ރާއްޖޭގެ އަގުބޮޑު ރިސޯޓެއް؛ ސަރުކާރުގެ އާމްދަނީ ދަށްވެފައިވަނީ ރާއްޖޭގެ މައިގަނޑު އިޤްތިޞާދު ބިނާވެފައިވާ ފަތުރުވެރިކަން ދަށްވުމުން
ރާއްޖޭގެ އަގުބޮޑު ރިސޯޓެއް؛ ސަރުކާރުގެ އާމްދަނީ ދަށްވެފައިވަނީ ރާއްޖޭގެ މައިގަނޑު އިޤްތިޞާދު ބިނާވެފައިވާ ފަތުރުވެރިކަން ދަށްވުމުން
2021 ވަނަ އަހަރު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، 2021 ވަނަ އަހަރު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާ ކަމަށާއި މިއީ އާންމު ގޮތެއްގައި ދައުލަތަށް ލިބޭ އާމްދަނީއާ އަޅައިބަލާއިރު ވަރަށް ބޮޑުތަން ކުޑަ އަދަދެއް ކަމަށެވެ. ނަމަވެސް މިއީ މި ހިނގާ 2020 ވަނަ އަހަރު ލިބޭނެކަމަށް ލަފާކުރެވޭ އާމްދަނީއަށްވުރެ 21 އިންސައްތަ އިތުރު އަދަދެއް ކަމަށާއި، އާމްދަނީ އަނބުރާ ކޮވިޑުގެ ކުރިން ހުރި މިންވަރާ ހަމައަށް އަންނާނެކަމަށް ބެލެވެނީ 2023 ގައި ކަމަށް އަމީރު ވިދާޅުވިއެވެ.

"2021ގެ އާމްދަނީގެ މައިގަނޑު ބައިތަކަށް ބަލާއިރު، ޓެކުހުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭ. އަދި ޓެކްސް ނޫން ގޮތްގޮތުން ލިބޭނެކަމަށް ލަފާކުރެވެނީ 5.8 ބިލިއަން ރުފިޔާ. މީގެ އިތުރުން، ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބޭނެކަމަށްވެސް ލަފާކުރެވޭ." މިނިސްޓަރ ވިދާޅުވިއެވެ.

އާމްދަނީ އިތުރުކުރުމަށާއި ސިޔާސަތުތަކަށް ބަދަލު ގެނައުމުގެ ގޮތުން އަންނަ އަހަރު އާމްދަނީގެ ބައެއް ސިޔާސަތުތަކަށް ބަދަލު ގެންނަން ރޭވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން މިހާރު ރައްޔިތުންގެ މަޖިލީހުގައިވާ އެއަރޕޯޓް ސަރވިސް ޗާޖް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް ބަދަލު ގެނައުމުގެ ބިލް ފާސްވެ، އަންނަ އަހަރުގެ މެދުތެރެއިން ފެށިގެން ތަންފީޒުކުރެވޭނެކަމަށް ލަފާކޮށްފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ރިއަލް އެސްޓޭޓް ޓޫރިޒަމް ފުޅާކޮށް، އެ ސިނާއަތުން އާމްދަނީ ހޯދުމަށް ބެލިފައިވާނެ ކަމަށާއި، އަދި ރާއްޖޭގެ އެންމެ އުތުރާއި ދެކުނުން އާ ރިޒޯޓްތައް ތަރައްޤީކުރުމަށް ހުޅުވާލުމަށް ރޭވިފައިވާ ކަމަށްވެސް މާލީ ވަޒީރު ވިދާޅުވިއެވެ. އަދި ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުމަށާއި އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަށް ހުޅުވާލުމަށް ރޭވިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރަށްތަކުގެ ބިން، ވަކިން ޚާއްސަކޮށް ހިއްކާފައިވާ ބިންތަކުގެ ވަކި އިންސައްތައެއް، އާންމުންނަށް ވިއްކުމަށް ހުޅުވާލެވޭނެ ކަމަށާއި، އަދި ލެގޫން ލޭންޑް ކޮންސެޕްޓެެއް ތައާރަފްކޮށް، ވަކި އުސޫލުތަކެއްގެ ތެރެއިން ރަށްރަށުގެ ފަޅުތައްވެސް ބިމެކޭ އެއްގޮތަށް ތަރައްޤީކުރުމަށް ހުޅުވާލެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ޕާކިންގ ސްލޮޓްތައް ހަދައި ކުއްޔަށްދިނުމާއި ކޮންޖެޝަން ޗާޖެއް ތައާރަފުކުރުމަށްވެސް ރޭވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ ކަންތައްތަކުން އަންނަ އަހަރު 1.2 ބިލިއަން ރުފިޔާ ހޯދޭނެކަމަށް އަންދާޒާކޮށްފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން