އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
ތިން ސިޔާސީ ޕާޓީއަކަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، މިއަހަރު ކުރީކޮޅު ޕާޓީތަކަށް ފައިސާގެ ބައެއް ދޫކޮށްފައި ވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ތިން ޕާޓީއަކަށް އަނެއްކާވެސަ ފައިސާ ދޫކޮށްފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީއަށް 5.8 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ޕީޕީއެމަށް ދޫކޮށްފައިވަނީ 3.9 މިލިއަން ރުފިޔާ އެވެ. އަދި ޖުމްހޫރީ ޕާޓީއަށް ދޫކޮށްފައިވަނީ، 1.3 މިލިއަން ރުފިޔާ އެވެ.

މިއަހަރު ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ކަނޑައަޅާފައިވަނީ 33.4 މިލިއަން ރުފިޔާއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީތަކަށް ފައިސާ ލިބުމުގައި ދަތިތައް ދިމާވަނީ މިއަހަރު ދައުލަތުގެ ބަޖެޓުގައި ދަތިތަކެއް ހުރެގެން ކަމަށެވެ. މިއަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާގެ ދެބައިކުޅަ އެއްބައި އަދިވެސް ދޫކުރެވިފައި ނުވާކަމަށާއި، ފިނޭންސް މިނިސްޓްރީން ފައިސާ ދޫކުރާ މިންވަރަކުން ޕާޓީތަކަށް ފައިސާ ދޫކުރަމުން ގެންދާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ޕާޓީތަކަށް ފައިސާ ދޫކޮށްފައިވާ ކަމަށް އީސީ އިން ހާމަކޮށްފައިވާ މި ދަނޑިވަޅަކީ، ކޯވިޑް-19 އާ ގުޅިގެން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބު އަންނަ މާރޗްމަހު 6 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ވަގުތެކެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައަޅައި މަސައްކަތް ކުރަމުންދާއިރު، އެންމެބޮޑު އިސްކަމެއް ދެނީ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ޕާޓީތަކަށް ކެންޕެއިން ކުރުމުގެ ފުރުސަތު ދިނުމަށްކަމަށެވެ. އެގޮތުން ޤާނޫނުގައި ބުނާ 28 ދުވަހުގެ މުއްދަތު ކެންޕެއިން ކުރުމަށް ދެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، އިންތިޚާބަށް އެ ކޮމިޝަނުން އެދިފައިވާ ބަޖެޓް އަދިވެސް ލިބިފައި ނުވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން