ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު (މ)
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު (މ)
އަބަދުވެސް އަމަލުކުރާ ގޮތަކީ އެ ކުރާކަމެއް އަވަހަށް ނިންމާފައި ނަމާދަށް ދިޔުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ގިނަ ދީނީ ޢިލްމުވެރިން އެމަނިކުފާނަށް ނަޞޭޙަތްތެރިވެއްޖެއެވެ.

އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މަޣްރިބް ނަމާދު ވަގުތަށް މެދުކަނޑާނުލައި ކުރިއަށް ގެންދަވާތީ، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވަނީ އެކަން އެގޮތަށް ނުކުރެއްވުމަށް ރައީސް ނަޝީދަށް ދަންނަވާފައެވެ. ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ ނަމާދުގައި އޮންނަ ގޮތަކީ އެ ކުރާ ކަމެއް އަވަހަށްކޮށް ނިންމާފައި ނަމާދަށް ދިއުން ކަމަށެވެ. އަދި އަބަދު ވެސް ޢަމަލުކުރާ ގޮތަކީ އެއީ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

"ނަމާދަށް އަރުއްވާ ބޭފުޅުންނަށް އެނގިވަޑައި ގަންނަވާނެ މިހާރު ޢިޝާ ނަމާދަށް ގޮވަނީ 7:12 ގައި ކަން. މަޣްރިބް ނަމާދަށް ހަމަ ދެންމެއަކު އެގޮވީ. މާވަށު ދާއިރާގެ ޢިއްޒަތްތެރި މެމްބަރަށް ދަންނަވާލަން ނަމާދުގައި އޮންނަ ގޮތަކީ، ކުރާކަމެއް އަވަހަށް ކޮށް ނިންމާފައި ނަމާދަށް ދިއުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ޒަމާނުއްސުރެ އެކަން ކުރަމުން ގެންދަނީ އެގޮތަށް ކަމަށާއި، ކުރިން ވަޒީރުކަމުގައި އުޅުއްވި ބޭފުޅުންނަށް އެކަން މަޖިލީހުގައި ހިނގާގޮތް ސާފު ނުވުމަކީ ވެދާނެ ކަމެއްކަމަށެވެ.



އެކަމާގުޅިގެން ގިނަ ދީނީ ޢލްމުވެރިން ވަނީ ރައީސް ނަޝީދަށް ނަޞޭޙަތްތެރިވެ އެއީ އެކަން އޮންނަ ގޮތް ނޫންކަން ސާފުކޮށްދެއްވާފައެވެ. އެގޮތުން ޖަމްޢިއްޔަތުއް ސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވީ ނަމާދަކީ މުއުމިނުންގެ މައްޗަށް ވަގުތު ކަނޑައެޅިގެންވާ ފަރުޟެއްކަމަށް އަންގަވާފައިވާ ކަމަށެވެ. އެހެންކަމުން ނަމާދު އޭގެ ވަގުތުގައި ނުވަަތަ ވީހާވެސް އަވަހަކަށް ކުރަންޖެހޭނެކަމަށް ވެސް ޝެއިޚް ވިދާޅުވިއެވެ. ޝެއިޚް ވިދާޅުވީ، މަޣްރިބް ނަމާދަކީ އެންމެ ހަނިކޮށް ވަގުތު އޮތް ނަމާދު ކަމަށާއި، އެ ނަމާދު ވަގުތުން ވަގުތަށް ކުރަންޖެހޭނެ ކަމަށެވެ. އެހެންނޫނިއްޔާ އެ ނަމާދު ފާއިތުވެގެންދާނެ ކަމަށާއި، އެހެންކަމުން ރައީސް ނަޝީދު ދެއްކެވީ ހަމަ ސީދާ ރޯ ނުބައި ވާހަކައެއް ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކައާ ގުޅިގެން ޝައިޚް ޝަފީއު އަބްދުﷲ ވިދާޅުވީ، ހަނގުރާމަ މަތީގައިވެސް ނަމާދު ވަގުތު ފާއިތުވަންދެން ފަސްކުރުން ހުއްދަވެގެނެއް ނުވާ ކަމަށެވެ. ޝައިޚް ވިދާޅުވީ، ހުރިހައިކަމެއް ކޮށްފައި ދެން ވަގުތެއް ވެއްޖެނަމަ, ނަމާދު ކުރުމަކީ ނަމާދު ޤާއިމު ކުރުން ނޫން ކަމަށާއި، އެންމެ ފުރަތަމަ ކަމަކީ ނަމާދު ކަމަށެވެ. އެހެންކަމުން ކަންކަން ތަރުތީބުވާން ޖެހޭނީ ނަމާދަށް އިސްކަން ދެވިގެން ކަމަށް ޝައިޚް ޝަފީޢު ވިދާޅުވިއެވެ.

އެ މައްސަލާގައި ޝައިޚް ޢަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަމާދަކީ ކުރަން އޮތް ކަމެއް ނިންމާފަ ހިތައް އެރި ގަޑިއެއްގައި ކުރަން އޮންނަ އަޅުކަމެއް ނޫންކަމަށެވެ. އެއީ ވަގުތު ކަނޑައެޅިގެން އޮތް ފަރުޟެއް ކަމަށާއި، އެއީ އިސްލާމްދީނުގެ ދެ ވަނަ ރުކުން ކަމަށް ޒައިދު ވިދާޅުވިއެވެ. އަދި ކޮންމެ ނަމާދެއްވެސް އެ ނަމާދެއްގެ ވަގުތުގެ ތެރޭގައި ކުރެއްވުމަށް ހަނދާންކޮށްދޭ ކަމަށް ޝައިޚް ޢަލީ ޒައިދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން