ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
އައްޑޫ މީދޫ ދާއިރާއިން މަރަދޫފޭދޫ ވަކިކުރުމުގެ މައްސަލަ ސުޕްރީމްކޯޓުގައި ފަށައިފިއެވެ.

ސ. މަރަދޫފޭދޫ އޮއިވަރީގެ އަޙްމަދު ޝުޖާއު ހުށަހެޅި މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދަޢުވާ ކުރާ ފަރާތުގެ ވަކީލާ މަރިޔަމް ޝުނާނާ ވިދާޅުވީ، މިއީ ޤައުމުގެ އާއްމު މަސްލަޙަތާ ގުޅޭ ދުސްތޫރީ މައްސަލައެއް ކަމަށާއި، މި މައްސަލައަކީ ޤާނޫނު އަސާސީއާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމެއްގެ ސަބަބުން މުޅި އައްޑޫސިޓީގެ އާއްމު މަސްލަޙަތަށް ގެއްލުންވާތީ ހުށައަޅާ މައްސަލައެއް ކަމަށެވެ.

އަދި މީގެ އިތުރުން އައްޑޫމީދޫ ދާއިރާގައި މަރަދޫފޭދޫ ހިމަނާފައިވަނީ ގާނޫނު އަސާސީ އާއި ހިލާފަށް ކަމަށާއި، ކޮންމެ އިންތިހާބެއްގެ ކުރިން އިންތިހާބީ ދާއިރާތައް މުރާޖައާ ކުރުމަކީ އިލެކްޝަނަސް ކޮމިޝަންގެ ޒިންމާއެއް ކަމަށާއި، ދާއިރާތައް ކަނޑައަޅާއިރު އާބާދީ އަށް ބަދަލު ނާންނަ ނަމަ އެ ދާއިރާއަކަށްވެސް ބަދަލު އައިސްގެން ނުވާނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށް ވަކީލާ ޝުނާނާ ވިދާޅުވިއެވެ.

އެހެން ކަމުން އީސީން މީދޫ ދާއިރާއަށް މަރަދޫފޭދޫ ބަދަލު ކޮށްފައިވަނީ ގާނޫނު އަސާސީއާއި ހިލާފަށް ކަމަށާއި މަރަދޫފޭދޫ ވަކި އިންތިޚާބީ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅައި، މީދޫ ދާއިރާވެސް ވަކި އިންތިޚާބީ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅުއްވައި ދެއްވުމަށް އީސީގެ މައްޗަށް އަމުރެއް ނެރެދިނުމަށް ޝުނާނާ ވަނީ އެދިވަޑައިގެންފައެވެ.

މި މައްސަލާގައި އިލެކްޝަންސް ކޮމިޝަންގެ ވަކީލް އުސްތާޛު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ އިންތިހާބީ މައްސަލަތަކުގެ ޝަކުވާ އާއި މައްސަލަތަކުގެ ފުރަތަމަ މަރުހަލާގެ ކަންކަން ހިންގާނީ ހައިކޯޓުގައި ކަމަށާއި، މިއީ ސުޕްރީމް ކޯޓުގެ އިހުތިސާސްގައިވާ މައްސަލައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންކަމުން އެ އިޖުރާޢީ ނުކުތާ އަށް ގޮތެއް ކަނޑައަޅައި ދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ޝުނާނާ ވިދާޅުވީ މި މައްސަލަ ހައިކޯޓުން ބޭރުކޮށްލީ އީސީން ހުށަހެޅި އަސާސެއްނެތް ނުކުތާއަކަށް ބިނާ ކޮށް ކަމަށެވެ. އަދި މި މައްސަލަ އަކީ ދުސްތޫރީ މައްސަލައެއް ކަމަށް ހައިކޯޓުން ބުނެފައިވާ ކަމަށާއި އެހެން ކަމުން މި މައްސަލަ އަކީ ސުޕްރީމް ކޯޓަށް ހުށަހެޅޭނެ މައްސަލައެއް ކަމަށް ވިދާޅުވި އެވެ. އަދި މި މައްސަލާގައި ހުރިހާ ކޯޓު މަރުޙަލާއަކަށް ގޮސްފައިވާ ކަމަށާއި، އިލެކްޝަނުން އުޅެނީ ޖަވާބުދާރީ ނުވާން ބޭކާރު ކަންކަމުގައި ވަގުތު ދެންމުމަށް ކަމަށެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ މި މައްސަލަ އަކީ އެކޯޓުގެ އިހުތިސާސްގައި ހިމެނޭ މައްސަލައެއްތޯ ދެން އަންނަ އަޑުއެހުމެއްގައި ކަނޑައަޅާނެ ކަމަށް ވިދާޅުވެ މިއަދުގެ އަޑުއެހުން ނިންމަވާލައްވާފަ އެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ރިޔާސަތު ބަލަހައްޓަވާ މިމައްސަލައިގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނި ވަޑައިގަންނަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން އާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު މަހާޒް އަލީގެ އިތުރުން ފަނޑިޔާރު މުހައްމަދު އިބްރާހިމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން