އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް
ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބް އަންނަ އަހަރުގެ މާރޗް 6 ވަނަ ދުވަހަށް ތާވަލް ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާ ގުޅިގެން ފަސްކޮށްފައިވާ އިންތިޚާބު މީގެ ކުރިން ބޭއްވުމަށް ހަމަޖައްސާފައިއޮތީ މިއަހަރުގެ އޭޕްރީލް މަހުއެވެ. ނަމަވެސް ޤާނޫނަށް ގެނައި ބަދަލަކުން އެ އިންތިޚާބު ވަނީ ފަސްކޮށްފައެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ޤާނޫނު ބުނާގޮތުން އިންތިޚާބު ބާއްވާނެ ތާރީޚެއް ކޮމިޝަނުން އިޢުލާން ކުރަން ޖެހެނީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާތާ އެއް ހަފްތާ ތެރޭގައި ކަމަށެވެ. އެހެން ނަމަވެސް މާރޗް 6 އެއީ ޓާގެޓް ތާރީޚް ކަމަށް ބަލައިގެން ތައްޔާރީތައް ކުރިއަށް ގެންދާ ކަމަށާއި، ނަމަވެސް މިއީ އަދި ރަސްމީ ނިންމެވުމެއް ނޫން ކަމަށެވެ.

މާރޗް 6 ވަނަ ދުވަހަށް އިންތިޚާބް ތާވަލް ކުރަން ވިސްނަވާ ސަބަބުތައްވެސް ޝަރީފް ވިދާޅުވެދެއްވިއެވެ. އެގޮތުން އިންތިޚާބްގެ ނަތީޖާ ރަމަޟާން މަހުގެ ކުރިން އިޢުލާން ކުރަން ބޭނުން ވުމާއި، ކެމްޕޭން ކުރުމަށް ކެނޑިޑޭޓުންނަށް ޤާނޫނުން ލާޒިމްކުރާ މުހުލަތު ދިނުމާއި، އިންތިޚާބު ފަސްކުރުމަށް ނިންމި ޤާނޫނުގައި ބިލް ފާސްކުރާތާ އެއް އަހަރު ތެރޭގައި އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވުން ހިމެނޭ ކަމަށެވެ. އެހެން ކަމުން އެންމެ ލަސްވެގެންވެސް އަންނަ އަހަރުގެ މެއި މަހު އިންތިޚާބު ބާއްވައި ނިންމަން ޖެހެއެވެ.

މިއަންނަ އަހަރު މާރޗް 6 ގައި ލޯކަލް ކައުންސިލްގެ އިންތިޚާބް ބޭއްވުމަށް މަސައްކަތް ކުރަމުން ދާއިރު މި އިންތިޚާބާއި އެކުއެކީގައި އަންހެނުންގެ ކޮމިޓީތަކަށް މެމްބަރުން އިންތިޚާބު ކުރުމުގެ ވޯޓުވެސް ކުރިއަށް ގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން