ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ
ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ
ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު ބަލިކަށި ކޮށްލުމަށް ހުށަހެޅި މައްސަލައެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އޭނާގެ އިތުބާރުނެތްކަމުގެ މައްސަލާގައި ޖަވާބުދާރީވަމުން ދެއްކެވި ވާހަކައިގައެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ، މަޖިލީހަށް ހުށައަޅާފައިވަނީ ސިޔާސީ މައްސަލައެއް ކަމަށާއި، މިއީ ސަރުކާރު ބަލިކަށިކޮށް ކޯލިޝަން ރޫޅާލުމުގެ ވިސްނުމުގައި ހުށައަޅާފައިވާ މައްސަލައެއް ކަމަށެވެ. އަދި އެއީ ނެތް ރޮނގެއް ކުރަހައި، ނުވާ ކަމެއް ވުޖޫދުކޮށްގެން އަދި ސިޔާސީ މަސްރަހު ހަލަބޮލި ކުރުމުގެ ގޮތުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި ސަރުކާރު ބަލިކަށިކޮށް ހަލަބޮލި ކަމުގެ ހިޔަނީގައި މި ސަރުކާރު ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ހޯދި ކާމިޔާބު ފުރޮޅާލުމަށް ކޮށްފައިވާ ތުހުމަތެއް ކަމަށް އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ، އޭނާ އެއްވެސް އަންހެނަކަށް އެއްވެސް މިންވަރަކަށް ގޯނާއެއް ކޮށްފައި ނުވާނެ ކަމަށާއި، އަދި އަންހެނަކަށް ފުރައްސާރަކުރުމުގެ ފުރުސަތުވެސް ދީގެން ނުވާނެ ކަމަށެވެ. އަދި ސަފާރީ ރޭޕްކޭހާއި ގުޅިގެން އޭނާ ދެއްކެވި ވާހަކައިން ޖިންސީ ފުރައްސާރައަކީ ސީރިއަސްކަމެއް ނޫންކަމުގައި ދޭހަވި މީހުންގެ ކިބައިން މަޢާފަށް އެދޭ ކަމަށް އިމްރާން ވިދާޅުވިއެވެ.

މި މައްސަލައިގެ ބަހުސަށް މަޖިލީހުގެ އާންމު ކޮމިޓީން ކަނޑައަޅާފައިވަނީ ދެ ގަޑިއިރެވެ. މީގެ އިތުރުން މައްސަލާގައި ޖަވާބުދާރީވުމަށް މިނިސްޓަރ އިމްރާނަށް ބަހުސް ފުށުމާއެކު 10 މިނެޓް ގެ ފުރުސަތެއް ދިނުމަށާއި އަދި ބަހުސްގެ މެދުތެރެއިން އިތުރު 10 މިނެޓާއި، ބަހުސް ނިމުމުން އިތުރު 10 މިނެޓާއެކު ޖުމްލަ 30 މިނެޓް ދިނުމަށް ކޮމިޓީން ވަނީ ކަނޑައަޅައިފަ އެވެ.

މި މައްސަލާގައި އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމާފައިވަނީ މިނިސްޓަރ އިމްރާނަށް އިތުބާރު އޮތްކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ ނުވަ މެންބަރުންނާއި، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމާއި، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހިމެނޭ ގޮތުން ޖުމްލަ 11 މެންބަރުންގެ ސޮޔާއެކު ހޯމް މިނިސްޓަރު އިމްރާންގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ހުސްވި މަހުގެ 26 ވަނަ ދުވަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު


-17

ޞބބ.

24-Nov-2020

މިހާރު މިސަރުކާރު ގަދަފަދައީތޯ މިސަރުކާރު އިތުރަށް ބަލިކަށިކުރަން ބަޔަކު ކުރާނެކަމެއްނެތް


3

މުހައްމަދު

24-Nov-2020

މިހާރު ސަރުކާރު ގަދަފަދައީތޯ މިސަރުކާރު ބަލިކަށި ކުރަން އިތުރައް ބަޔަކުރާނެ ކަމެއްނެތް



ޓްރެންޑިން