ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން މިއަދު ނޫސްވެރިންނާ ބައްދަލު ކުރެއްވުން
ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން މިއަދު ނޫސްވެރިންނާ ބައްދަލު ކުރެއްވުން
މި ޑިސެންބަރު މަހުގެ ނިޔަލަށް "ހިޔާ" މަޝްރޫޢުގެ ހުރިހާ ކެޓެގަރީއެއްގެ ދާއިމީ ލިސްޓުތައް އިޢުލާނުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ފްލެޓް ކޮމިޓީގެ މެމްބަރު ޠާހާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

"ހިޔާ" މަޝްރޫޢުގެ ދަށުން ދިރާސާކޮށް ނިންމައި، ވަގުތީ ލިސްޓުތައް ޢާންމުކޮށްފައިވާ ކެޓެގަރީތަކުން ފްލެޓަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި އަމަލުކޮށްފައިވާ ގޮތާއި، ޝަރުޡު ފުރިހަމަވާ ފަރާތްތަކުގެ ދިރިއުޅުގެ ހާލަތު ބެލުމުގައި އަމަލުކޮށްފައިވާ ގޮތުގެ މަޢުލޫމާތު ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން މިއަދު ނޫސްވެރިންނާ ވަނީ ޙިއްޞާކުރައްވައިފައެވެ. މި ކަމަށްޓަކައި "ވަރޗުއަލް"ކޮށް މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި މަޢުލޫމާތު ނޫސްވެރިންނާ ޙިއްޞާކުރެއްވީ އެ ކޮމެޓީގެ މެންބަރު އަލްއުސްތާޛު ޠާހާ މުޙައްމަދާއި، މެންބަރު އަލްއުސްތާޛު ޢަލީ ޝުހައިލް މުޙައްމަދުގެ އިތުރުން ކޮމެޓީގެ ފަރާތުން ލިއުޝާ ޙަސަނެވެ.

ކޮމިޓީގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ނޫސްވެރިންނާ ޙިއްޞާކުރައްވަމުން އަލްއުސްތާޛު ޠާހާ މުޙައްމަދު ވިދާޅުވީ، މި ޑިސެންބަރު މަހުގެ ނިޔަލަށް "ހިޔާ" މަޝްރޫޢުގެ ހުރިހާ ކެޓެގަރީއެއްގެ ދާއިމީ ލިސްޓުތައް އިޢުލާނުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޚާއްޞަ ކެޓެގަރީ ފިޔަވައި އެހެން ކެޓެގަރީތަކުގެ ފޯމުތައް ދިރާސާކޮށް ނިންމައި، ވަގުތީ ލިސްޓުތައް މިހާރު ޢާންމުކުރައްވާފައިވާ ކަމަށާއި، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޚާއްޞަ ކެޓެގަރީގެ ވަގުތީ ލިސްޓު އިޢުލާނުކުރުމުގެ ކުރިން މިހާރު ކުރިއަށްދަނީ މަޢުލޫމާތު ކަށަވަރުކުރުމުގެ މަސައްކަތް ކަމަށެވެ.

މީގެ އިތުރުން، ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޡު ހަމަވާ ފަރާތްތަކުގެ ދިރިއުޅުގެ ހާލަތު ބެލުމުގައި އަމަލުކޮށްފައިވާ މިންގަނޑާއި، އަމަލުކޮށްފައިވާ ގޮތުގެ މަޢުލޫމާތު ވެސް މި ބައްދަލުކުރެއްވުމުގެ ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ވަނީ ނޫސްވެރިންނާ ޙިއްޞާ ކުރައްވާފައެވެ. އަދި، ވަކިވަކި ކެޓެގަރީތަކުގެ ޝަރުޡު ހަމަވާ ގޮތާއި، އެ ކޮމިޓީއަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން ޢާންމުންނަށް ސާފުކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މަޢުލޫމާތު ވެސް އެ ކޮމިޓީން ވަނީ ހާމަކުރައްވާފައެވެ.

އެކޮމިޓީން މީގެ ކުރިން ވެސް ވަނީ ފްކެޓާއި ބެހޭ އެފަދަ އެތައް ތާރީޚު ތަކެއް ދީފައެވެ. އަދި ދިރިއުޅުމުގެ ހާލަތު ބަލާ ގޮތާއި އެއަށްފަހު ކަން ކުރާ ގޮތާއި ބެހޭ ގޮތުން ވެސް އެކޮމިޓީން މީގެ ކުރިން ވެސް ވަނީ ނޫސްވެރިންނަށް މައުލޫމާތު ސާފުކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން