ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އަލަށްހުށަހަޅައިފައިވާ ކަންތައްތަކުގެ ގެއްލުމާއި ފައިދާ އެސެސްކުރުމަށް ބަޖެޓް ރިޕޯޓުގައި ލަފާ އަރުވައިފި އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ ބަޖެޓް ރިޕޯޓު ހުށަހަޅައި، އެ ރިޕޯޓާއެކު ވަރަށް ގިނަ ޚިޔާލުތަކެއް ވެސް ހުށަހަޅައިފައެވެ.

އަންނަ އަހަރު ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ހުށަހަޅައިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ދައުލަތުގެ ހިއްކާފައިވާ ބިންތައް ކުއްޔަށް ދިނުމާއި އެ ބިންތަކުން ބައެއްް ވިއްކުމާއި މުއާސަލަތީ އިންޓަރނެޓް ގެ ޚިދުމަތް ދިނުމަށް އިތުރު އޮޕަރޭޓަރުންނަށް ލައިސަންސް ދިނުމާއި ފްރެކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުންފަދަ އާމްދަނީއަށް ރާވާފައިވާ ކަންތައްތައް ހިމެނެއެވެ.

އެކަންތައްތަކުގެ ސަބަބުން ކުރިމަގުގައި ދައުލަތުން އުފުލަންޖެހޭނީ ކިހާ ޚަރަދެއް ކަމާއި އަދި މިކަމުން ރައްޔިތުންނަށް އަަންނާނެ އިމްޕެކްޓް އެސެސްމެންޓް އެނަލިސިސްއެއް ހެދިފައި ނުވާތީ މިފަދަ ކަންކަން ތަންފީޒުކުރުމުގައި ކޮސްޓް އެންޑް ބެނިފިޓް އެސެސްމަންޓެއް ހަދައި ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ކަންކަން ނިންމުމަށް ސަރުކާރަށް ދެންނެވުން ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމެނެއެވެ.

ހުށައަޅާފައިވާ އިތުރު ޚިޔާލުތަކަށް ބަލާއިރު، މާކެޓްގައި ޑޮލަރުގެ އަަގު ހިފެހެއްޓުމަށާއި އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް އެމްއެމްއޭއަށް ދެންނެވުމާއި، ސަރުކާރުގެ ވަޞީލަތްތައް ބޭނުންކޮށްގެން އެކި އިދާރާ ތަކުން އެއްމަސައްކަތެއް ކުރުަމަކީ ސަރުކާރުގެ ވަޞީލަތްތައް އިސްރާފުވެ ދައުލަތުގެ ޚަރަދު ބޮޑުވުމަށް މެދުވެރިވާ ސަބަބެއް ކަމަށް ވާތީ، އެއް ބާވަތެއްގެ ޚިދުމަތްތަކެއް ދޭ އިދާރާތައް އެއްކޮށްލައި ސަރުކާރުގެ ވަޞީލަތްތަކު އުފެއްދުންތެރިކަން އިތުރުކުރެވޭނެ ގޮތް ހޯދައި ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ދެންނެވުން ހިމެނެއެވެ. އަދި ދައުލަތުން ޚަރަދު ކޮށްގެން ސަރުކާރު އޮފީސްތަކާއި މިނިވަން މުއައްސަސާތައް ހިނގުމަށް ކުށްޔަށް ހިފާ ޢިމާރާތްތަކުގެ ކުއްޔަށް ދައްކާ ޢަދަދު މާކެޓް ރޭޓަށްވުރެބޮޑު ނުވާނޭހެން ކުއްޔަށް ހިފުމަށާއި އަދި ޢިމާރަތްތައް ކުއްޔަށް ހިފުމުގައި އެ އޮފީހެއްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ޢަދަދާއި އިިދާރާތަކުން ކުރާ މަސައްކަތަށް ބަލާ ޢިމާރާތުގެ ބޮޑުމިން ކަނޑައެޅުން. އަދި ދިގުރާސްތާގައި ދައުލަތުގެ ބެޖެޓުން ކުއްޔަށް ހޭދަކުރާ މިންވަރު ކުޑަކުރުމަށް ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ޖާގައިގެ އަޮފީސް ޢިމާރާތެއް ޤާއިމްކުރުމަށް ވެސް ލަފާއަރުވާފައިވެއެވެ.

މީގެ އިތުރުން، ދައުލަތުގެ އާމްދަނީން ދަރަނި ސާރވިސް ކުރަން ހޭދަކުރަންޖެހޭ މިންވަރު 2020، އަދި 2021ގެ އާމްދަނީގެ ނިސްބަތުން އިތުރުވެފައި ވުމަކީ، އެކަމުގެ ބުރަ ދައުލަތުގެ ބަޖެޓަށް އިތުރުވެފައިވާ ކަމެއްކަމުން ދައުލަތުގެ ދަރަނި މިހާރު ހުރި މިންގަނޑަށްވުރެ ޑެޑް ޑިސްޓްރެސްއަށް ދިއުމުގެ ފުރުޞަތު ބޮޑުވެފައިވާތީ، ކަމާގުޅޭ މާލީ އަދި ޤާނޫނީ މާހިރުންގެ ލަފަޔާއި އިރުޝާދާ އެކު ދައުލަތުގެ ދަރަނި ދެއްކުމުގައި ލުއިގޮތްތަކެއް ހަމަޖެއްސުމަށް ދަރަނިި ރިޕްރޮފައިލް ކުރުމުގެ މަސައްކަތްކުރުމަށް ފިނޭންސް މިނިސްޓަރަށް ދެންނެވުމަށާއި ދިވެހި ސަރުކާރުން އެމްއެމްއޭއަށް ދޭން އޮތް ހަ ބިލިއަން ރުފިޔާގެ ބޮންޑުމައްސަލަ ވީހާވެސް އަވަހަކަށް ޙައްލުކުރުމަށް، ޕްލޭނެއް އެކަށައަޅައި އެކަން ހައްލުކުރުމަށް އެޅި ފިޔަވަޅު ތަކުގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީގާ ޙިއްސާކުރުމުގެ އިތުރުން، ރިޒާވް ބޭންކް އޮފް އިންޑިއާއާ ދެމެދު ވެފައިވާ 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް ގެ އެއްބަސް ވުމުގެ ދަށުން 2019 ގައި ލިބިފައިވާ 150 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރެވުނުއިރު، މިއީ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ޢަދަދެއްގެ ގޮތުގައި އޭރު މަޢުލޫމާތު ލިބިފައި ވީނަމަވެސް ހިލޭ އެހީގެ ގޮތުގައި ކަށަވަރުވެފައި ނުވާތީ، 150 މިލިއަން ޑޮލަރު އިތުރު ހަމަސް ދުވަހަށް ރޯލްއޯވަރކުރެވި 2021 ވަނަ އަހަރަކީ ސަރުކާރުން މިޢަދަދު ދައްކަން ޖެހޭ އަހަރު ކަމަށްވާތީ، މިފައިސާ އަނބުރާ ދައްކަން ޖެހިއްޖެނަމަ ސަރުކާރަށް އިތުރު ބުރައަކަށް ވާނެތީ ރިޒާވް ބޭންކް އޮފް އިންޑިއާ އަދި އިންޑިއާ ސަރުކާރާ އެކު މަޝްވަރާކޮށް އެދެވޭ ޙައްލެއް ހޯދުމަށް ފިނޭންސް މިނިސްޓަރަށް ދެންނެވުމަށް ވެސް ޚިޔާލު ހުށައަޅާފައިވެއެވެ.

ހަމައެހެންމެ، 2017 ވަނަ އަހަރު ރާއްޖޭން އިޝޫކޮށްފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ ސޮވެރިން ބޮންޑު 2022 ގައި މެޗްއާ ވާނެތީ އެ ބޮންޑް ހިމެނޭ ގޮތަށް 2022 ވަނަ އަހަރު ދަރަނި ޚިދުމަތް ކުރުމާއި އަދާކުރުމަށް ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހޭތީ އަދި 2021 ވަނަ އަހަރު އިތުރު ބޮންޑް ބޭރުގެ ފަރާތްތަކަށް ވިއްކުމަށް އަންދާޒާކޮށްފައި ވުމުން ކުރިއަށް އޮޮތްތަނުގައި އަނބުރާ އަދާކުރަންޖެހިފަައވާ ސްކޫކް އަދި ބޮންޑު ފަދަ ތަކެއްޗަށްވާ ފައިސާ އަދާކުރެވޭ މިންވަރަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ފައިސާ ޖަމާކުރެއްވުމަށް ދަންނަވަން ވެސް ކޮމިޓީ ލަފާދެއްވާފައި ވެއެވެ.

މީގެއިތުރުން އެފަންޑު މެނޭޖްކުރުމަށް ވީއެންމެ އަވަހަށް ޤާނޫނީ އޮނިގަނޑެއް ތައާރަފްކޮށް އެފަންޑުން ހޭދަކުރާނެ ހަރުދަނާ އުޞޫލުތަކެއް ޤާއިމް ކުރުން، އަދި އެ ފަންޑުން ޚަރަދު ކުރެވޭނެ ޙާލަތްތައް ކަނޑައެޅުމަށް ސަރުކާރަށް ދެންނެވުން ވެސް ހުށައެޅުން ތަކުގެ ތެރޭގައި ހިމެނެއެވެ. މީގެއިތުރުން 2021 ވަނަ އަހަރަށް އާމްދަނީ އިތުރުކުރުމަށް ހުށަހަޅައިފައިވާ ގިނަ ކަންތައްތަކަކީ ޤާނޫނީ އޮނިގަނޑަށް ބަދަލުގެނެސް ތަންފީޒު ކުރެވެން ހުރި ޢަދަދުތަކެއް ކަމުން ޤާނުނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން އަވަސް ކުރުމަށް ދެންނެވުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ވެސް ބަޖެޓުގައިވާ ކަންކަމަށް ގިނަ ޚިޔާލުތަކެއް ކޮމިޓީގެ ރިޕޯޓުގައި ހުށައަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން