އާސަންދަ އޮފީސް؛ އާސަންދަ އާއި އެހެނިހެން އިޖުތިމާއީ ރައްކާތެރިކަމުގެ ސްކީމުތަކަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި 3.7 ބިލިއަން ރުފިޔާ ހިމަނާފައިވޭ
އާސަންދަ އޮފީސް؛ އާސަންދަ އާއި އެހެނިހެން އިޖުތިމާއީ ރައްކާތެރިކަމުގެ ސްކީމުތަކަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި 3.7 ބިލިއަން ރުފިޔާ ހިމަނާފައިވޭ
އާސަންދަ އާއި އެހެނިހެން އިޖުތިމާއީ ރައްކާތެރިކަމުގެ ސްކީމުތަކަށް ޖުމްލަކޮށް 2021 ވަނަ އަހަރުގެ ބަޖެޓުގައި ވަނީ 3.7 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، އާސަންދަ އާއި އެހެނިހެން އިޖުތިމާއީ ރައްކާތެރިކަމުގެ ސްކީމުތަކަށް ޖުމްލަކޮށް 2021 ވަނަ އަހަރުގެ ބަޖެޓުގައި ވަނީ 3.7 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށާއި، އާސަންދަ ސްކީމަށް އެކަނިވެސް 718 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައި ވާކަމަށެވެ.

"ގައުމެއްގެ ހުރިހާ ރައްޔިތުންނަށް ސިއްހީ ހިދުމަތް ޔަގީން ކޮށްދެވުމަކީ ދުޅަހެޔޮ އުފެއްދުންތެރި އާބާދީ އެއް ބިނާކުރުމަށް މަގު ފަހިކޮށްދޭ ކަމެއް. ރައްޔިތުންނަށް ސިއްހީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މިފަދަ ނިޒާމަކުން ރައްޔިތުންނަށް މާލީ ރައްކާތެރިކަންވެސް ފޯރުކޮށްދޭ. މީގެ ފައިދާއާ މެދު އެއްވެސް ޝައްކެތް ނެތް. ނަމަވެސް މިފަދަ ސްކީމެއް ހިންގާއިރު ޚަރަދު އިސްރާފުވުމަށް ފުރުސަތުތަކެއް ހުރިކަން ދެނެގަންނަންޖެހޭ. އަދި ޚަރަދު ބޮޑުވުމަށް މިނިޒާމުގެ ތެރެއިން އިންސެންޓިވް ތަކެއް އުފެދޭކަންވެސް ގަބޫލުކުރަންޖެހޭ. ހަގީގަތަކީ މި ބޭކާރު ވެގެންދާ ފައިސާއަކީވެސް ޓެކްސް އާމްދަނީ އިން ނުވަތަ ދަރަނި ނަގައިގެން ހަމަޖައްސަންޖެހޭ ޚަރަދުތަކެއްކަން. ވީމާ 2021 ވަނަ އަހަރު ވެގެންދާނީ ސިއްހީ އިންޝޫރެންސްގެ ނިޒާމުގައި ހުރި އިންއެފިޝަންސީތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާ އަހަރެއްކަމަށް." މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން 2021 ވަނަ އަހަރުގެ ބަޖެޓުގައި ވެސް ވާނީ ކޯވިޑް-19 ގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެ، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމްގެ ތެރެއިން އެހީތެރިކަން ކޮންމެހެން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ދިރިއުޅުން އަލުން އާރާސްތުކުރުމަށް މަގުފަހިކޮށްދިނުމަށް ބަޖެޓުން ޖާގަ ދީފައި ކަމަށް އަމީރު ވިދާޅުވިއެވެ.

ހަމައެއާއެކު އިޖުތިމާއީ ރައްކާތެރިކަމުގެ ގައުމީ އޮނިގަނޑުގެ ތެރެއިން ދެވެމުންދާ އެހީތައް 2021 ވަނަ އަހަރުގައި ކުރިއަށް ދާނެ ކަމަށާއި، މިގޮތުން ތަކެތީގެ އަގުހެޔޮ ކުރުމަށްދޭ އެހީ އާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ އެހީ އާއި، އުމުރުން ދުވަސްވީ ފަރާތްތަކަށް ދޭ އެހީ އާއި އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީ ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި 2021 ވަނަ އަހަރު ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ރިހެބިލިޓޭޝަން ޚިދުމަތްދޭ މަރުކަޒަކާއި، މާލޭގައި ޑޭ ކެއަރ ސެންޓަރެއް ޤާއިމްކުރުމަށް ރޭވިފައިވާ ކަމަށާއި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކޮށް، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އަނބުރާ މުޖުތަމަޢަށް ގެނައުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް މި ބަޖެޓުގައި ވާނީ ހިމަނާފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ކުޑަކުދިންގެ ޢަދުލުގެ ނިޒާމް ހަރުދަނާކުރުމަށާއި، ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒެއް ޤާއިމްކުރުމަށް ވާނީ ހިމަނާފައި ކަމަށް ބަޖެޓް ހުށައަޅުއްވަމުން މާލީ ވަޒީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން