ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ތެރެއިން
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ތެރެއިން
2021 ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓްގައި ހައުސިން މަޝްރޫއުތަކަށް ޖުމްލަ 716 މިލިއަން ރުފިޔާ ބަޖެޓް ކޮށްފިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ އެންމެ އިސް އަމާޒަކީ ފަޚުރުވެރި އާއިލާއެއް ބިނާކޮށް، ޤަދަރުވެރި ދިރިއުޅުމެއް އުޅެވޭ ރައްޔިތެއްކަން ކަށަވަރުކޮށްދިނުމަށް، ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ހައްލު ހޯދައިދީ، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ދަޢުލަތުގެ ބަޖެޓް ހުށައަޅުއްވަމުން މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވީ، މާލެއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމަށް، އެފޯޑަބަލް ހައުސިން މަޝްރޫތަކަށް ބޭނުންވާ އިކުއިޓީ ބަޖެޓުން ފޯރުކޮށްދިނުމަށް 2021 ވަނަ އަހަރު ހިމަނާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ، އައު ހައުސިންގ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަކަށް ފެށި، އަދި މިހާރު ކުރިއަށްދާ މަޝްރޫއުތައް ނިންމައި ފްލެޓްތައް ހައްޤުވާ ފަރާތްތަކަށް ހަވާލުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން 2021 ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓްގައި ހައުސިންގ މަޝްރޫއުތަކަށް ޖުމްލަ 716 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ނޫ އިޤްތިސާދެއްގެ އެންމެ މުހިއްމު އެއް އަސާސަކީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެއްޓާ ރައްޓެހިކޮށް އިޤްތިޞާދު ބިނާކުރުން ކަމަށާއި، އެގޮތުން އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށާއި، ތެޔޮ ބޭނުންކޮށްގެން ކަރަންޓު އުފައްދާ މިންވަރު މަދުކޮށް، އިސްރާފު ކުޑަކުރުމާގުޅޭ މަޝްރޫޢުތަކަށް ޖުމްލަ 148 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އިއާދަ ކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވުމުގެ އިތުރުން، ތެލަށް ކުރާ ޚަރަދު ކުޑަކުރެވި ރާއްޖެއިން ބޭރުވާ ފައިސާގެ މިންވަރު ކުޑަކުރެވޭނެ. ހަމަ މިއާއެކު، ރައްކާތެރިކަމާއެކު ކުނި ނައްތާލައި މެނޭޖްކުރުމާގުޅޭ މަޝްރޫތަކަށް ޖުމްލަ 390 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނިފައިވާނެ. ރަށު ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ނިޒާމްތައް ޤާއިމްކުރުމަށް 2021 ވަނަ އަހަރު ޚާއްޞަ ސަމާލުކަމެއް ސަރުކާރުން ދޭނެ." މިނިސްޓަރ ވިދާޅުވިއެވެ.

އަދި މި ވަގުތަކީ ތިމާވެއްޓާ ރައްޓެހި ޕަބްލިކް އިންވެސްޓްމަންޓް މެދުވެރިކޮށް ދިވެހި ވިޔަފާރިތަކާއި ރައްޔިތުންނަށް އެހީތެރިވެ، އިޤްތިސާދުގައި ފައިސާ ދައުރުވާނޭ މަގު ހޯދައިދޭންޖެހޭ ވަގުތުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން