ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް
ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް
ދެކުނުގެ ބައިނަލްއަޤްވާމީ އެއަރޕޯޓް އޮންނަންޖެހެނީ ހުވަދު އަތޮޅުގައި ކަމަށާއި، ގަދަބާރުން އޮބި އަޅައިގެން ކިތަންމެ ވަރަކަށް ތަރައްޤީ ގެންނަން އުޅުނު ނަމަވެސް އެކަން ނުކުރެވޭނެ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ބަހުސް ކޮމިޓީގައި ވާހަކަ ދައްކަވަމުން މެމްބަރު ސަނީފް ވިދާޅުވީ، މުޅި ރާއްޖޭގައި 1100 ރަށް އޮތްއިރު ހުވަދޫ އަތޮޅުގައި 255 ރަށް އެބަ އޮތް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ރަށްތަކުގެ ނިސްބަތުން ފަސްބައިކުޅަ އެއްބައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ ހުވަދުއަތޮޅުގައި ބޭރުން އަންނަ ފްލައިޓް ޖެއްސޭނެ ކޮންމެވެސް އިންތިޒާމެއް ހަމަޖައްސައި ދޭށޭ. އެހެންނޫން ގޮތަކަށް ކިތަންމެ ވަރަކަށް އުޅުނަސް ދެކުނުގެ ޓޫރިޒަމް ތަރައްޤީވެގެން ނާންނާނެ." ސަނީފް ވިދާޅުވިއެވެ.

އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓަށް އިޝާރާތްކުރަށްވައި ސަނީފް ވިދާޅުވީ، އިނގިރޭސީން، ހަނގުރާމައަށް ހެދި އެއާޕޯޓެއް ކިތަންމެ ވަރަކަށް ތަރައްގީ ކުރަން އުޅުނަސް އެކަން ނުވާނެ ކަމަށާއި، ދިވެހިރާއްޖެ ތަރައްގީ ކުރަންޖެހޭނީ ރަށްތައް އޮންނަ ގޮތަށް އިގްތިސާދު ފުޅާކުރެވޭނެ ގޮތަށް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ރަށްތައް އޮންނަ ގޮތަށް މިކަން ކުރަން ނޫޅެނީ ކީއްވެތޯ ސަނީފް ވަނީ ސުވާލު އުފައްދަވާފައެވެ.

"ގދ. ގައި މިހާރު 12 ޓޫރިސްޓް ރިސޯޓް އޮޕަރޭޝަންގަ އެބައޮތް. 3 ރަށް ނިމުމުގެ މަގުމަތީގައި އެބައޮތް. ސ. އަތޮޅުގަ މިއަދާހަމައަށް އައިއިރު ހިންގަނީ 2 ރިސޯޓު. ލ. އަތޮޅުގައި ހިންގަނީ 1 ރިސޯޓު. އެ ރިސޯޓުތައްވެސް އޮތީ ހުއްޓިފައިކަން އަޅުގަނޑު ދަންނަވާލަން. ހުވަދުއަތޮޅުގައި ތަރައްޤީކޮށް ހިންގާ އެއްވެސް ރިސޯޓެއް މިއަދާ ހަމައަށް އައިއިރު ހުއްޓިފައި ނެތްކަން އަޅުގަނޑު ފާހަގަ ކޮށްލަން." ސަނީފް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ އުތުރުގައި، މާމިގިއްޔާއި، މާފަރުގައި އިންޓަނޭޝަނަލް އެއަރޕޯޓް އެބައޮތް ކަމަށާއި، ހަނިމާދޫ އެއަރޕޯޓްވެސް ބައިނަލް އަޤުވާމީ ފެންވަރަށް ތަރައްޤީ ކުރަމުންދާ ކަމަށް ސަނީފް ވިދާޅުވިއެވެ. އަދި ހުވަދު އަތޮޅުގެ ރައްޔިތުން ހުވަދުއަތޮޅުގެ ވަސީލަތްތަކުގެ ނަފާ އާއި މަންފާ އެހެން ބަޔަކަށް ޤުރުބާން ނުކުރާނެ ކަމަށްވެސް ސަނީފް ވިދާޅުވިއެވެ.

މީގެއިތުރުން ހުވަދު އަތޮޅުގައި އިންޓަނޭޝަން އެއާޕޯޓެއް ހަދަން އިކޮނަމިކް ކައުންސިލަށް ބަޔަކު ޕްރޮޕޯސަލް ހުށަހަޅާފައި އޮންނަތާ މިހާރު އަށް މަސް ވެއްޖެ ކަމަށާއި، ނަމަވެސް އެކަމަށް އަހައްމިޔަތުކަމެއް ދީފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ސިއްދީގު އަހުމަދު

28-Nov-2020

ހުވަދުއަތޮޅުގެ ނަފާއާއި މަންފާ މުޅިގައުމަށް ލިބޭނެ. އެއީޝައްކެއް އޮރްކަމެއްނޫން. މެމްބަރުކަން 5 އަހަރަށް ލިބުނަސް ރައްޔިތުންގެ ޓާމަކި މުޅިއުމުރު. މެމްބަރަކީ އަތޮޅުގެ ވެރިޔާއެއްނޫން. ރައްޔިތުން ނޭދޭނެގޮތަކަށް ވާހަކައެއް ނުދެއްކޭނެ.


-2

ހަސަނާ

28-Nov-2020

ތަދފދތރ



ފަހުގެ ލިޔުންތައް

ޓްރެންޑިން