ރައީސް ޔާމީންގެ ސަަރުކާރުގައި ޓުއަރިޒަމް މިނިސްޓަރަކަށް އަދީބު ހުންނެވިއިރު އޭނާ ފާހަގަވެފައިވަނީ ބާރުގަދަ، ނުފޫޒުގަދަ ބޭފުޅެއްގެ ގޮތުގައެވެ. ވަނަމަކަށް ބްރޯއޭ ކިޔައިގެން ގިނަ މީހުން އުޅުނަސް، އޭރު އެއީ އާދައިގެ ބްރޯއެއް ނޫނެވެ. ޤައުމުގައި ހިނގާ ކޮންމެކަމަކަށްވެސް ބްރޯގެ ނުފޫޒު ފޯރުވެއެވެ. ސަރުކާރުގެ އިތުރުން، މަޖިލީހާއި ޖުޑީޝަރީއާއި ސަލާމަތީ ބާރުތަކުގެ ތެރޭގައިވެސް ބްރޯގެ ނުފޫޒު އޮތީ ވަރަށް ގަދަކޮށެވެ.

ކޮންމެކަމެއްގައިވެސް ދާންޖެހެނީ ބްރޯ ކައިރިއަށެވެ. އޭރުން އެކަމެއްވާކަށް މާބޮޑު އުނދަގޫތަކެއް ނުވާނެއެވެ. ނުފޫޒު ފޯރުވަން ބްރޯގެ ހުންނަ ކުޅަދާނަކަމުން ރައީސް ޔާމީންއަށްވެސް ބްރޯގެ ފައިދާ ވަރަށް ބޮޑެވެ. ޤައުމުގެ ބޮޑެތި ކަންކަން އޮންނަނީ ބްރޯއަށް ދޫކޮށްލާފައެވެ. ބްރޯއަކީ އެހާވެސް ޔާމީން އޭރު އިތުބާރުކުރެއްވި ބޭފުޅެކެވެ. ބުނެވޭ ގޮތުގައި އޭރު އިދިކޮޅު ފަރާތްތަކާވެސް މުއާމަލާތް ކުރަނީ ބްރޯއެވެ. އިދިކޮޅު ފަރާތްތަކަށް ވެސް ސަރުކާރުން ކަންކަން ކުރާން އެންމެ ފަސޭހައީ ބްރޯކައިރިއަށް ގޮސްގެން ކަން ސާބިތުވާ ބައެއް ހެކިތައް ވެސް އެބަހުއްޓެވެ. އޭރުގެ އިދިކޮޅު ލީޑަރު ރައީސް ނަޝީދު ޖަލު ބަންދުގައި ހުންނަވަނިކޮށް ގެއަށް ބަދަލުކޮށް އަދި އަނބުރާ ޖަލަށް ނުގެންދެވޭ ގޮތަށް ކަމާބެހޭ ފަރާތުގެ ނަމުގައި ދިން ލިއުމަކީވެސް ބްރޯގެ ކަމެއް ކަމަށް ބުނެއެވެ.

ކޮންމެއަކަސް ޔާމީން ސަރުކާރުގައި ހުންނެވިފަދަ ބްރޯއެއް މިސަރުކާރަށްވެސް މިހާރު އެބަ ބޭނުންވެއެވެ. ކޮންމެހެން ކޮރަޕްޝަނާއި ފަސާދައަކަށް ނޫނެވެ. ނޫނީ ބޮޑެތި އަދަދުތަކުން ވައްކަންކުރާކަށްވެސް ނޫނެވެ. އޮތީ ހަމަ އެންމެ ބޭނުމެކެވެ. ސަރުކާރުގެ ތަރައްޤީގެ ދުވެލި އަވަސްކޮށްލުމެވެ. ވުޒާރާތައް އެއްއަމާޒަކަށް ގެނަސް ވަރުގަދަ މަސައްކަތްތަކެއް ކުރުމެވެ.

"ރަސް އޮންލައިން"އަށް ވަރަށް އިތުބާރު ހުރި ފަރާތަކުން މައުލޫމާތުދެމުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ ހުރިހާ އޮފީސްތައް ގުޅާލަދޭނެ ވަޒީރަކު ނުވަަތަ ބްރޯއެއް ވަރަށް އަވަހަށް އައްޔަންކުރަން ސަރުކާރުން ނިންމާފައިވާކަމަށެވެ. އެއީ ކޮންބޭފުޅެއްކަން ނޭނގުނަސް، އެބޭފުޅެއްގެ ޒިންމާއަކަށް ވާނީ ތަރައްޤީގެ ދުވެލި އަވަސްކޮށް، ރައްޔިތުންނަށް ތަރައްޤީ ގެނެސްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކުރައްވާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ރައީސް އިބްރާހީމްގެ ވަޢުދުތައް ފުއްދުމުގައި ފަހަތުފަޔަށް ބަރުވެ ބުރަހެލިވެފައިވާ ނުވަތަ ކަންނެތްވެފައިވާ ސަރުކާރުގެ ވަޒީރުންނާއި ވުޒާރާތަކަށް ގޮވައި ހޭލައްވައި އެފަރާތްތަކުގެ ދުވެލި ހަލުއިކޮށް ބާރު ކުރުމެވެ.

ހަގީގަތުގައިވެސް މިހާރު އެކަން ކުރަން ވެއްޖެތާ ކިތަންމެ ދުވަހެކެވެ. ހަގީގަތުގައި ސަރުކާރުގެ ވުޒާރާތައް ވަރަށް ބަރުހެއްޔެވެ. ވަރަށް ކަންނެތެވެ. ގިނައީ ވާނުވާވެސް ނޭނގޭ ތަންތަނެވެ. ކުރަންވީ ކަމެއް ހަދަންވީ ގޮތެއްވެސް ގިނަ ފަހަރަށް ނޭނގެއެވެ. އަމުދުން ކުރާކަމެއް ވެސް ރައްޔިތުންނަށް ކިޔައިދީ ބުނެދޭކަށް ނޭނގެއެވެ. ނުވަތަ ނުކެރެއެވެ. ނޫނީ ބޭނުމެއް ނުވެއެވެ. ސަރުކާރުގެ އިދާރާތަކާއި އޮފީސްތައް އަދިވެސް ހަމަ ހިނގަނީ "ތިރީސް އަހަރުގެ" ފިނިހަކަ ދުވެލީގައެވެ. އަދިވެސް ގެންގުޅެނީ 80 ގެ އަހަރު ތަކުގެ އިންޖީނެވެ. އެއިން އެއްޗެއް މިހާރު އިސްޓާޓުވަނީ ފަހަތުން ކޮއްޕައިގެންނެވެ. އޮޓޯއަކަށް ނުލެވެއެވެ. އޮޓޯއިން އިސްޓާޓެއް ނުކުރެވެއެވެ. މުޅިން ވެސް މެނުއަލްކޮށެވެ. އަދިވެސް ޕްރިންޓް ނަގައިގެން ފޯމު ފުރައިގެން އޮފީސްދަށުގައި މުގޯލި އަޅައިގެން ތިބެން ޖެހޭ ގޮތަށެވެ.

އަދި ހަމަ ބަދަލުވީ އަތުގައި އޮންނަ ފޯނާއި އޮފީހަށް ހޯދާ ކޮމްޕިއުޓަރެވެ. އަދި ހަމަ ތަރައްގީ ވަނީ އޮފީހުގެ ފަރުނީޗަރާއި ކާޕެޓާއި ކުލައެވެ. އަތުގައި އޮންނަ ފޯނު ކިތަންމެ ހާވެސް މޮޅުވެފައި ހަލުތްވެވެ. އެކަމަކު އޮފީހުގައި ހުންނަ ފޯނުގެ ޚިދުމަތް އަދިވެސް ހަތްދިހައިގައި ވެސް ދިން ގޮތަށެވެ. ފޯނު ނަގަނީ ނަގާނެ އިރަކުއެވެ. ގިނަ ފަހަރު ނަގާނެ މީހަކު ނުވެއެވެ. ސަރުކާރުގެ އައިޓީ ކަންކަން ބަލަހައްޓާން އިދާރާއެއް، ވުޒާރާއެއް ނުހުންނަ ހަނދާނެއް ނުވެއެވެ. އެކަމަކު އެ އިދާރާއަށް ނުވަތަ ވުޒާރާއަށް ކުރެވޭ ކަމެއް ހަމަ ހަރާމެވެ. ދަންނަވަން މިއުޅެނީ ވެބްސައިޓް ގަނޑުވެސް އިންނަނީ ގާވެފައެވެ. އެއީ ވެސް ހަމަ ނަމަކަށް އިންނަ އެއްޗެކެވެ.

ރަނގަޅަށް ބާރުތައް ދީފައި ސަރުކާރުގެ މެޝިންގަނޑު ހިންގަން ކަންކަން ކުރެވޭ "ހިހޫ ތަނުން އަބަދު ކައިގެން ނޫޅޭ ފަދަ" ބާރުގަދަ ވަޒީރަކު އައްޔަންކުރަން އުޅޭއިރު، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅުއްވި ބަޖެޓުގައި ވަނީ ގިނަ ކަންތައްތަކެއްކުރުމަށް ރާވާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރުގަދަ މަޝްރޫޢުތަކެއް ހިންގުމަށް ނިންމާފައިވާއިރު، މިކަންކަން އަވަސް، ބާރު ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށް ބާރުގަދަ ވަޒީރަކު ނުވަތަ ބްރޯއެއް މުހިއްމެވެ. ކަންކަން ބާރަށް ކުރިއަށް ހިންގާލާނެ މީހަކު ހަގީގަތުގައި ވެސް ބޭނުމެވެ. އެމީހަކީ ރައީސް އޮފީހަށް އައްޔަން ކުރައްވާ ވަޒީރަކަށް ވިޔަސް އެޑްވައިޒަރަކަށް ވިޔަސް މައްސަލައެއް ނެތެވެ. އެކަމަކު އެމީހަކީ ފިނިހަކަ ދުވެލީގެ ސްޕީޑްގެ މީހަކަށް ވެގެން ނުވާނެއެވެ. ދިރާގުން ވިއްކާ އިންޓަރނެޓް ޕެކޭޖް ފަދައިން އަބަދު ލޯޑިންގ ގައި، އެނބުރި އެނބުރި އިންނަ ގޮތަކަށް ނޫނެވެ. އަދި ޖައްސާލީމާ "ޚަތަމް" ވާގޮތަކަށްވެސް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު


9

އަހުމަދު

13-Nov-2020

ރަނގަޅުކަމެއް.... އެމަޤާމަށް މަބުރޫކު ނަނަބަރު ވަން...


15

ނުރަބޯ

14-Nov-2020

ރީނދޫ އިންޖީނު ގަނޑަކީ ޖާހިލިއްޔަ ޒަމާނުގައި މައްކާގައި އޮތް އިންޖީނުގަނޑެވެ. އެ އިންޖީނުގަނޑު އެނބުރެނީ ހަމަ އެއިރުވެސް އެނބުރުނު ގޮތަށް އެނބުރުނު ވަރަށެވެ. ވީމާ އެ އިންޖީނު ގަނޑު ވަކި ބާރަށް އެނބުރި ދާނެކަމަށް އުއްމީދު ކުރާނެކަމެއް ނެތެވެ.


10

މީނާ

14-Nov-2020

ޥ ރަނގަޅު ވާހަކައެއް ދެން އަންނަ ބްރޯ މޮނިޓަ ކުރާނެ ކުޑަ ބްރޯ އެއް ނެތިއްޖެ ނަމަ ރައީސް ޔާމީނަށް ލިބުނު ލަނޑެއްވެސް ލިބިދާދާނެ އިބޫ ނަގާ ބްރޯ ވާންވާނީ އަންނިގެ ބާރު ނުފޯނުވޭ ފަދަ ބްރޯއަކަށް



ޓްރެންޑިން