އިދިކޮޅު ކޯލިޝަނުން އީސީ އާ އެކު މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
އިދިކޮޅު ކޯލިޝަނުން އީސީ އާ އެކު މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
އިދިކޮޅު ކޯލިޝަނަށް ލިބެންޖެހޭ ފައިސާ ނުލިބޭތީއާއި، ސިޔާސީ ޙަރަކާތް ހިންގުމުގައި ހުރި ހުރަސްތައް ނައްތާލުމާ ގުޅޭގޮތުން އިދިކޮޅު ކޯލިޝަނުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި މަޝްވަރާކުރަށްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނާއެކު ބޭއްވި ބައްދަލުވުމަށްފަހު ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރާއްޖޭގައި ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތެއް ނެތް ކަމަށާއި، އިދިކޮޅު ކޯލިޝަނުގެ ސިޔާސީ ޙަރަކާތްތައް ހިންގުމަށް ބޮޑެތި ހުރަސްތައް ހުރިކަމަށެވެ.

އަބްދުއްރަޙީމް ވިދާޅުވީ އަތޮޅުތެރެއަށް ދަތުރުކޮށް ކެންޕެއިން ހަރަކާތްތައް ހިންގުމުގެ ފުރުސަތު އިދިކޮޅު ކޯލިޝަނަށް ނެތްކަމަށާއި، ނަމަވެސް ސަރުކާރުން ހިންގާ ކަންކަމުގެ ނަމުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ މެންބަރުން ރަށްރަށަށް ވަޑައިގެން ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރަމުން ގެންދާ ކަމަށެވެ.



މިއަދުގެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަނުން ވަނީ ރަށްރަށަށް ދަތުރުކޮށް ކެމްޕޭން ކުރުމުގެ ފުރުސަތާއި ސިޔާސީ ޕާޓީތަކަށް ލިބެންޖެހޭ ފައިސާ ވީހާ ވެސް އަވަހަކަށް ލިބޭނެ ގޮތް ހަދައިދިނުމަށް އީސީގައި އެދިފައެވެ.

އީސީން ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކެމްޕޭންގެ ޙަރަކާތްތައް ކުރިޔަށް ގެންދެވޭނެ ކަމަށެވެ. އިންތިހާބު އަންނަ މާޗު މަހުގެ ކުރީކޮޅު ބޭއްވޭތޯ މަސައްކަތް ކުރަމުން ގެންދާއިރު މިހާތަނަށް ނަން އަނބުރާ ގެންގޮސްފައިވާ ފަރާތްތައް އަދާހަމަ ކުރުމާއި ނަން އަނބުރާ ގެންދެވޭނެ މުއްދަތެއް ކަނޑައެޅުމާއި ރީރަޖިސްޓްރީގެ ކަންކަން އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ގޮތެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އީސީން ވަނީ ބުނެފައެވެ.

ކައުންސިލް އިންތިހާބަށް 4172 އަށް ވުރެ ގިނަ މީހުން ކުރިމަތިލިއެވެ. ނަމަވެސް އޭގެ ތެރެއިން 71 ކެނޑިޑޭޓަކު ނަން އަނބުރާ ނަގާފައިވާކަމަށް އީސީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން