މުހައްމަދު އިބްތިހާލް
މުހައްމަދު އިބްތިހާލް
ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް ޢުމުރުން 3 އަހަރުގެ މުހައްމަދު އިބްތިހާލް މަރާލި މައްސަލައިގައި އޭނާގެ މަންމަ، އާފިޔާ މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ހުކުމް ކުރުން އާދިއްތަ ދުވަހަށް ތާވަލު ކޮށްފި އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ޖެނުއަރީ މަހު ގަސްތުގައި އިބްތިހާލް ނޭވާހާސްކޮށް، ޖިސްމާނީ އަނިޔާކޮށް މަރާލި މައްސަލައިގައި އާފިޔާގެ މައްޗަށް ކުރަނީ ގަސްދުގައި ކުޑަކުއްޖަކު މެރުމުގެ ދައުވާއާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ. ޖިނާއީ އިޖްރާއާތުގެ ގާނޫނުގައިވާ ގޮތުން މައްސަލައެއްގެ އަޑުއެހުންތައް ނިންމާލާތާ ގިނަވެގެން 30 ދުވަސް ތެރޭގައި އެ މައްސަލައެއްގެ ހުކުމް އިއްވަން ޖެހޭނެ އެވެ.

އިބްތިހާލް މަރާލި މައްސަލައިގައި ހުލާސާ ބަޔާން އިއްވައި އަޑުއެހުންތައް ނިންމާލީ މިއަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. އެ ދުވަހު މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ނިންމެވީ މިދިޔަ މާރޗް މަހުގެ 12 ވަނަ ދުވަހު މައްސަލައިގެ ހުކުމް ކުރުން ތާވަލު މުރުމަށެވެ. އެހެންނަމަވެސް، އެދުވަހު އެ މައްސަލަ ތާވަލުކޮށްފައި ނުވެއެވެ.

އިބްތިހާލް މަރާލި މައްސަލައިގައި ތުހުމަތު ކުރެވިގެން ބަންދު މުއްދަތު ޖަހަން އާފިޔާ ވ. ތިނަދޫ މެޖިސްޓްރޭޓު ކޯޓަށް ގެންދިޔުމުން އެ ކޯޓުގައި އޭނާ ވަނީ އިބްތިހާލް މަރާލިކަމަށް އިއުތިރާފުވެފަ އެވެ. އަދި ފުލުހުންގެ ތަހުގީގުގައާއި ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައިވެސް އެކަމަށް އޭނާ އިއުތިރާފުވި އެވެ. އެކަމަކު، ފަހުން ކްރިމިނަލް ކޯޓުގައި އާފިޔާ ބުނެފައި ވަނީ އިބްތިހާލްއަށް އަނިޔާ ނުކުރާ ކަމަށާއި އޭނާ މަރާނުލާ ކަމަށެވެ.

އޭގެ އިތުރުން އާފިޔާ ބުނެފައި ވަނީ އިބްތިހާލަށް ލިބިފައިވާ އަނިޔާތަކާއި ގުޅިގެން ޑޮކްޓަރުން ތައްޔާރުކުރި ރިޕޯޓްގައި ވެސް ހުރީ ހުސް ދޮގު ކަމަށެވެ. ނަމަވެސް އިބްތިހާލްގެ މަރުގެ ކްރައިމް ސީން ރިޕޯޓު ތައްޔާރުކުރި ފުލުސް މީހާ ވަނީ އިބްތިހާލުގެ ކަންފަތާއި ކުރިމަތި ފަރާތް އަދި ކަރުގައި ގިނަ އިރުތަކެއް ނުވާ ޒަހަމްތަކެއް ހުރި ކަމަށް ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން