރުކާރައް ދާއީދު ކުރެވެނީ


-1

އިއްބެ

06-Nov-2020

ވަރައް ރަންގަޅު ތިކަން މިހާރުވެސް މާ ބޮޑައް ލަސްވެސް ވެއްޖެ އަވަސް ކުރޭ



ޓްރެންޑިން