ހިޔާ މަޝްރޫޢުގެ ފްލެޓްތައް (ފޮޓޯ: އެޗްޑީސީ)
ހިޔާ މަޝްރޫޢުގެ ފްލެޓްތައް (ފޮޓޯ: އެޗްޑީސީ)
ހިޔާ ފްލެޓްތަކުގައި އަލުން ކުލަލުމަށް ސަރުކާރުން އެއްވެސް ޚަރަދެއް ކުރަމުން ނުދާކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހަދާފައިހުރި ބައެއް ފްލެޓްތަކުގައި ކުރިން ލާފައިހުރި ފިޔާތޮށި ކުލަ ރީނދޫ ކުލައަށް ބަދަލުކުރާކަމަށް ބުނެ ސޯޝަލްމީޑިއާގައި ދައުރު ކުރަމުންދާ ފޮޓޯތައް ދޮގުކޮށް އެޗްޑީސީން ބުނެފައިވަނީ، ހިޔާ ފްލެޓްތަކުގައި ލަމުންދަނީ އޮރެންޖު ކުލަ ކަމަށާއި މި އަހަރުގެ ޖެނުއަރީ މަހުވެސް އެ ފްލެޓްތަކުގައި ލާފައިވަނީ އޮރެންޖު ކުލަ ކަމަށެވެ. ނަމަވެސް ކުލަ ފަނޑުވުމުގެ ސަބަބުން އަލުން ކުލަ ލާން ކޮންޓެކްޓަރަށް އިރުޝާދު ދީފައިވާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ފްލެޓްތަކުގައި އަލުން ކުލަ ލުމަށް ސަރުކާރުން އިތުރު އެއްވެސް ޚަރަދެއް ނުކުރާކަން ހާމަކޮށް އެޗްޑީސީން ބުނީ، މި މަސައްކަތް ކުރިއަށް ގެންދަނީ އެ މަސައްކަތް އެންމެ ފުރަތަމަވެސްް ކުރި ކޮންޓްރެކްޓަރ ކަމަށާއި، އެ ޓަވަރުތަކަށް ކޮންޓްރެކްޓަރ ޒިންމާވާ މުއްދަތު ހަމަވެފައިނުވާތީ، އަލުން ކުލަ ލުމަށް ދައުލަތުން އެއްވެސް ހަރަދެއް ކޮށްފައި ނުވާ ކަމަށެވެ.



މި ދުވަސްވަރަކީ ގައުމުގައި ބަލިމަޑުކަމެއް ފެތުރި، އިގުތިސޯދީ ދުވެލި މަޑުޖެހި، ގައުމަށް ވަންނަ ފައިސާ ދަށްވެ، ބަޖެޓަށްވެސް ބާރު ބޮޑުވެފައިވާ ދުވަސްވަރެކެވެ. މިފަދަ ދަނޑިވަޅެއްގައި ކުރިން ކުލަ ލާފައި ހުރި ތަނެއްގައި އަލުން ކުލަލުމަކީ ރައްޔިތުންގެ ފައިސާ އިސްރާފުކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި އަލުން ކުލަ ލުމަކީ މި ސަރުކާރުގެ ބިޔަ ޕްރޮޖެކްޓެއްތޯ ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.

ހިޔާ މަޝްރޫއުގެ ދަށުން 16 ޓަވަރުގައި މުޅި ޖުމްލަ 7،000 ފްލެޓް އިމާރާތްކޮށްފައިވެއެވެ. ހުޅުމާލޭގެ އެހެން ބައެއް ފްލެޓްތަކެކޭ އެއް ފަދައިން، ޓަވަރުތައް ވަކި ކުރުމަށް އެކި ޓަވަރުގައި އެކި ކުލަ ލާފައި ހުރެއެވެ. ހިޔާ ފްލެޓް މަޝްރޫއު މިހާރު ނިންމާލާފައިވީ ނަމަވެސް، ފްލެޓްތައް ހަވާލުނުކުރެވި ގިނަ ދުވަސްވަނީ އެތަންތަނަކީ މީހުން ދިރިއުޅުމަށް އެންމެ ރަނގަޅު ތަންތަނަށް ނުވާތީ ކަމަށް ސަރުކާރުންވަނީ ކުރިން ހާމަކޮށްފައެވެ.

ފްލެޓް ކޮމިޓީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފްލެޓް ކޮމިޓީގެ މެމްބަރު ޠާހާ މުޙައްމަދު ވިދާޅުވެފައިވަނީ، މި ޑިސެންބަރު މަހުގެ ނިޔަލަށް "ހިޔާ" މަޝްރޫޢުގެ ހުރިހާ ކެޓެގަރީއެއްގެ ދާއިމީ ލިސްޓުތައް އިޢުލާނުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން