ރަށެއްގެ ނަރުދަމާގެ މަސައްކަތް މަސައްކަތް ކުރިއަށް ދަނީ
ރަށެއްގެ ނަރުދަމާގެ މަސައްކަތް މަސައްކަތް ކުރިއަށް ދަނީ
2021 ވަނަ އަހަރުގެ ބަޖެޓުގައި 169 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި 1.2 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، ފެނާއި ނަރުދަމާގެ ޚިދުމަތަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިދޭންޖެހޭ އަސާސީ ޙައްޤެއް ކަމަށާއި، ސަރުކާރުން ވަޢުދުވެފައިވާގޮތަށް، އަމާޒަކީ 2023 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިހާތަނަށް މަސައްކަތް ނުފެށި ހުރި ހުރިހާ ރަށެއްގައި 2021 ވަނަ އަހަރު އަމަލީ މަސައްކަތް ފެށޭނެ ކަމަށާއި، މި އަންނަ އަހަރުގެ ބަޖެޓުގައި 169 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި 1.2 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ. މިއީ، ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން އަތޮޅުތަކުގައި ހިންގާފައިނުވާވަރުގެ ބޮޑު މަޝްރޫޢެއް ކަމަށް އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން 2020 ވަނަ އަހަރު، ލާމަރުކަޒީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފުރަތަމަ ފަހަރަށް ކައުންސިލްތަކަށް "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީ ދެވިފައިވާ ކަމަށާއި، މިގޮތަށް ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ ޖުމްލަ މިންވަރަކީ ޑޮމެސްޓިކް ރެވެނިއުގެ 5 އިންސައްތައިގެ އިތުރުން، ބިމާއި، ރަށްރަށާއި، ފަޅާއި ފަރުފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހަމައެއާއެކު ކައުންސިލްތަކުން ފޯރުކޮށްދޭ މުނިސިޕަލް ޚިދުމަތްތަކުގެ ފީ ގެ ގޮތުގައި ލިބޭ އާމްދަނީ ކައުންސިލްތަކަށް ލިބޭނެ ކަމަށާއި، މިގޮތުން 2021 ވަނަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ދިނުމަށް ވާނީ ހުށަހަޅާފައި ކަމަށް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ، ޖުމުލަކޮށް 2021 ވަނަ އަހަރުގެ ބަޖެޓަކީ ޖަޒީރާ މެނިފެސްޓޯގެ މައި ޕްރޮގްރާމްތައް ހާސިލުކުރުމާއި، ރައްޔިތުންނާއި ސީދާ ގުޅުންހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި، އިޤްތިސާދު އަލުން އާރާސްތުކޮށް ސިންދަފާތުކޮށް ވިލުންވެރިކަން އިތުރުކުރުމާއި ސަރަހައްދީ ތަރައްޤީއަށް ކުރާ ހޭދަ ކުރިއަށް ގެންދާނެ ބަޖެޓެއް ކަމަށެވެ.

2021 ވަނަ އަހަރުގެ ބަޖެޓު މި މޭރުމުން ހިންގަން މުހިއްމުވާ ސަބަބަކީ، އަދި ފިސްކަލް ޕޮލިސީ މެދުވެރިކޮށް އިޤްތިސާދު ނެގެހެއްޓުމަށް ކުރަމުންދާ މަސައްކަތް މި ވަގުތު މަޑުޖައްސާލުމަކީ ބުއްދިވެރިކަމަކަށް ނުވުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ވަގުތަކީ ތިމާވެއްޓާ ރައްޓެހި ޕަބްލިކް އިންވެސްޓްމަންޓް މެދުވެރިކޮށް ދިވެހި ވިޔަފާރިތަކާއި ރައްޔިތުންނަށް އެހީތެރިވެ، އިޤްތިސާދުގައި ފައިސާ ދައުރުވާނޭ މަގު ހޯދައިދޭންޖެހޭ ވަގުތުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން