ރާއްޖޭގެ ރަށްރަށުގެ ދެމެދުގައި ދަތުރުކުރާ ފެރީ ލޯންޗެއް (ފޮޓޯ: ސޯޝަލް މީޑިއާ)
ރާއްޖޭގެ ރަށްރަށުގެ ދެމެދުގައި ދަތުރުކުރާ ފެރީ ލޯންޗެއް (ފޮޓޯ: ސޯޝަލް މީޑިއާ)
ޖަޒީރާ ރާއްޖޭގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އުތުރުގައި ހައި-ސްޕީޑް ފެރީގެ ނިޒާމެއް ޤާއިމްކުރުމަށް ބަޖެޓްގައި ހިމަނާފައިވާ ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، ޖަޒީރާ ރާއްޖޭގެ ސިޔާސަތުގެ އެންމެ މުހިންމު އެއް އަސާސަކީ ރައްޔިތުން ރަށު ބަންދުން ފިލުވައިދިނުމާއި، ތަކެއްޗާއި ހިދުމަތްތައް ގާތްކޮށްދިނުން ކަމަށެވެ.

އެގޮތުން ވަޒީފާއަށް ރަށުން ބޭރަށް ގޮސް ދުވަހުގެ މަސައްކަތް ނިމުމުން ޢާއިލާ ކައިރިއަށް އަނބުރާ އައުމަށް މަގުފަހި ކޮށްދިނުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކުގައި ހައި-ސްޕީޑް ފެރީގެ ނިޒާމެއް ގާއިމުކުރުމަށް ވަނީ ރޭވިފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި މަޝްރޫއުގެ ދަށުން ދަތުރުކުރުމަށް ބޭނުންވާ ޒަމާނީ ބާރުދުވެލީގެ ފެރީތަކާއި، މި ނިޒާމް ހިންގުމަށް ބޭނުންވާ އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް ތަރައްޤީ ކުރެވިގެންދާނެ ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އަދި ރަށްރަށުގެ ބަނދަރުތައް އަޕްގްރޭޑް ކުރުމާއި ފަސިންޖަރުންނަށް ޚިދުމަތްދިނުމަށް ބޭނުންވާ ޓަރމިނަލްތަކާއި މިކަންކަމާގުޅޭ ވަޞީލަތްތައް ތަރައްޤީ ކުރުމަށްވެސް ބަޖެޓުގެ ތެރެއިން ހަމަޖެހިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ، ޖުމުލަކޮށް 2021 ވަނަ އަހަރުގެ ބަޖެޓަކީ ޖަޒީރާ މެނިފެސްޓޯގެ މައި ޕްރޮގްރާމްތައް ހާސިލުކުރުމާއި، ރައްޔިތުންނާއި ސީދާ ގުޅުންހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި، އިޤްތިސާދު އަލުން އާރާސްތުކޮށް ސިންދަފާތުކޮށް ވިލުންވެރިކަން އިތުރުކުރުމާއި ސަރަހައްދީ ތަރައްޤީއަށް ކުރާ ހޭދަ ކުރިއަށް ގެންދާނެ ބަޖެޓެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން