އަހުމަދު ޝާހް   24 ނޮވެމްބަރު 2020 - 14:38
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މާލިއްޔަތު ކޮމިޓީން ދިރާސާކުރި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުން އަންނަ އާދީއްތަ ދުވަހު ފެށާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބަޖެޓް ކޮމިޓީގެ ރިޕޯޓް ރޭގެ ވަގުތެއްގައި މަޖިލީހަށް ލިބިފައިވާ ކަމަށާއި، ބަޖެޓްގައި މިހާރު އާމްދަނީ އަންދާޒާ ކުރާ މިންވަރު 17.8 ބިލިއަން ރުފިޔާއިން 21.2 ބިލިއަނަށް އިތުރުވެފައިވާ ކަމަށެވެ. އަދި އޮފީސްތަކުގެ ޑޮމެސްޓިކް ހަރަދުތަކަށް 209 މިލިއަން ރުފިޔާގެ ދަށްވުމެއް ގެނެސްފައިވާ ކަމަށާއި، ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 135 މިލިއަން ރުފިޔާގެ އިތުރުވުމެއް ގެނެސްފައިވާ ކަމަށެވެ.

ބަޖެޓް ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށް ވެސް ހަތް މިނެޓްގެ ފުރުސަތެއް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީންވަނީ ނިންމާފަ އެވެ.

ދައުލަތުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅީ 34.79 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 17.79 ބިލިއަން ރުފިޔާ އެވެ. އެހެން ކަމުން، މިއީ 15.50 ބިލިއަން ރުފިޔާގެ ޑެފިސިޓް ނުވަތަ ދަރަނި ބަޖެޓެކެވެ. ބަޖެޓް ކޮމެޓީން ގެނައި އިސްލާހުތަކާއެކު ބަޖެޓުގެ ޖުމްލަ ވަނީ 34.92 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އަދި އާމްދަނީ 21 ބިލިއަނަށް އިތުރުވެ، އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް 12.3 ބިލިއަން ރުފިޔާއަށް ވަނީ ތިރިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން