މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް
މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް
2012 ގެ ފަހުން ދަޢުލަތް ހިންގާފައިވަނީ ގޭންގެއްގެ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ޢަލީ އާޒިމް ވިދާޅުވީ، 2012 ގެ ބަޣާވާތަށްފަހު މި ދަޢުލަތުގެ ތިން ބާރު އެކުވެގެން ހިންގަމުން ދިޔައީ ގޭންގެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން މެމްބަރު އާޒިމް ވިދާޅުވީ، 18 ވަނަ މަޖިލީހުގައި އެންމެ މައްސަލަ އެއްވެސް 241 ކޮމިޓީގައި އެ ގޭންގާއި ގުޅޭގޮތުން ބެލިފައި ނެތް ކަމަށެވެ.

"އަޅުގަނޑުމެން 241 ކޮމިޓީގެ މައްސަލަތައް ފަހުން ދިރާސާ ކުރަމުން ދިޔައިރު 2018 ގައި ހުށައެޅި މައްސަލަތައް ފުނިޖެހިފައި އެބަހުރި، އެންމެ ކަމެއްވެސް ނުބަލާ." މެމްބަރު އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ދަޢުލަތުގެ އެހެން މުއައްސަސާތައް ހިނގަންވާގޮތަށް ހިނގަމުން ދިޔަނަމަ މަޖިލީހަށް އޭރު ހުށައެޅިފައިހުރި މައްސަލަތައް ހުށަނޭޅުނީސް ކަމަށެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް މައްސަލަތައް މެމްބަރު އާޒިމް ވަނީ މަޖިލީހުގެ ތަޅުމުގައި ފާހަގަކުރަށްވާފައެވެ.

"2012 ގެ ބަޣާވާތަށްފަހު ހިނގާދިޔަ ކަންތައްތަކަށް ބަލާއިރު މާލޭގެ މަގުތަކުގައި ހުރި ފެންފޯއް ގަސްތައް އުފުރާލުން. ރާއްޖެ ޓީވީ ރޯކޮށްލުން. ޑރ. އަފްރާޝީމް އަވަހާރަކޮށްލުން. ރިޟްވާން ވަގަށް ނެގުން. ފިސްތޯލައެއް ވަޒީރެއްގެ ބާލީސްދަށަށް ލުން. މިހެން ގޮސް މި ދަޢުލަތް އެކުވެގެން މިކަންކަން ކޮށްފައިވާ ވަރު މީ މިއަދު އަޅުގަނޑުމެން ކަންބޮޑުވެ މިކަމާ ދޭތެރޭގައި ވިސްނާލަން ޖެހޭ ކަމެއް." މެމްބަރު އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މިއަދު މަޖިލީހުން މިސްރާބު ހިފާފައި މިހުރީ ފުލުސް އޮފީސް އިސްލާޙު ކުރުމަށް ކަމަށާއި، އެ މުއައްސަސާގައި ހުރި މައްސަލަތައް ބަލައި ދިރާސާކޮށް ރޭވުންތެރިކަމާއެކު ޤާނޫނުގެ ތެރެއިން އެކަމަށް ޙައްލު ހޯދުމަށް ކަމަށެވެ. އަދި މިއަދު ކުރަން މިއުޅޭ މަސައްކަތަކީ ފުލުހުންގެ ޤާނޫނަށް އިސްލާޙު ގެނައުންކަމަށް އާޒިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން