ދަޢުލަތުގެ މާލީ ވަޒީރު އިބްރާހިމް އަމީރު
ދަޢުލަތުގެ މާލީ ވަޒީރު އިބްރާހިމް އަމީރު
2020 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ އިޤްތިސާދު 29.3 އިންސައްތައިން ދަށަށް ދާނެކަމަށް ބެލެވޭ ކަމުގައި ދަޢުލަތުގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް 2021 ވަނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، 2020 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ އިޤްތިސާދު 29.3 އިންސައްތައިން ދަށަށް ދާނެކަމަށް ބެލެވޭ ކަމަށާއި، މިއީ މީގެ ކުރިން އަހަރެއްގެ ތެރޭގައި ދުވަހަކުވެސް އިޤްތިޞާދު ދަށްވި މިންވަރު ނޫން ކަމަށެވެ.

އަދި މި ކަމުގެ އަސަރު ރާއްޖޭގެ ހުރިހާ ސިނާއަތަކަށް ކޮށްފައިވާކަން ފާހަގަކޮށް އަމީރު ވިދާޅުވީ، ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ މިންވަރު މިއަހަރު 65 އިންސައްތަ ދަށަށް ދާނެ ކަމަށާއި، އެއާއެކު ފަތުރުވެރިކަމުގެ ދާއިރާ 68 އިންސައްތަ ދަށަށް ދާނެކަމަށް ބެލެވޭ ކަމަށެވެ. އަދި އިމާރާތްކުރުމުގެ ދާއިރާއަށްވެސް ވަނީ 11 އިންސައްތައިގެ ދަށްވުމެއް އައިސްފައި ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

"މި ބަޖެޓު މި ހުށަހަޅަނީ ކޮވިޑް-19 އާ އެކު ދުނިޔެ އާއި ރާއްޖޭގެ އިޤްތިސާދަށް ތަދުމަޑުކަމެއް އައިސްފައިވާ ދަނޑިވަޅެއްގައި. މިއީ މީގެ ކުރިން ދިމާވި އެހެން އެއްވެސް އިޤްތިސާދީ ތަދުމަޑުކަމަކާ ނުބައްދަލު ކާރިސާއެއް. ކޯވިޑް-19ގެ ޕެންޑެމިކް އާއި އަދި އެއިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއެކު ރާއްޖޭގެ އިޤްތިސާދުގެ ސައިޒު، މި ހިނގާ 2020 ވަނަ އަހަރު މިވަނީ 29.3 އިންސައްތައިން ކުޑަވެފައި. މިއީ ތަހައްމަލުކޮށް، އިސާހިތަކު އަނބުރާ އަރައިގަންނަން ފަސޭހަ މިންގަނޑެއް ނޫން. އިޤްތިސާދު އަލުން އާރާސްތުކޮށް ކޮޅަށް ޖެހުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން، 2021 ވަނަ އަހަރުގެ ބަޖެޓު ރޭވިފައިވާނީ ކޯވިޑް-19 ގެ އިޤްތިސާދީ އަދި އިޖުތިމާއީ ގެއްލުންތަކުން ވީހާވެސް އަވަހަކަށް އަރައިގަނެ، "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގެ އެންމެ މުހިއްމު ސިޔާސަތުތައް ތަންފީޒުކުރުމުގެ މައްޗަށް ކަމަށް އަމީރު ވިދާޅުވިއެވެ. މިގޮތުން، ރާއްޖޭގެ ތަރައްޤީ އާއި ޚިދުމަތްތައް ލާމަރުކަޒުކުރުމާއި، ސަރަހައްދީ ތަރައްޤީ ބާރުމިނުގައި ގެނައުމަށް އިންވެސްޓްކުރާ ތަން މި ބަޖެޓުން ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޯވިޑް-19 އާ އެކު، ރައްޔިތުންނަށާއި ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކަށްވެސް ބަޖެޓުން ހައްލު ފެންނާނެ ކަމަށް ވިދާޅުވިއެވެ.

"މި ކަންކަމަށް މި ބަޖެޓުން ޖާގަ ހޯދާފައިވާނީ ދައުލަތުގެ ހިންގުމުގެ ޚަރަދުތައް ކުޑަކޮށްގެން. ނަމަވެސް، ރައްޔިތުންނާ ގުޅުންހުރި، މުހިއްމު ޕްރޮގްރާމްތަކާއި އިޖުތިމާޢީ ރައްކާތެރިކަން ދެމެހެއްޓުމަށް އިސްކަން ދީފައިވާނެ." އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، 2020 ވަނަ އަހަރު ފެށުނު އިރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ހުރީ ޑަބަލް ޑިޖިޓް ގްރޯތު ރޭޓުތަކުގައި ކަމަށާއި، 2020 ވަނަ އަހަރާ ކުރިމަތިލީ ފަހި އިޤްތިސާދެއްގެ މޯހިރުގައި "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގައިވާ ވައުދުތަކުގައި ކުލަޖެއްސުމުގެ ޕްލޭންތަކާއެކު ކަމަށެވެ. އަދި ކޯވިޑް-19 ޕެންޑެމިކް އަދި އިޤްތިސާދު ހުއްޓުވާލި ބޮޑު ފުރަބަންދާ ދިވެހިރާއްޖެ ކުރިމަތިލީ، ރާއްޖޭގެ އިޤްތިސާދީ ދުވެލި ހަލުވިވަމުން އަންނަނިކޮށް ކަމަށް އެމަނިކްފާން ވިދާޅުވިއެވެ.

މިވަގުތު ދުނިޔޭގެ އިގްތިސާދުވެސް ވަނީ ރެސެޝަންއަކަށް ގޮސްފައިކަން ފާހަގަކުރަށްވައި އަމީރު ވިދާޅުވީ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލަފާކުރާ ގޮތުގައި ދުނިޔޭގެ އިޤްތިސާދު މި އަހަރު 4.4 އިންސައްތައިން ދަށަށްދާނެ ކަމަށާއި، ތަރައްޤީ ވަމުން އަންނަ ޤައުމުތަކާއި، ރާއްޖެ ފަދަ ޖަޒީރާ އަދި ޓޫރިޒަމަށް ބަރޯސާވާ ޤައުމުތަކަށް ކޮށްފައިވާ އަސަރު އަދި މާ ބޮޑު ކަމަށެވެ.

"އަންނަ އަހަރު ދުނިޔޭގެ އިޤްތިސާދުކުރިއަރާނެކަމަށް އައި.އެމް.އެފް އިން ލަފާކުރަނީ 5.2 އިންސައްތައިން. ކޯވިޑް-19 އާ ގުޅިގެން ޤައުމުތައް ވެއްޓިފައިވާ އިޤްތިސާދީ ވަޅުގަނޑުން އަރައިގަނެ ބަލިމަޑުކަމުގެ ކުރީގެ ލެވެލްއާ ހިސާބަށް ދިއުމަށް އުނދަގޫ ދަތުރެއް އޮތް ކަމަށް ތަޖުރިބާކާރުން ދެކޭ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޤައުމުތަކުގެ ފިސްކަލް ޕޮލިސީ ކަނޑައަޅައި ބަޖެޓު ތައްޔާރުކުރުމުގައި ބަލާ އެންމެ މުހިންމު އެއް އަސާސަކީ އިގްތިސާދީ އަދި މާލީ ހާލަތު ކަމަށާއި، ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިޤްތިސާދު އަދި މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި މީގެ ކުރިން ދިމާވި ހުރިހާ އިޤްތިސާދީ ޝޮކްތަކާއި ޚިލާފަށް، މި ދަށްވި ދަށްވުން ދިގުލައިގެން ގޮސްފައިވާކަން އެމަނިކުފާން ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން