މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
2021 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވޭ ކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން 124.8 އިންސައްތަ ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، މި ވަގުތަކީ އިޤްތިސާދީ ހަރަކާތްތައް ހުއްޓުނަނުދީ ހިފަހައްޓަންވީ ވަގުތު ކަމަށާއި، މި ވަގުތު އިގްތިސާދުގައި އެންމެ މުހިއްމު ރޯލެއް ކުޅެވޭނީ ސަރުކާރަށް ކަމަށެވެ. އެގޮތުން އިގްތިސާދީ ކުރިއެރުން އަވަސްކޮށް، މި އަޑިގަނޑުން އަރައިގަތުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ސަރުކާރުން ކުރާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

"ނަމަވެސް އިޤްތިސާދު މެނޭޖްކުރުމަށްޓަކައި މި ވަގުތު ދޭން އޮތް ފަރުވާގެ ސައިޑް އިފެކްޓަކީ ދަރަނި މައްޗަށް ދިއުން. މިގޮތުން 2021 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވޭ. މިއީ ޖީޑީޕީގެ ނިސްބަތުން 124.8 އިންސައްތަ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ ދަރަނި މި ވަގުތު މައްޗަށް ދިޔަ ނަމަވެސް، މެދުރާސްތާގައި ދަރަނި ކުޑަކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މެދުރާސްތާގައި ދަރަނި 'ސަސްޓެއިނަބަލް' މަގަށް ގެންނަން، ޖީޑީޕީ އިތުރުކުރަންޖެހޭ ކަމަށާއި، ޖީޑީޕީ މިހާރު ދަށަށްދިޔުން ހުއްޓުމަކަށް ގެނެސް، 2021 ވަނައަހަރު 'ގްރޯތް ޕާތް' އަކަށް ދާންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ދަރަނި މެނޭޖްކޮށް ބެލެހެއްޓުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރިއަށް އޮތް ގިނަ އަހަރުތަކުގައި ކުރަން ޖެހޭ ކަމަށާއި، މިކަމުގައި މަޖުލީހުގެ ލަފާވެސް ބޭނުންކުރަމުން ގެންދާނެ ކަމަށެވެ. އަދި ދަރަނީގެ ނިސްބަތް ދެމެހެއްޓެނިވި މަގަށް ގެނައުމަކީ ކުރަންޖެހޭ ކަމެއްކަން ފާހަގަ ކުރަށްވަމުން އަމީރު ވިދާޅުވީ، ދެމިހެއްޓެނިވި މަގަށް ގެނައުމަށް 'ފިސްކަލް ކޮންސޮލިޑޭޝަން' ނުވަތަ ކަމަރު ބާރުކުރުމަކީ މިވަގުތު ބުއްދިވެރިކަމެއް ނޫން ކަމަށެވެ.

"ކަމަރު ބާރުކުރަންވާނީ ރިކަވަރީއަށް ފަހު. އޤްތިސާދީ ތަޖުރިބާކާރުން ދެކޭ ގޮތުގައި ކޯވިޑް-19 ގެ ތަދުމަޑުކަމަކީ ކުރު މުއްދަތުގެ މައްސަލައެއް. އަޅުގަނޑުމެން މިއީ އަހަރުތަކަކަށް ދިގުދެމިގެންދާ މައްސަލައަކަށް ހަދައިގެން ނުވާނެ. ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިފައިވާނީ މި ހާލަތުން އަވަހަށް އަރައިގަނެ އިޤްތިސާދު އަލުން އާރާސްތުކުރުމަށް." އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ، 2018 ވަނަ އަހަރުގެ ނޮވެމްބަރ 17 ވަނަ ދުވަހު މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު ޤައުމަށް ދިމާވެފައިވާ ގިނަ މައްސަލަތަކަށް 2 އަހަރު ތެރޭގައި ބަޖެޓް ތެރޭން ހައްލު ހޯދުމަށް ގިނަ ގުނަ މަސައްކަތްތަކެއް ވާނީ ކުރެވިފައި ކަމަށެވެ. އެހެން ނަމަވެސް 2020 ވަނަ އަހަރު ނިމިގެން މިދަނީ ބަޖެޓްގައި ކަނޑައެޅި ވަރަށް ގިނަ ކަންތައްތަކެއް އެގޮތަށް ބެހެއްޓުމަށްފަހު ބަޖެޓް މުޅިން އެހެން ދިމާއަކަށް މިސްރާބު ބަދަލު ކުރަން ޖެހުނު އަހަރެއްގެ ގޮތުގައި ކަމަށް އަމީރު ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ ފިސްކަލް ސިޔާސަތު މިހާރު ބައްޓަންވަމުން މި ދަނީ ކޯވިޑް-19 އާ އެކު ދިމާވި ބޮޑު އިޤްތިސާދީ ޝޮކުން އެކި ފަރާތްތަކަށް ކޮށްފައިވާ އަސަރު ކުޑަކުރުމަށާއި، މިހާލަތުން އަރައިގަތުމުގެ މައްޗަށް ކަން ފާހަގަ ކުރަށްވައި އަމީރު ވިދާޅުވީ، ކޯވިޑް-19 އާ ގުޅިގެން އެކަށައަޅާ އިޤްތިސާދީ އަދި ފިސްކަލް ސިޔާސަތަކީ ކުރު މުއްދަތަކުން ނިންމާލެވޭނެ ސިޔާސަތެއް ނޫން ކަމަށެވެ.

"މި ތަދުމަޑުކަމުން އަރައިގަތުމަށްފަހު، ފަހަށް ރައްކާކުރުމަށާއި ފިސްކަލް ރިޒާވެއް އުފެއްދުމަށް ސަމާލުކަން ދޭން ޖެހޭނެ. އަދި ދެން އަންނަ މި ފަދަ ތަދުމަޑުކަމަކަށް ފުރިހަމައަށް ތައްޔާރުވެފައި އޮންނަން ޖެހޭނެ. ޖުމުލަކޮށް، މި ވަގުތު އަޅާ ފިޔަވަޅުތަކާ ގުޅުންހުރި އެހެން ސިޔާސަތުތައް މެދު އަދި ދިގުރާސްތާގައި ކުރިއަށް ގެންދަންޖެހޭނެކަން ފާހަގަކޮށްލަން. ހަމަ އެއާއެކު، އަޅުގަނޑުމެން މި ވަގުތުވެސް މަސައްކަތްކުރަންވާނީ ވަސީލަތްތަކާއި މާލީ ހާލަތަށް ބަލައިގެން. ދައުލަތުގެ ޚަރަދު އެފިޝަންޓްކޮށް، އިސްރާފު މަދުކުރަން ޖެހޭ. ކުރާ ކޮންމެ ޚަރަދަކީ އޭގެ ނަތީޖާ ހެޔޮ ގޮތުގައި ރައްޔިތުންނަށް ސީދާ ފޯރާނެ ޚަރަދަކަށް ވާންޖެހޭ." އަމީރު ވިދާޅުވިއެވެ.

މިއަދުގެ މަޖިލީހުގައި މިނިސްޓަރ ވަނީ ރާއްޖޭގެ އިޤްތިސާދީ ދުވެލި ހަލުވިކުރުމަށާއި ސަރަހައްދީ ތަރައްޤީ ގެނައުމަށާއި ސަރުކާރުގެ އެންމެ މުހިއްމު އަމާޒުތަކަށް ވާސިލުވުމަށް ކުރާ މަސައްކަތުގައި މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ދެއްވައި ބަޖެޓް ފާސްކޮށްދެއްވާނެ ކަމާމެދު ޝައްކު ނުކުރަށްވާކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން