ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު (ކ). އާއި ރައީސް ޞާލިޙް (ވ)
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު (ކ). އާއި ރައީސް ޞާލިޙް (ވ)
ބަހާއި ޢަމަލުވެސް ހުންނާނީ އެމްޑީޕީގެ ސިޔާސަތާއި އެއްގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗައިނާއިން ނަގާފައިވާ ލޯނުތަކާ ގުޅޭ ގޮތުން ރައީސް ނަޝީދު ދައްކަވާ ވާހަކަތަކާމެދު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވި، މަޖިލީހުން ބަޖެޓްގެ ކުރިން ހެދި ދިރާސާއިން ރާއްޖޭގެ ދަރަނީގެ މިންވަރު ސާފުވި ކަމަށާއި، އެހެންކަމުން އެވާހަކަ އެމްޑީޕީގެ މެމްބަރުން ދައްކާނެ ކަމަށެވެ.

އެމަނިކުފާން ވިދާޅުވީ، އެމްޑީޕީގެ ފަލްސަފާގައި ބުނާ ގޮތަށް އެމަނިކުފާން ޢަމަލު ކުރަށްވާނެ ކަމަށާއި، ދަރަނީގެ ވާހަކަ ދައްކަވާނެ ކަމަށެވެ.

"ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސްގެ ގޮތުގައި ޚާއްސަކޮށް، އެ ޕާޓީއަކީވެސް ފަލްސަފާއެއްވެސް އަދި އެޕާޓީގެ ސިޔާސަތު ތަކެއްވެސް އޮންނަ ޕާޓީއެއް. އަޅުގަނޑު ދައްކާ ވާހަކައެއްވެސް އަދި ކުރާ ކަމެއްވެސް އިރާދަކުރެއްވިއްޔާ ބަހައްޓާނީ އެ ސިޔާސަތުތަކާ އެ ފަލްސަފާތަކާ އެއް ހަމައިގަ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކަންކަން ފެންނަގޮތް ސަރުކާރަށް ފެންނަ ގޮތާ އެއްގޮތްވުމަކީ ސަރުކާރުވެސް ދެކޭގޮތް ނޫންކަމަށާއި، އަދި މަޖިލީހުގެ މެމްބަރުންވެސް ދެކޭގޮތް ނޫން ކަމަށެވެ. އަދި އެއީ ރާއްޖޭގެ ޤާނޫނު އަސާސީ ބަޔާންކުރާގޮތްވެސް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދު މިތަނަށް ހުއްޓި މިހުރީ މީގެ ތިރީހަކަށް އަހަރުއްސުރެ ފަހަތުގައިވާ ވަރަށް ބޮޑު މާޒީއަކާ އެކީގައި. އަޅުގަނޑުގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ދެކިގެން އަޅުގަނޑު މިހުރީ އެއްވެސް ކަމެއް އެއްވެސްތާކު ގޯސްކޮށް ހިނގަންޏާ އެވާހަކައެއް އަޅުގަނޑު ބުނާނަމޭ. ވަރަށް ސާފުކޮށް އަޅުގަނޑު އެވާހަކައެއް ބުނާނަމޭ. އެކަމާ ބޭފުޅުން ހިތްހަމަޖެހިވަޑައިގަތަސް އަދި ހިތްހަމަޖެހިވަޑައި ނުގަތަސް އަޅުގަނޑު އެކަމަކާ ކުރާނެ ކަމެއް ނެތް." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއަކީ މަޖިލީހުގެ ސުޕަރ މެޖޯރިޓީއެއް އޮންނަ ޕާޓީއެކެވެ. އެޕާޓީގެ 65 މެމްބަރުން މަޖިލީހުގައި ތިއްބަވާއިރު، ފަހަކަސް އައިސް ބައެއް ކަންކަމުގައި މެމްބަރުންގެ ޚިޔާލު ތަފާތުވާކަން ވަނީ ފާހަގަކުރެވިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން