މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް (ކ). އޭނާގެ ވިޔަފާރި ކުންފުނި ސަންގެ ދެ ކުންފުންޏެއްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ވަނީ އުފުލާފައި
މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް (ކ). އޭނާގެ ވިޔަފާރި ކުންފުނި ސަންގެ ދެ ކުންފުންޏެއްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ވަނީ އުފުލާފައި
ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ރ. ފުއްގިރި މައްސަލައިގައި ކޮށްފައިވާ މަނީ ލޯންޑްރިންގެ ދައުވާއަށް އެ ކުންފުނިން އިންކާރުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ވަނީ މި މައްސަަލައިގައި އެކުންފުނީގެ މައްޗަށް ކުރާ ދައުވާ އިއްވާފަ އެވެ.

ދައުވާ އިއްވަމުން ދަޢުލަތުން ބުނެފައިވަނީ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއިގުޅޭ ރިޝްވަތުގެ ފައިސާ ސަން އިންވެސްޓްމެންޓް ކުންފުނި ބޭނުންކޮށްގެން ލޯންޑާކޮށް ފަށަލަ ކޮށްފައިވާކަމަށެވެ.

މި މައްސަލާގައި މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ސަން ކުންފުނީގެ ފަރާތުން ދިފާއީ ވަކީލް އަލީ ޝާހު ވިދާޅުވީ، ދައުވާގެ ވާޤިޔާގައި ހުރި ވާހަކަތައް ސާފު ނޫން ކަމަށާއި، އަދި އަދަބާއި ގުޅޭގޮތުން ދައުލަތުން ދެއްކި ވާހަކަތައްވެސް ސާފު ނުވާކަމަށެވެ. އެގޮތުން ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް ދައުވާ ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ ކަމަށާއި، އެހެންނަމަވެސް ރައީސް ޔާމީން ރިޝްވަތެއް ނެންގެވި ކަމަށް އެއްވެސް ކޯޓަކުން މިހާތަނަށް ސާބިތުވެފައި ނުވާކަމަށެވެ. އެހެންކަމުން ދައުވާގެ އުންސުރުތައް ފުރިހަމަނުވާކަމަށް ވަކީލް ޝާހް ވިދާޅުވިއެވެ.

ޝާހް ވިދާޅުވީ، ފުއްގިރި މައްސަލައިގައި ދައުލަތުން ދެން ދައުވާ އުފުލާފައިވާ އަހުމަދު ކްރިކް ރިޟާ އާއި ސަން އިންވެސްޓްމެންޓް ކުންފުންޏާއި ދެެމެދު ހިނގާފައިވަނީ ފައިސާ މާރުކުރުމުގެ މުއާމަލާތެއް ކަމަށާއި، އަދި މިދައުވާ ސާބިތުވެއްޖެ ނަމަ ލިބޭނެ އަދަބެއްވެސް ދައުލަތުން ސާފުކޮށް ބުނެފައިނުވާ ކަމަށެވެ. ވަކީލް އަލީ ޝާހު ވިދާޅުވީ ދައުލަތުން އުފުލާފައިވާ ދައުވާއަށް އިންކާރުކުރާ ކަމަށާއި، އަދި މިއީ ސިޔާސީ ދައުވާއެއް ކަމަށެވެ،

މި މައްސަލާގައި ދަޢުލަތުގެ ވަކީލް ވިދާޅުވީ، ފުއްގިރި މުއާމަލާތުގައި ރިޝްވަތު ހިފި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވެސް ދައުވާ ކޮށްފައިވާ ކަމަށެވެ. އަދި ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާއި ރިޝްވަތުގެ ފައިސާ ޖަމާކުރުމުގެ މުއާމަލާތާއި ދެމެދު ފައިސާ ބަދަލުކުރުމުގައި ޝައްކު ނުކުރެވޭގޮތަށް ދިގު މުއްދަތެއް ހޭދަކޮށްފައިވާކަން ދައުލަތަށް ފާހަގަކުރެވޭ ކަމަށެވެ. އަދި ސަންގެ ދެ ކުންފުންޏަކީވެސް ޑޮލަރު މާރުކުރުމުގެ ހުއްދަ އޮންނަ ފަރާތްތައް ނޫންކަމަށް ވެސް ދަޢުލަތުން ފާހަގަކޮށްފައިވެއެވެ. ދަޢުލަތުން އިތުރަށް ބުނީ މި މަރުހަލާއަކީ އަދަބާއި ގުޅޭގޮތުން ވާހަކަ ދައްކާ މަރުހަލާއަށް ނުވާތީ ދައުލަތުން ފާހަގަކުރީ ކުށުގެ އަދަބުގެ ގޮތުގައި ގާނޫނުގައި ބަޔާންކޮށްފައިވާ އަދަބުތައް ކަމަށެވެ.

މިއަދުގެ ޝަރީޢަތުގައި މައްސަލަ ބައްލަވާ ގާޟީ އަޙްމަދު ޝަކީލް ވަނީ، ދައުލަތާއި ސަން އިންވެސްޓްމެންޓް ކުންފުނީގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންކަން ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ރ. ފުއްގިރި މައްސަލާގައި ދައުލަތުން އުފުލާ ދައުވާއަކީ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި، 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލައެވެ.

ރައީސް ޔާމީންގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރިޝްވަތު ޤަބޫލުކުރެއްވުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އަހުމަދު ކްރިކް ރިޟާގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން