ޝަހާދަތުގެ ދެކަލިމައަށް ފަހު އަދާކުރަން ޖެހޭ އެންމެ މުހިއްމު ވާޖިބަކީ ފަރްޟު ފަސް ނަމާދު ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

އެގޮތުން ނަމާދަކީ ކަނޑައެޅިފައިވާ ވަގުތުތަކެއްގައި އަދާކުރުމަށް މުއުމިނުންގެ މައްޗަށް އަމުރުކުރައްވާފައިވާ އަޅުކަމެއް ކަމަށާއި ނަމާދަކީ ރަށުގައި ޤާއިމުވެ ހުންނަ މީހާގެ މައްޗަށާއި، ދަތުރުވެރިޔާގެ މައްޗަށާއި، ބަލިމަޑުކަމުގައިވާ މީހާގެ މައްޗަށްވެސް ފަރްޟު ކުރައްވާފައިވާ އަޅުކަމެކެވެ. ހަނގުރާމައިގެ ހާލަތުގަޔާއި ބިރުވެރިކަމުގެ ހާލަތުގައިވެސް ނަމާދުކުރުމަށް ވަނީ އަންގަވާފައެވެ. އަދި އެއީ އަޅުގަނޑުމެންނަށް ހަވާލުކުރައްވާފައިވާ އަމާނާތެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

“ކިތަންމެ ބަލި ބޮޑު ވިޔަސް ނަމާދު އެޅުމެއް ނެތެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންނަށް ފެންނަނީ މިއާ ޚިލާފު މަންޒަރެކެވެ. މީހަކު ހަަމަ ބައްޔެއް ވެލާ އިރަށް ނަމާދު ދޫކޮށްލައެވެ. ބައެއް މީހުންނަށް ނަމާދުކުރުން ވަނީ އުފުލަން ޖެހިފައިވާ ބުރައަކަށެވެ. ބައެއް މީހުން ނަމާދު ދޫކޮށްލަނީ ބަލި ފަސޭހަވުމުން އެ ނަމާދުތައް ޤަޟާ ކުރުމުގެ ނިޔަތުގައެވެ. އެ ބަލީގައި މަރުވެއްޖެނަަމަ އެއީ އޭނާއަށް ލިބުނު އުޛުރެއް ކަމަށް ދެކިގެންނެވެ. މިއީ ވަރަށް ބޮޑު އޮޅުމެކެވެ.”މިއަދުގެ ޚިޠުބާގައި ވެއެވެ.

ނަމާދަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި އެއީ ﷲ ގެ ޙަޟްރަތުގައި މަތިވެރި ޤަދަރެއް ލިބިގެންދާ ކަމެއް ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ. މިއަދުގެ ޚުޠުބާގައި ނަމާދާބެހޭގޮތުން އިތުރަށް ބުނެފައިވަނީ އިސްލާމްދީނުގެ މަތިވެރި ބިނާ ޤާއިމުވެފައި ވަނީ ނަމާދުގެ މައްޗަށް ކަމަށާއި އެއީ ﷲ އާއި އެކަލާނގެ އަޅާ ގުޅުވައިދޭ ވާފަށް ކަމަށެވެ.

“ޝައިތާނާ މުސްލިމުން ނަމާދާއި ދުރުކުރުމަށްޓަކައި ވަރަށް ގިނަ ޙީލަތްތަކާއި، މަކަރރުތައް ހަދައި، ދުނިޔެ ރަންކޮށް ދައްކަތެވެ.

މިއަދު މިސްކިތްތައް ވަރަށް ގިނަ ނަމަވެސް ރޭޑިއޯ ޓީވީ ފަދަ ތަކެތީން ބަންގި ގޮވައި، ނަމާދު ކުރުމަށް ހަދާންކޮށްދޭ އިރުވެސް އެކި ކަންކަމުގައި މަޝްޢޫލުވެ މީހުން ނަމާދު އަޅަމުންދެއެވެ. އަދި ރޭގަނޑުގެ ގިނަ ވަގުތުތައް ބޭކާރު ގޮތުގައި ހޭދަކުރުމަށް ފަހު ފަތިސްވާން ކައިރިވެފައި ވަނިކޮށް ނިދާ، ފަތިސް ނަމާދު އަޅައެވެ.”

ޖަމާޢަތުގައި ނަމާދުކުރުމަށް އިސްކަން ދިނުމަށްވެސް ޚުތުބާގައި ވަނީ ގޮވާލާފައިވެއެވެ. އެއީ އެކަހެރިކޮށް ކުރާ ނަމާދަށް ވުރެ ޖަމާޢަތުގައި ކުރާ ނަމާދުގެ ޘަވާބު 27 ދަރަޖައަށް އިތުރުވެގެންވާތީ ކަމުގައި ވެސް ޚުޠުބާގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން