ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒް
ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒް
އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓުގައި މިނިވަން މުއައްސަސާތަކަށް ދިނުމަށް ކަނޑައަޅާފައިވާ ބަޖެޓަށް މިހާރު 52.8 މިލިއަން ރުފިޔާ އިތުރުކޮށްދީފައިވާނެ ކަމަށް ބަޖެޓް ދިރާސާކުރި ކޮމެޓީގެ މުޤައްރިރު، ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގައި ރޭ ވާހަކަދައްކަވަމުން ނާޝިޒް ވިދާޅުވީ، ބަޖެޓް ދިރާސާ ކުރަމުން ދިޔައިރު މުއައްސަސާތަކުން ބޭނުންވާ ވަރަށް ބަޖެޓް ނުލިބޭ ކަމުގެ ޝަކުވާ ކުރަމުން ދިޔަކަމަށާއި، އެކަމަށް ޙައްލެއް ހޯދުމަށް މިހާރު ޖުމްލަކޮށް މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް އިތުރު ފައިސާ ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

ނާޝިޒް ވިދާޅުވީ ބައެއް މުއައްސަސާތަކުން ފިނޭންސް މިނިސްޓްރީއާއެކު އެއްބަސްވި ސީލިންގ އާ އެއްވަރަށްވެސް ބަޖެޓް ނުލިބުމުގެ ޝަކުވާ ކޮމިޓީގައި ކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޤާނޫނީ ވާޖިބު އަދާކުރުމަށް ހުރަސް އެޅިދާނެ ކަމުގެ ޝަކުވާ ބައެއް މުއައްސަސާތަކުން ކޮށްފައިވާ ކަމަށް ނާޝިޒް ވިދާޅުވިއެވެ.

"ބަޖެޓް ދިރާސާކޮށް ނިމުނުއިރު އަޅުގަނޑުމެން ވާނީ ޖުމްލަ 52.8 މިލިއަން ރުފިޔާ މިނިވަން މުއައްސަސާތަކަށް އިތުރުކޮށްފަ. މުއައްސަސާއަކުން އެވްރެޖްކޮށް ގާތްގަނޑަކަށް ދޮޅު މިލިއަނާއި މިލިއަނަކާއި ދެމެދުން އިތުރުވެފަ ހުންނާނީ." ނާޝިޒް ވިދާޅުވިއެވެ.

ޖުމްލަކޮށް ބަޖެޓް ކޮމިޓީގައި ކަންބޮޑުވުން ފާޅުކުރި ހުރިހާ މުއައްސަސާއަކަށް ބަޖެޓް އިތުރުކޮށްދީފައި ވާނެ ކަމަށް ނާޝިޒް ވިދާޅުވިއެވެ.

ބަޖެޓް ދިރާސާކުރި ކޮމެޓީގައި، އެޗްއާރުސީއެމްގެ މެމްބަރު މުއުމިނާ ވަހީދު ވިދާޅުވީ، އެ ކޮމިޝަނަށް ދީފައިވާ 24 މިލިއަން ރުފިޔާގެ ބަޖެޓުން އެ ކޮމިޝަންގެ މުވައްޒަފުންގެ މުސާރަ އާއި އިމާރާތުގެ ކުލި ދެއްކުން ފިޔަވައި، އިތުރު މާ ބޮޑު ޒިންމާއެއް އަދާ ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެ ކޮމިޝަނަށް ގާނޫނުތަކުން މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރާނެ މިންވަރުގެ ބަޖެޓެއް ނެތް ކަމަށެވެ.

އެ ކޮމެޓީގައި ވާހަކަ ދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ ބަޖެޓްގައި އެ އޮފީހުން "ނޭވާލާނެ ވަރުގެ" ބަޖެޓެއް ވެސް ނެތެވެ. އެ އޮފީހަށް ދިނީ ހަތަރު މިލިއަން ރުފިޔާ ބަޖެޓް ސީލިންއެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެ މިންވަރަށް ފެއްތުމަށްޓަކައި އެ އޮފީހުގެ ދެ މަގާމެއް އުވާލުމާއި އޮފީސް ހިންގުމުގެ ޚަރަދުތައް ވެސް ވަރަށް ބޮޑަށް އަމިއްލައަށް ކުޑަ ކޮށްފައިވާނެ ކަމަށް ފިޔާޒް ވިދާޅުވި އެވެ.

އޭގެ އިތުރުން އިލެކްޝންސް ކޮމިޝަނުން ބުނީ އިންތިޚާބު އޮންނަ އަހަރުތަކުގައި ދައުލަތުން އެ ކޮމިޝަނަށް ކަނޑައަޅާ ދެ ބަޖެޓު އޮޅުން އަރާ ކަމަށެވެ. އެގޮތުން، އަންނަ އަހަރަށް އީސީގެ އިދާރީ ބަޖެޓުގެ ގޮތުގައި 25 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އިންތިޚާބީ ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ 71 މިލިއަން ރުފިޔާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ގޮތުގައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ބަޖެޓަށް 134.9 މިލިއަން ރުފިޔާ އިތުރުކޮށް 34.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައިވަނީ 34.78 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން