މާލޭގައި ހުންނަ މައި ހޮސްޕިޓަލް، އައިޖީއެމްއެޗް
މާލޭގައި ހުންނަ މައި ހޮސްޕިޓަލް، އައިޖީއެމްއެޗް
2021 ވަނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓްގައި ސިއްހީ ދާއިރާއަށް 4 ބިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، 2021 ވަނަ އަހަރާވެސް މިކުރިމަތިލަނީ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށާއި، އުންމީދަކީ މި ބައްޔަށް ވެކްސިނެއް ނުވަތަ ފަރުވާއެއް އަވަހަށް ހޯދިގެން ދިއުން. ކަމަށެވެ. ރާއްޖޭގެ އިގުތިސާދު މިހާރު މި ދަނީ ހުޅުވާލަމުން ކަމަށާއި، މިގޮތަށް ކުރިއަށް ދިއުމުގެ އަސާސަކީ ކާމިޔާބު ކަމާއެކު ބަލި ކޮންޓްރޯލް ކުރެވޭ މިންވަރު ކަމަށް އަމީރު ވިދާޅުވިއެވެ.

"އެހެންކަމުން މިބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާއެއް ދާއިރާއަކީ ސިއްހީ ދާއިރާ. މިގޮތުން ސިއްހީ ދާއިރާއަށް ވާނީ 4 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައި." އަމީރު ވިދާޅުވިއެވެ.



2021 ވަނަ އަހަރުގެ ބަޖެޓުގައި ވާނީ ކޯވިޑް-19 އާ ދެކޮޅަށް އާންމު ސިއްހީ ދާއިރާއިން މިހާރުވެސް ކުރިއަށް ގެންދާ މަސައްކަތްތަކަށް ބަޖެޓު ކަނޑައަޅާފައި ކަމަށާއި، ކުރިއަށް އޮތްތާގައިވެސް މި ވައިރަސް ކޮންޓްރޯލް ކުރެވެން އޮތީ ޓެސްޓު ކުރާ އަދަދު އިތުރުކޮށްގެންނާއި، ކޮންޓެކްޓް ޓްރޭސިންގ އާއި، ބަލި މީހުން އެކަހެރި ކުރުން ކުރިއަށް ގެންދެވިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ފަތުރުވެރިކަން ވެސް ރަނގަޅަށް ހުޅުވާލެވެން އޮތީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ފަސޭހައިން ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ކަމަށާއި، މި ބައްޔަށް 2021 ވަނަ އަހަރުގައި ވެކްސިންއެއް ފެނިއްޖެނަމަ މި ވެކްސިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބަޖެޓުގައި ޖާގަ ދެވިފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އޯގާތެރި ސަރުކާރުގެ އެއް އަސާސަކީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުން. މިގޮތުން މިދާއިރާއިން ސަރުކާރުން ކުރަމުންގެންދާ އެންމެ މުހިއްމު އެއް ކަމަކީ، 5 ސަރަހައްދެއްގައި ޓަރޝަރީ ފެންވަރަށް ސިއްހީ ޚިދުމަތް ތަރައްޤީކުރުން. މިގޮތުން، ޓަރޝަރީ ފެންވަރަށް މި ހޮސްޕިޓަލްތައް ތަރައްޤީ ކުރުމަށް 2020 ވަނަ އަހަރުގެ ބަޖެޓުން ފެށުނު މަޝްރޫއުތައް 2021 ވަނަ އަހަރުގައި ކުރިއަށްދާނެ. ސަރަހައްދީ ތަރައްޤީގެ ތަސައްވުރާއެކު، 2021 ވަނަ އަހަރު ކުރުމަށް ނިންމާފައިވާ އިންވެސްޓްމަންޓްތަކަކީ ރާއްޖޭގެ ސިއްޙީ ނިޒާމަށް މިހާތަނަށް އަންނާނެ އެންމެ ބޮޑު އިންގިލާބީ ބަދަލަށް ވެގެންދާނެ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މީގެއިތުރުން، އަތޮޅު ތެރޭގައި ޕްރައިމަރީ ހެލްތުކެއަރގެ ޚިދުމަތް ފުޅާކުރުމާއި، ފަސޭހައިން ލެބޯރެޓަރީގެ ޚިދުމަތްތައް ލިބޭނެ މަގު ފަހިކުރުމަށް މޯބައިލް ލެބްގެ ޚިދުމަތް ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

"ސިއްހީ ދާއިރާއިން އަލަށް ފެށުމަށް ކަނޑައަޅާފައިވާ މުހިންމު އެއް މަޝްރޫއަކީ ރާއްޖޭގައި ފެންވަރު ރަނގަޅު ކެންސަރ ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަޝްރޫއު. މި މަޝްރޫއު ވެގެންދާނީ ކެންސަރާ އެހެނިހެން ގައިންގަޔަށް ނާރާ ބަލިތަކުން މަރުވާ އަދަދު 2018 ގައި ހުރި މިންވަރުން 15 އިންސައްތަ ދަށް ކުރުމަށް އަޅުގަނޑުމެން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް މުހިންމު މަޝްރޫއަކަށް." އަމީރު ވިދާޅު ވިއެވެ.

2019 ވަނަ އަހަރުގެ ތެރޭގައި ސެންޓަރ ފޯ މެންޓަލް ހެލްތު ވާނީ ގާއިމުކޮށްފައި ކަމަށާއި، 2021 ވަނަ އަހަރުގެ ބަޖެޓުގައި ވާނީ މެންޓަލް ހެލްތު ސެންޓަރ ގެ ޔުނިޓުތައް އަތޮޅުތެރޭގައި ގާއިމުކުރުމަށް ރޭވިފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއަހަރު ކޯވިޑް-19 ގެ ސިއްޚީ އޮޕަރޭޝަނަށް 1.3 ބިލިއަން ރުފިޔާއާ ގާތަށް މިހާރު ހޭދަކުރެވިއްޖެ ކަމަށާއި، މިއަދު ރާއްޖޭގެ ބޯޑަރު ހުޅުވައި، އިޤްތިސާދީ ހަރަކާތްތައް ފެށިފައިވުމުގެ އަސްލަކީ ސަރުކާރުން އޭރު އެޅި ހަރުދަނާ ފިޔަވަޅުތައް ކަމަށެވެ. ސިއްޚީ ދާއިރާއަށް މި ކުރެވުނު އިންވެސްޓްމަންޓަކީ، ދިގު ރާސްތާގައިވެސް ފައިދާކުރާނެ މުހިއްމު އިންވެސްޓްމަންޓްތަކެއް ކަމަށް އެމަނިކްފާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


1

މުހައްމަދު އަލީ

12-Nov-2020

ތިނަދޫ ޓާޝަރީ ހޮސްޕިޓަލުން



ޓްރެންޑިން