ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙުސެއިން ޝަހީމް
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙުސެއިން ޝަހީމް
18 ވަނަ ރައްޔިތުންގެ މަޖިލީހުގައި 241 ކޮމިޓީ ބައްދަލުވަނީ ހަމައެކަނި ސޮއި ކޮށްލުމަށްފަހު އެލަވަންސް ނަގަން ކަމަށާއި، މައްސަލައެއް ބަލާފައި ނެތް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙުސެއިން ޝަހީމް (އަދުން ހުސައިން) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން މަޖިލީހަށް ހުށައެޅި ރިޕޯޓްތަކަށް ބަހުސް ކުރަށްވަމުން މެމްބަރު ހުސެއިން ޝަހީމް ވިދާޅުވީ، 19 ވަނަ މަޖިލީހުން 241 ކޮމިޓީއާ ޙަވާލުވެ ބެކްލޮގް ބެލިއިރު 200 އާ ގާތްކުރާ ޢަދަދަށް މައްސަލަތައް ކޮމިޓީގައި ޕާކް ކޮށްފައި ހުރި ކަމަށެވެ.

އެގޮތުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި 241 ކޮމިޓީ ބައްދަލުވަނީ ހަމައެކަނި ސޮއި ކޮށްލުމަށްފަހު އެލަވަންސް ނަގަން ކަމަށާއި، ނަމަވެސް މިހާރުގެ 241 ކޮމިޓީން 42 ޖަލްސާއެއް ބާއްވައި އޭގެތެރެއިން ގިނަ މައްސަލަތައް ނިންމާފައިވާކަމަށް މެމްބަރު ޝަހީމް ވިދާޅުވިއެވެ. އެގޮތުން ޕާކްކޮށްފައިވާ ގިނަ މައްސަލަތަކުގެ ތަފްސީލްވެސް މެމްބަރު ޝަހީމް ވަނީ ދެއްވާފައެވެ.

"ރައީސެއް އަވަހާރަކޮށްލަން ލޯންޗެއްގައި އެއްޗެއް ގޮށްވާލި މައްސަލަ ޕާކް ކޮށްފައި އޮތީ. ސަރުކާރެއް ވައްޓާލަން ބަޣާވާތެއް ކުރަން އުޅުނު މައްސަލަ ޕާކް ކޮށްލާފައި އޮތީ. ރާއްޖެޓީވީ ރޯކޮށްލި މައްސަލަ ޕާކް ކޮށްލާފައި އޮތީ. ދެ ނޫސްވެރިއަކު ގެއްލުވާލައި މަރާލި މައްސަލައެއް ޕާކް ކޮށްލާފައި އޮތީ. ނަދާލް ރަޝީދާއި، އަނަސްގެ މައްސަލަ ޕާކް ކޮށްލާފައި އޮތީ. މެމްބަރުންގެ މުދަލާއި ފުރާނައަށް ގެއްލުންދިން އެތައް މައްސަލައެއް ޕާކް ކޮށްލާފައި އޮތީ. މެމްބަރަކު އަވަހާރަކޮށްލި މައްސަލައެއް ހަމަ ޕާކް ކޮށްލާފައި އޮތީ." މެމްބަރު ޝަހީމް ވިދާޅުވިއެވެ.

މެމްބަރު ޝަހީމް ވިދާޅުވީ އޭރު އެ ކޮމިޓީގައި ތިއްބެވި ބޭފުޅުން ތިއްބެވީ އަތްޖަހަން ކަމަށާއި، ހިންދީ ފިލްމުތަކުގައި ފެންނަގޮތަށް ރޭގަނޑު ޖަރީމާ ހިންގުމަށްފަހު ދުވާލު ޔުނީފޯމް އަޅައިގެން އައިސް ތިބެނީ އަތްޖަހަން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މި މަޖިލީހުން ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް މަސައްކަތް ކޮށްދޭނެ ކަމަށް މެމްބަރު ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އެވިދާޅުވި ގިނަ މައްސަލަ ތަކަކީ މިހާރުގެ ސަރުކާރު ވެރިކަމަށް އައިސް ބަލަން ފަށާފައިވާ އަދި މިހާތަނަށް އެއިން އެއްވެސް ފަރާތަކަށް އިންސާފު ހޯދައި ދެވިފައި ނުވާ މައްސަލަ ތަކެެކެވެ. އެފަދަ މައްސަލަތައް ތަހުގީގުކޮށް އިންސާފު ހޯދައި ދިނުމަކީ މިސަރުކާރުގެ އެންމެ ބޮޑު އެއްވަޢުދެވެ. އެކަމަށް ވަނީ ރިޔާސީ ކޮމިޝަނެއްވެސް އެކުލަވާލާފައެވެ. އެއިން އެއްވެސް މައްސަލައެއްގެ ޝަރުޢީ މަރުހަލާ އަދި ފެށިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން