ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން
ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން
މ. މުލީ އެއާޕޯޓް ޕްރޮޖެކްޓަކީ ރައީސް ޔާމީން ކުރިއަށް ގެންދަން ނިންމަވާ އެމަނިކުފާނު އިއުލާން ކުރައްވާފައިވާ މަޝްރޫޢެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވުމުން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން އެކަމަށް ރައްދު ދެއްވައިފިއެވެ.

މެމްބަރު އިކްރާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުލީގައި ރައީސް ޔާމީންގެ ސަރުކާރުން ހިއްކި ފަސްގަނޑު ބޭނުން ނުކުރެވޭ ކަމަށާއި، އެއަރޕޯޓް އަޅާނަމަ އަލުން ޖެހެނީ ބިން ހިއްކަން ކަމަށެވެ.

މުލީގައި އެއާޕޯޓެއް އަޅުއްވާނެ ކަމަށް ރައީސް ޔާމީން އިއުލާން ކުރެއްވީ، މުލީގެ ބިން ހިއްކުމުގެ މަސައްކަތް ނިންމުން ފާހަގަ ކުރަން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން 2018 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. މެމްބަރު އިކްރާމް ވިދާޅުވީ، މުލީގައި އެއަރޕޯޓެއް އަޅަން ރައީސް ޔާމީންގެ ސަރުކާރުން އުޅުނުނަމަ ބޮޑު ޚަރަދު ކޮށްފައި ބިން ހިއްކާނީ އެއަރޕޯޓް އެޅޭ ގޮތަށް ކަމަށެވެ. އަދި ރައްޔިތުންނަށް އޮޅުވާ ނުލެއްވުމަށް އިކްރާމް ވަނީ މުއިއްޒަށް ގޮވާލައްވާފައެވެ.



މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުލީ އެއާޕޯޓަކީ ރައީސް ޔާމީން ކުރިއަށް ގެންދަން ނިންމަވައި، އެމަނިކުފާނު އިއުލާން ކުރައްވާފައިވާ މަޝްރޫޢެއް ކަމަށާއި، އެގޮތުން މުލީގައި އެއާޕޯޓު އެޅުމަށް މުލީ ބިން ހިއްކައި ނިންމާފައިވާ ކަމަށެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވީ އަންނަ އަހަރު މުލީ އެއާޕޯޓު އަޅާނެ ކަމަށާއި އަދި ބިލެތްފައްސާއި ބ.ތުޅާދޫގައި ވެސް އެއާޕޯޓު އެޅުމަށް ރާވާފައިވާ ކަމަށެވެ. އަދި މި އެއާޕޯޓުތައް އެޅުމުން ރައްޔިތުންނަށް އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށް ނަހުލާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން