ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު
މަސްވެރިންގެ ޝަކުވާތަކަށް ޙައްލު ހޯދައިދިނުމަށް ގޮވައިލާ ޤަރާރެއް މަޖިލިހަށް ހުށަހަޅައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި މަޖިލިހުގެ މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު ޢުމަރު މިއަދުގެ ޖަލްސާއަށް ޤަރާރު ހުށައަޅުއްވަމުން ވިދާޅުވީ، މަސްވެރިން ބާނާ މަސް ނުކިރުމާއި ފައިސާ ނުލިބުން އަދި ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަސްވެރިންގެ ޝަކުވާތައް އިތުރުވެފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން މަސްވެރިން ބޮޑެތި ތަކުލީފުތަކެއް އުފުލައި ގިނަ ގޮންޖެހުންތަކެއް ތަހައްމަލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފްގެ ޤަރާރުގައިވަނީ ގިނަ ފަހަރަށް މަސް ކިރަން ދާންޖެހެނީ އަމިއްލަ އަތޮޅާއި ރަށް ނޫން އަތޮޅަކާއި ރަށްރަށަށް ކަމަށާއި، ކިއުގައި ތިން ހަތަރު ދުވަސް ނުވަތަ ހަފުތާއެއް ހޭދަކުރަންޖެހޭއިރު، ބޮޑެތި ޚަރަދުތަކެއްވެސް މިކަމުގައި ހިނގާ ކަމުގައެވެ.

މަސްވެރިންނަށް ލިބެންޖެހޭ ފައިސާ އަވަހަށް ލިބުމާ އަވަހަށް މަސްކޮޅު ކިރޭނޭ ގޮތެއް ހެދުމަކީ މަސްވެރިންނަށްވެސް އެތައް ގޮތަކުން ފަސޭހަވާނެ ކަމެއްކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ މަސްވެރިންގެ ޝަކުވާތަކަށް ހައްލު ހޯދައިދެވިއްޖެނަމަ އިގްތިސާދަށްވެސް އިތުރު ކުރި އެރުން ލިބޭނޭކަމަށެވެ. އަދި މި މައްސަލަ ހައްލުނުކުރެވިއްޖެ ނަމަ މުޅި ގައުމަށްވެސް ބޮޑެތި ގެއްލުންވާނެ ކަމަށް ވިދާޅުވި އެވެ.

މިއީ މަޖިލިހުގެ ހުރިހާ މެންބަރުންނާއި މަސްވެރި ޢާއިލާތައްވެސް ވަރަށް ބޮޑަށް ކަންބޮޑުވާނެ ކަމެއް ކަމުގައި ޤަބޫލުކުރައްވާ ކަމަށާއި، މަސްވެރިންނަށް ކުރިމަތިވެފައިވާ މި މައްސަލަތައް ހައްލުނުކުރެވިއްޖެނަމަ ކުރިމަގަގުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމަށް މިހާރަށްވުރެ ތަފާތު ވިސްނުމަކުން ވިސްނަންޖެހޭ ކަމަށެވެ. އަދި މަސްވެރިކަން ތަރައްޤީކުރާ ވާހަކައަކީ އަބަދުވެސް އިވޭ ވާހަކަތަކެއް ކަމަށާއި، އެހެން ނަމަވެސް މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުތަކުން ނުކުޅެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން