ރައީސް ޔާމީން
ރައީސް ޔާމީން
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ އަޑުއެހުން މާދަމާ މެންދުރު 14:00 ގައި ބޭއްވުމަށް ތާވަލްކޮށްފިއެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ޕީޖީން ދައުވާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ އެވެ.

މި މައްސަލާގައި މީގެ ކުރިން ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނަށް މައްސަލައަށް ތައްޔާރުވުމަށް އެކަށީގެންވާ ފުރުސަތު ކަރެކްޝަންސް ސަރވިސް އިން ފަހިކޮށްނުދޭކަމަށް ބުނެ ޝަކުވާ ކުރަށްވާފައެވެ.

އެގޮތުން ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ދިން ނަމަވެސް އެމަނިކްފާނާ ދެކޮޅަށް ހުށައަޅާފައިވާ ހެކިތައް ދިރާސާ ކުރެވޭނެ ވަސީލަތްތައް ފޯރުކޮށްދީފައި ނުވާކަމަށް އެމަނިކުފާން ވިދާޅުވިއެވެ. އެގޮތުން އޯޑިއޯ ކްލިޕްތައް އަޑުއެހުމަށް ފޯރުކޮށްދިން ލެޕްޓޮޕް ބަގް ކޮށްފައިވާ ކަމަށް ރައީސް ޔާމީންގެ ވަކީލުންވަނީ ތުހުމަތު ކުރަށްވާފައެވެ.

އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ފަނޑިޔާރު ވިދާޅުވީ ރައީސް ޔާމީންގެ ވަކީލުންގެ ލެޕްޓޮޕްތައް ކޯޓަށް ގެނެސްގެން އޯޑިއޯ ދިރާސާ ކުރުމުގެ އިންތިޒާމް ހަމަޖެއްސިދާނެ ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ ބޭނުންވަނީ، ޖަލުގައި އެކަން ކުރުމަށް ޖަލަށް ލެޕްޓޮޕް ގެންގޮސްގެން އޯޑިއޯ ދިރާސާ ކުރުމަށް ކަމަށެވެ. އަދި މައްސަލައާ ގުޅޭ އިތުރު ލިޔުންތަކެއް ނުލިބޭކަންވެސް ރައީސް ޔާމީންގެ ވަކީލުން ފާހަގަ ކުރެއްވިއެވެ. ފަނޑިޔާރު ވިދާޅުވީ ވަކީލުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ޙައްލެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރިޝްވަތު ޤަބޫލުކުރެއްވުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އަހުމަދު ކްރިކް ރިޟާގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން