ދަޢުލަތުގެ މާލީ ވަޒީރު އިބްރާހިމް އަމީރު
ދަޢުލަތުގެ މާލީ ވަޒީރު އިބްރާހިމް އަމީރު
2021 ވަނަ އަހަރަށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ ކަމަށެވެ. އަދި 2021 ވަނަ އަހަރު، ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާ ކަމަށެވެ.

2021 ވަނަ އަހަރުވެސް ވާނީ އާމްދަނީގެ ގޮތުން ތަދު އަހަރަކަށް ކަން ފާހަގަކުރަށްވައި އަމީރު ވިދާޅުވީ، 2021 ވަނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާ ކަމަށެވެ. 2020 ގައި ހުށަހެޅި ބަޖެޓަށްވުރެ މިބަޖެޓު ކުޑަކުރި ނަމަވެސް، އާމްދަނީ ދަށްވާ މިންވަރު ބޮޑުކަމުން، ބަޖެޓުގެ ޑެފިސިޓް ބޮޑު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން 2021 ވަނަ އަހަރުގެ ބަޖެޓު، 15.5 ބިލިއަން ރުފިޔާ އިން ޑެފިސިޓް ވާނެއެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތަ އެވެ.

މިއަދުގެ ޖަލްސާގައި މިނިސްޓަރ އަމީރު ވިދާޅުވީ، 2021 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލެވިފައިވަނީ ރާއްޖޭގެ އިޤްތިސާދު އަލުން އާރާސްތުކުރުމުގެ ތަސައްވުރަކާއެކު، އިޤްތިސާދުގެ ވިލުންވެރިކަން އިތުރުކޮށް ސިންދަފާތުކުރުމުގެ ޕްލޭންތަކާއެކުގައި ކަމަށެވެ. އަދި ހަމައެއާއެކު، މި ވަގުތަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް ސަރުކާރުން ސަޕޯޓް ކޮށްދޭންވީ ވަގުތު ކަމަށް ވުމުން އިޤްތިސާދީ ހަރަކާތްތައް އަލުން އަނބުރާ އެންމެ މަތީ ގިޔަރަށް ދީލާލުމަށް ކުރަން ޖެހޭ ކަންކަމަށް މި ބަޖެޓުން ޖާގަ ދީފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުގެ އެންމެ މުހިއްމު އަމާޒުތައް ހާސިލުކުރުމަށް ބަޖެޓުގައި ހިމެނިފައިވާ ކަންތައްތައް ތަރުތީބުކުރެވިފައިވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއީ ފަހަތަށް ޖެހެންވީ ވަގުތު ނޫން ކަމަށާއި، މިހާރު މި އޮތް ހާލަތުން އަރައިގަނެ، އިޤްތިސާދު ވީ އެންމެ އަވަހަކަށް ކުރިން އޮތް ހާލަތަށް ރުޖޫޢަ ކުރުމަށް ކުރެވެން އޮތް ކަމަކީ ފިސްކަލް ޕޮލިސީ މެދުވެރިކޮށް އިޤްތިސާދު "ސްޓިމިއުލޭޓްކުރުން" ކަމަށެވެ. އަދި މިއީ ރާއްޖޭގެ މާލީ ހާލަތު ތަންދިން އެންމެ ބޮޑަކަށް، އިޤްތިސާދީ ހަރަކާތް ސްޓިމިއުލޭޓްކޮށް، އިތުރު މަޝްރޫޢުތައް ފަށައި، ސަރަހައްދީ ތަރައްޤީ އަށް އިންވެސްޓްކުރަންވީ ވަގުތު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން