ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކުރި އަލީ ވަހީދުގެ މައްޗަށް "ބޮޑު ދައުވާ" އެއް ކުރާތީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެ މައްސަލައިގައި އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕެއްގައި މަޖިލިސް ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ މާބޮޑަށް އެކި މީހުންނަށް އެކި ގޮތް ހަދާތަން ފެންނަ ކަމަށެވެ. އަލީ ވަހީދުގެ ބަޔާންތައް އެމަނިކުފާނު ބެއްލެވި ކަމަށާއި، ބަޔާންތައް ބެއްލެވުމަށްފަހު "އަޖައިބުވެފައި" ހުންނެވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ

ލިބުނު ޖިންސީ އަނިޔާތަކަކާ ގުޅިގެން ފަރުވާ ހޯދަމުން ދަނިކޮށް ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމް ނިޔާވި މައްސަލައިގައި އޭނާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހުއަށް ކުރި ދައުވާތަކާ، އަލީ ވަހީދުގެ މައްސަލަ ރައީސް ނަޝީދު ވަނީ އަޅާ ކިޔުއްވާފައެވެ.

"އަލީ ވަހީދުގެ މައްޗަށް ވަރަށް ބޮޑު ދައުވާއެއް ކުރާ ކަމީ އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް. މާބޮޑަށް އެކި މީހުންނަށް އެކި ގޮތް ހަދާތަން ފެންނަނީ. ތިނަދޫގައި ޖިންސީ ގޯނާކޮށް އަންހެން މީހާ މަރާލި މީހާއަށް ވެސް ކުރި ދެ ދައުވާ. އެހެން ކިތަންމެ މީހުންނަށް އެއްވެސް ދައުވާއެއް ނުކޮށް އެބަ ދޫކޮށްލާ." މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވިއެވެ.

އަލީ ވަހީދުގެ މައްޗަށް ރޭޕްކުރަން އުޅުމުގެ ދައުވާއާއެކު ޖިންސީ ކުށުގެ ހަތް ދައުވާއެއް ދައުލަތުން ވަނީ އުފުލައިފައެވެ.

އެގޮތުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ އާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާއެއް ވަނީ އުފުލާފައެވެ.

އަލީ ވަހީދު، ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އޭނާ މަގާމުން ވަކިކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން