އެމްއެމްއޭގެ މައި އިދާރާ
އެމްއެމްއޭގެ މައި އިދާރާ
ދައުލަތުގެ ދަރަނި 2020 ވަނަ އަހަރު ނިމޭއިރު ހުންނާނެކަމަށް ބެލެވެނީ 70.4 ބިލިއަން ރުފިޔާގައި ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ ބަޖެޓް ހުށައަޅުއްވަމުން މިނިސްޓަރ ވިދާޅުވީ، ބަޖެޓު ފައިނޭންސްކުރުމަށްޓަކައި، ދަރަނި ނަގަންޖެހޭ މިންވަރު ވަނީ އިތުރުވެފައި ކަމަށާއި، ދައުލަތުގެ ދަރަނި 2020 ވަނަ އަހަރު ނިމޭއިރު ހުންނާނެކަމަށް ބެލެވެނީ 70.4 ބިލިއަން ރުފިޔާގައި ކަމަށެވެ. 2020 އަށް ފާސްކުރި ބަޖެޓުގައި ދަރަނި ހުންނާނެކަމަށް ލަފާކުރީ 58.4 އިންސައްތައިގައި ކަމަށާއި، ނަމަވެސް ކޯވިޑް-19 އާއެކު ކުރިން ލަފާކުރި މިންވަރަށްވުރެ 10 ބިލިއަން ރުފިޔާ ޑެފިސިޓަށް އިތުރުވި ކަމަށް އަމީރު ވިދާޅުވިއެވެ.

ކޯވިޑް-19 އާ ގުޅިގެން އިޤްތިސާދުގައި ވަޒީފާތައް މަދުވެއްޖެ ކަމަށާއި ވަޒީފާ ގެއްލުނު މީހުންގެ އަދަދު ގިނަވެއްޖެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޖޮބް ސެންޓަރުގެ ހިސާބުތަކަށް ބަލާއިރު، އޭޕްރީލުން ސެޕްޓެންބަރު މަހުގެ ނިޔަލަށް 10,538 އަށްވުރެ ގިނަ މީހުން ވަޒީފާ ގެއްލިގެން ނުވަތަ އާމްދަނީއަށް ނޭދެވޭ އަސަރުކޮށްގެން ޖޮބް ސެންޓަރަށް ހުށަހަޅާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކޯވިޑް-19 ބަލިމަޑުކަން ދުނިޔޭގައި ފެތުރެން ފެށުމާއެކު، ދިވެހި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކަށްވީ ވައިރަސްއާ ކުރިމަތިލުމުގެ ޤާބިލުކަން ގާއިމްކުރުން. މިއީ އިޤްތިސާދީ ހަރަކާތްތައް އަލުން ފެށުމަށާއި، ރައްޔިތުންގެ ރައްކާތެރިކަމަށް މުހިއްމުވި ފިޔަވަޅުތަކެއް. އެހެނީ އިޤްތިސާދީ ލޮޅުމުގެ އަސްލަކީ ކޮވިޑް-19ގެ ވައިރަސްކަމުގައި ވީ ހިނދު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން، މުޅި އިޤްތިޞާދު ސަލާމަތްކުރެވެން އޮތީ އެ ފިޔަވަޅުތައް އަޅައިގެން. އިޤްތިސާދީ ހަރަކާތްތައް މުޅިން އަނބުރާ އިއާދަކުރެވެން އަންނަނީވެސް ވައިރަސް ފެތުރުން ކޮންޓްރޯލްކުރެވި، އެއާއެކީ އުޅެވޭނެ މަގެއް ފަހިކޮށްގެން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިޤްތިސާދު ދަށްވެ، ވަޒީފާތަކަށް އަސަރުކުރުމުން، ދައުލަތުގެ ބަޖެޓުގެ އަމާޒަކަށްވީ އިޤްތިސާދު ހިފެހެއްޓުމާއި، ރައްޔިތުންނަށާއި ވިޔަފާރިތަކަށް ދިމާވެފައިވާ ނިކަމެތިކަމަށް އެހީތެރިވުން ކަމަށެވެ. އެގޮތުން ކޯވިޑް-19 އާއެކު ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރި ކަމަށާއި، ކާޑާއި ޒަރޫރީ ތަކެތި ހޯދައި ސްޓޮކް ކުރުމަށް 84 މިލިއަން ރުފިޔާ ހޭދަކުރެވުނު ކަމަށް އެމަނިކްފާން ވިދާޅުވިއެވެ.

މީގެ އިތުރުން އިކޮނޮމިކް ރިލީފް ޕެކޭޖެއް ތައާރަފްކުރެވުނު ކަމަށާއި، މިގޮތުން ވިޔަފާރިތަކަށް މިހާތަނަށް ބެންކް އޮފް މޯލްޑިވްސް އާއި އެސްޑީއެފްސީ މެދުވެރިކޮށް 1.1 ބިލިއަން ރުފިޔާގެ ލޯނު އެހީ ދީފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އިންކަމް ސަޕޯޓްގެ ގޮތުގައި 29 އޮކްޓޫބަރުގެ ނިޔަލަށް 10,538 ފަރާތަކަށް 116.1 މިލިއަން ރުފިޔާ ދެވިއްޖެ ކަމަށްވެސް ވިދާޅުވިއެވެ. އިޤްތިސާދުގެ ކޮންޒަމްޕްޝަން އިތުރުކޮށް، އިޤްތިސާދު ދަށްވިޔަ ނުދީ ހިފެހެއްޓުމަށް، ގޭބިސީތަކަށް ކަރަންޓު ބިލާއި ފެންބިލުން ޑިސްކައުންޓްދީ އެހީތެރިވެވުނު ކަމަށާއި، ސަރުކާރުން ކުރިއަށް ގެންދިޔަ މި އިޤްތިޞާދީ ރިލީފް ޕެކޭޖްތަކުގެ ސަބަބުން، ދިވެހިންގެ އެތައް ވަޒީފާއެއް ސަލާމަތްކުރެވުނު ކަމަށް އަމީރު ވިދާޅުވިއެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް އިމްޕޯޓްކުރާ މިންވަރު ވަނީ ދަށަށް ގޮސްފައި ކަމަށާއި، އެއާއެކު، ބޭރު ފައިސާ ވަންނަ މިންވަރު ދަށްވި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތަކެތި ހޯދަން ބޭރު ފައިސާ ބޭރުވާ މިންވަރުވެސް ދަށްވެފައިވާ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ކަރަންޓް އެކައުންޓް ޑެފިސިޓް ހުރީ 1.1 ބިލިއަން އެމެރިކާ ޑޮލަރުގައި ކަމަށާއި، އަންނަ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް 1.4 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގެ ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ހުންނާނީ 799 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށާއި، މިއީ މި އަހަރު ފެށުނު އިރު ރިޒާވް ހުރި މިންވަރަށްވުރެ މަތީ އަދަދެއް ކަމަށް އަމީރު ވިދާޅުވިއެވެ.

އަދި 2021 ވަނަ އަހަރު ރަސްމީ ރިޒާވް ހުންނާނެ ކަމަށް ލަފާކުރެވެނީ 696 މިލިއަން އެމެރިކާ ޑޮލަރުގައި ކަންވެސް ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން