ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
މަސްވެރިންނަށް ފައިދާވާނީ ގޭދޮށުގައި މަސް ޕްރޮސެސްކޮށް ވިއްކައިގެން ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަސްވެރިން ބާނާ މަސް ނުކިރުމާއި ފައިސާ ނުލިބުމާއި އަދި ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަސްވެރިންގެ ޝަކުވާތައް ޙައްލުކުރުމަށް ގޮވާލާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، މަސްވެރިންގެ މައްސަލަތަކަށް ހައްލު ހޯދުމަކީ ޒަމާނުއްސުރެ ބަހުސްކުރެވެމުން އަންނަ ކަމެއްކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މަސްވެރިކަމުން ފައިދާއެއް ލިބެން އޮތީ އަމިއްލަ މީހުންނަށް ގޭދޮށުގައި މަސް ޕްރޮސެސް ކޮށްގެން ވިއްކުމުގެ ފުރުސަތު ދީގެން ކަމަށެވެ. ރާއްޖޭގައި މަސްބާނާ އެމަސް ހިއްކައިގެން ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާތާ ވަރަށް ޒަމާންވެއްޖެ ކަމަށާއި، އެ މަސްވެރިކަމުގެ މައްޗަށް މިރާއްޖޭގެ އިގްތިސާދު ބިނާވެފައި އޮންނަތާ ވަރަށް ޒަމާން ވެއްޖެ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބިނާކޮށްފައިވާ މަސްފިނިކުރާ ތަންތަނާއި ކާރުހާނާތައް އަބަދުވެސް ހިންގަނީ ބޮޑެތި ގެއްލުމުގައި ކަމަށާއި، އެއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެކަން ކުރާތީ ވާ ގެއްލުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ބާނާ މަހުގެ 70 އިންސައްތަ މަސް ބޭރަށް އެކްސްޕޯޓް ކުރަނީ ރޯމަހުގެ ގޮތުގައިކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އެމަހަށް ރަނގަޅު ދުވަހެއްގައި ލިބެނީ ޓަނަކަށް 1200 ޑޮލަރު ކަމަށެވެ. އަދި ޕްރޮސެސް ކުރުމަށްފަހު މަސް ބޭރުކުރާކަމުގައި ވާނަމަ، އެންމެ ގޯސްދުވަހެއްގައިވެސް ޓަނަކަށް 2500 ޑޮލަރު ޖެހޭ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ 2010 ވަނަ އަހަރު އަމިއްލަ ފަރާތްތަކަށް ކަޅުބިލަމަސް ގަނެ ޕްރޮސެސްކޮށް ބޭރުކުރުމުގެ ހުއްދަ ދިންކަން ފާހަގަކޮށް، އަމިއްލަ ފެކްޓްރީތަކުން 50 ޓަނު މިހާރު ޕްރޮސެސް ކުރުމަށްފަހު އެކްސްޕޯޓްކުރާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ފެކްޓްރީތަކަށް ސަރުކާރުން ސަބްސިޑައިޒް ކުރަން ނުޖެހޭ ކަމަށާއި، އެހެން ކަމުން އެންމެ ބުއްދިވެރިގޮތަކީ ގެއްލުމުގައި ހިންގަންޖެހޭނަމަ މިފްކޯ އުވާލައި ފެލިވަރު ބަންދުކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މި މޭރުމުން ވިދާޅުވެފައިވާއިރު، ޕީއެސްއެމް އަށް ރޭ ދެއްވި އިންޓަވިއު އެއްގައި އިޤްތިޞާދީ ވަޒީރު ފައްޔާޒް ވިދާޅުވީ މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދާ ކަމަށާއި، އެގޮތުން އަންނަ އަހަރު 11500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ޤާއިމް ކުރަށްވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން