ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އަކީ ޢިލްމު އުނގެނިގެން ހުރި މުނާފިޤު ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ނުވަ މެންބަރުންނާއި، އަމިއްލަ 2 މެމްބަރުން ހިމެނޭ ގޮތުން ޖުމްލަ 11 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށައަޅާފައިވާ ހޯމް މިނިސްޓަރު އިމްރާންގެ އިތުބާރުނެތްކަމުގެ މައްސަލާގައި ވާހަކަ ދައްކަވަމުންނެވެ.

މި މައްސަލާގައި ޝިޔާމް ވިދާޅުވީ އިމްރާނަކީ ޢިލްމުވެރިއެއް ކަމަށް ޤަބޫލު ކުރަށްވާ ކަމަށާއި، ނަމަވެސް އިމްރާނަކީ ޢިލްމު އުނގެނިގެން ހުންނެވި މުނާފިޤު ބޭފުޅެއް ކަމަށެވެ. އަދި މުނާފިޤުކަމުގެ ސިފަތައް އިމްރާންގެ ކިބައިން ފެންނަކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"ޢިލްމު އުނގެނިގެން ހުންނެވި މުނާފިޤު ބޭފުޅެއް ގޮތަށް އަޅުގަނޑަށް އިމްރާން ޢަބްދުﷲ ސިފަވަނީ. މިއަދުގެ ހޯމް މިނިސްޓަރުގެ މުނާފިގުކަން ފެންނަން އޮތް ތާރިޚެއް އެބައޮތް." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން އިމްރާންގެ އިތުބާރު އޮތްކަމަށް ފާސްކުރީ ސަރުކާރުގެ ސުޕަރ މެޖޯރިޓީ ބްލެކްމެއިލް ކޮށްގެންކަމަށް ހީފުޅުވާ ކަމަށެވެ. އަދި އިސްލާމްދީނުގައި އަންހެނުންނަށް ދީފައިވާ މަތިވެރި މަޤާމް އެނގޭނީ މިހާރުގެ ހޯމް މިނިސްޓަރަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެމްޑީޕީން މިއަދު އިމްރާންގެ އިތުބާރު އޮތް ކަމަށް ވޯޓު ދީފިނަމަ އެކަންވާނީ މަޖިލީހުގައި ހޭދަކުރި މުއްދަތުގައި އެންމެ ލަދުވެތި ދުވަހަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މި މައްސަލައިގެ ބަހުސަށް މަޖިލީހުގެ އާންމު ކޮމިޓީން ކަނޑައަޅާފައިވަނީ ދެ ގަޑިއިރެވެ. މީގެ އިތުރުން މައްސަލާގައި ޖަވާބުދާރީވުމަށް މިނިސްޓަރ އިމްރާނަށް ބަހުސް ފުށުމާއެކު 10 މިނެޓް ގެ ފުރުސަތު ދިނުމަށާއި އަދި ބަހުސްގެ މެދުތެރެއިން އިތުރު 10 މިނެޓާއި، ބަހުސް ނިމުމުން އިތުރު 10 މިނެޓާއެކު ޖުމްލަ 30 މިނެޓް ދިނުމަށް ކޮމިޓީން ވަނީ ކަނޑައަޅައިފަ އެވެ.

މި މައްސަލާގައި އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމާފައިވަނީ މިނިސްޓަރ އިމްރާނަށް އިތުބާރު އޮތްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް