ދަޢުލަތުގެ މާލީ ވަޒީރު އިބްރާހިމް އަމީރު
ދަޢުލަތުގެ މާލީ ވަޒީރު އިބްރާހިމް އަމީރު
2020 ވަނަ އަހަރަށް ފާސްކުރެއްވި 37.9 ބިލިއަން ރުފިޔާގެ ބަޖެޓު ގާތްގަނޑަކަށް 27 ބިލިއަން ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ބަޖެޓް ހުށައަޅުއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، ކޯވިޑް-19 އާ ގުޅިގެން އިތުރުވި ޚަރަދުތަކާއެކު، 2020 ވަނަ އަހަރުގެ މުރާޖަޢާކުރި ބަޖެޓުގެ ޖުމުލައަކީ 31.8 ބިލިއަން ރުފިޔާ ކަމަށާއި، މިއީ މި މަޖިލީހުން މި އަހަރަށް ފާސްކުރި މިންވަރަށްވުރެ 6.1 ބިލިއަން ރުފިޔާ ކުޑަ އަދަދެއް ކަމަށެވެ.

އަދި މި ހިނގާ 2020 ވަނަ އަހަރުގެ ބަޖެޓަށް ފައިސާ ހޯދަން ބަލާއިރު، އާމްދަނީއަށް ވަނީ ބޮޑު ލޮޅުމެއް އައިސްފައި ކަމަށާއި، ފާސްކުރި ބަޖެޓުގައި 29.9 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވީ ނަމަވެސް، މިހާރު ލިބޭނެ ކަމަށް ބެލެވެނީ 14.7 ބިލިއަން ރުފިޔާ ކަމަށެވެ. މިއީ ފާސްކުރި ބަޖެޓުގައި އަންދާޒާކުރި މިންވަރަށްވުރެ 51 އިންސައްތަ ދަށް އަދަދެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން 2020 ވަނަ އަހަރުގެ ބަޖެޓު 15.9 ބިލިއަން ރުފިޔާއިން ޑެފިސިޓްވާނެ ކަމަށާއި، މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 27.5 އިންސައްތަ ކަމަށް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން ފުރަބަންދުގެ ތެރޭގައި އިޤްތިސާދުގައި ހަރަކާތްތެރިވެވެން އޮތް ހަމައެކަނި މައިގަނޑު ފަރާތަކީ ދަޢުލަތް ކަމަށާއި، މާބޮޑަށް ޚަރަދު ކުޑަކުރުމަކީ ނުވަތަ އިޤްތިސާދު ކޮންޓްރެކްޓް ކުރުމަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް ދާއިމީ ގެއްލުންތަކެއް ވެދާނެކަމެއް ކަމަށެވެ.

"އިޖުތިމާޢީ ރައްކާތެރިކަން ގެއްލިދާނެ ކަމެއް. ވެއްޓުނު އިގުތިސާދީ ވަޅުގަނޑު އިތުރަށް ފުންވެދާނެ ކަމެއް. ފިސްކަލް ޕޮލިސީ އަކީ ޤައުމުގެ އިޤްތިސާދު ނެގެހެއްޓުމަށް އެހީތެރިވެވެން އޮތް އެންމެ މުހިއްމު ވަސީލަތް. އެހެންކަމުން މި ދަނޑިވަޅަކީ ކައުންޓަރސިކްލިކަލް ފިސްކަލް ޕޮލިސީއެއް ދަމަހައްޓަން ޖެހޭ ދަނޑިވަޅެއް." މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ އިންފްލޭޝަން މައްޗަށް ދިޔަނުދީ އެބަ ހިފެހެއްޓޭ ކަމަށާއި 2020 ވަނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ޖުމުލަ ގޮތެއްގައި ދަނީ ދަށަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސަބަބަކީ ތެލުގެ އަގު ދަށްވެފައިވުމާއި، ބާޒާރުގައި ޑިމާންޑް ދަށްވުމާއި، ކޯވިޑް-19ގެ ޕޮލިސީ އެކްޝަންގެ ތެރެއިން ކަރަންޓުބިލުންނާއި ފެންބިލުތަކުން ޑިސްކައުންޓް ދީފައިވުން ކަމަށް އެމަނިކުފާން ވިދާޅުވިއެވެ. އަންނަ އަހަރު، ރާއްޖޭގެ އިންފްލޭޝަން ހުންނާނެ ކަމަށް ބެލެވެނީ 3.6 އިންސައްތައިގައި ކަމަށާއި މިއީ މި އަހަރު ނަގާފައިވާ ޕޮލިސީ އެކްޝަންތަކުގެ ބޭސް އިފެކްޓް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ދުނިޔޭގެ އިންފްލޭޝަން ރޭޓާއި ތަރައްޤީވަމުން އަންނަ ގައުމުތަކުގެ އިންފްލޭޝަންއާ އަޅާބަލާއިރު، މިއީ ދަށް އަދަދެއް ކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން