ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް (މ).
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް (މ).
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރ ކުރުމާއި، ރިޝްވަތު ގަބޫލު ކުރުމުގެ ތުހުމަތުގައި ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ލިއުންތައް ދިރާސާ ކުރެވޭނެ އިންތިޒާމުތައް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް މެދުވެރިވެގެން ހަމަޖައްސައިދޭން ދައުލަތަށް އަންގައި މިއަދުގެ ޝަރީޢަތް ނިންމާލައިފިއެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާ އެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.

މިއަދުގެ އިބްތިދާއީ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ، މި މައްސަލާގައި އެ ލިޔުންތަކަކާ ނުލައި ދިފާއު ބިނާ ނުކުރެވޭވަރުގެ މުހިއްމު ލިއުންތަކެއް، ރައީސް ޔާމީންގެ ވަކީލުންނަށް ލިބިފައި ނުވާ ކަމަށާއި އެ ލިޔުންތައް ނުދީ ދައުލަތުން ހިފަހައްޓާފައިވާކަމަށެވެ. އަދި މައްސަލައާ ގުޅޭ ބައެއް ލިޔުންތައް ހޯދުމަށް ޕީޖީ އޮފީހުގައި އެދުމުންވެސް އެލިޔުންތައް ދީފައި ނުވާކަމަށާއި، ދިފާއުވުމަށް މުހިއްމުވާ ލިޔުންތައް ނިންމާނީ ދައުލަތުން ނޫންކަމަށް ރައީސް ޔާމީންގެ ވަކީލުން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ދައުވާއާ ގުޅޭ ހުރިހާ ލިޔުމެއް ލިބިގެން މެނުވީ، ދައުވާތަކަށް ޖަވާބުދާރީވެވެން ނެތް ކަމަށް ރައީސް ޔާމީންގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ނުލިބޭކަމަށް ފާހަގަކޮށްފައިވާ ލިޔުންތަކަކީ އޭސީސީގެ ރިޕޯޓަކާއި ދައުލަތުން ފޯރުކޮށްދިން އެހެންނަމަވެސް ނުހުޅުވުނު ކަމަށްބުނާ ސީޑީއެއްގެ އިތުރުން ބައެއް ފަރާތްތަކުގެ ވަނަވަރު ހިމެނޭ ލިޔެކިޔުންތަކާއި އެސްޓީއާރެކެވެ. އޭގެ އިތުރުން ސީޑީތަކުގައި 20 ގަޑިއިރު ހުރި ކަމަށާއި، އެތަކެތި ދިރާސާކުރުމަށްވެސް ވަގުތު ބޭނުންވާ ކަމަށް ރައީސް ޔާމީންގެ ވަކީލުން ފާހަގަ ކުރެއްވިއެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލުން ވިދާޅުވީ، މައްސަލައާ ގުޅޭ އިދާރީ ބައެއް ލިޔުންތަކާއި، ސިއްރުކުރަން ޝަރީއަތުގައި އެދިފައިވާ ލިޔުންތައް ފިޔަވައި، ބާކީ ހުރި ހުރިހާ ލިޔުންތަކެއް ޝަރީއަތް މެދުވެރިކޮށް، ދައުވާ ރައްދުވާ ފަރާތާ ހަވާލުކުރެވިފައިވާނެ ކަމަށެވެ. އަދި ސިއްރު ކުރަން ހުށަހަޅާފައިވާ ލިޔުންތައް، ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިން މެނުވީ ހިއްސާ ނުކުރެވޭނެ ކަމަށް ދައުލަތުން ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ޝަރީޢަތުން ވަކިވަކިން ރައީސް ޔާމީންގެ ވަކީލުންނާ ސުވާލު ކުރުމުން ނުލިބިވަނީ ދެ ލިޔުމެއްކަން ވަނީ ސާފުވެފައެވެ. އަދި މި މައްސަލާގައި ހިމެނޭ ސީޑީތައް އަޑުއެއްސެވުމަށާއި އިތުރު ލިޔެކިޔުންތައް ބެލުމަށް ވަކީލުންނާއެކު ރައީސް ޔާމީނަށް ފުރުސަތު ހަމަޖައްސައި ދިނުމަށް ދައުލަތަށް އަންގައި، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ބޭނުން ކުރުމާއި މަނީލޯންޑާ ކުރުމުގެ ދައުވާގެ މިއަދުގެ އަޑުއެހުން ވަނީ ނިންމާލާފައެވެ.

މިއަދުގެ އަޑުއެހުން ނިންމާލަމުން ޝަރީޢަތުން ބުނެފައިވަނީ، މި މައްސަލާގައި ދެން ޝަރީއަތެއް އޮންނާނީ އަންނަ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހު ކަމަށާއި، އެ ދުވަހު، ލިޔެކިއުންތަކުގެ ޝަކުވާއެއް އަޑުނާއްސަވާނެ ކަމަށެވެ. އަދި އެ އަޑުއެހުމުގައި އޮންނާނީ ދައުވާ އިއްވުމާއި، ދައުވާއަށް ޖަވާބުދާރީވުން ކަމަށް ޤާޟީ ވިދާޅުވިއެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ޕީޖީން ދައުވާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ އެވެ.

މިހާރުވެސް ރައީސް ޔާމީން ގެންދަވަނީ މަނީލޯންޑަރިންގެ މައްސަލައެއް ސާބިތުވެ 5 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި އެމައްސަލާގައި އެ މަނިކްފާން 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، އެފައިސާ އަދި އެމަނިކުފާނު ދަޢުލަތަށް ދައްކަވާފައެއް ނުވެއެވެ. މިމައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް ވެސް މިހާރު ވަނީ ނިމިފައެވެ. ނަމަވެސް ހުކުމް އިއްވާނެ ދުވަހެއް އަދި ނޭނގެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން