ކްރިމިނަލް ކޯޓުގެ ކުރީގެ ޤާޟީ ޙައިލަމް (ވ) އާއި ހިއުމަން ރައިޓްސް ކޮމިޓީގެ މުޤައްރިރު ޖީހާން (ކ)
ކްރިމިނަލް ކޯޓުގެ ކުރީގެ ޤާޟީ ޙައިލަމް (ވ) އާއި ހިއުމަން ރައިޓްސް ކޮމިޓީގެ މުޤައްރިރު ޖީހާން (ކ)
ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީގައި ހިނގައިދިޔަ ޖިންސީ ގޯނާގެ ހާދިސާ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޓީގެ މުޤައްރިރު އެއްޗެއް ވިދާޅުވުމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަޙްމަދު ޙައިލަމް އެދިވަޑައިގެންފިއެވެ.

ހުޅުމާލޭ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުންގެ ފަރާތުން ޕީޖީއަށް މިއަދު ވަނީ މައްސަލަ ފޮނުވައިފައެވެ. އެކަމާ ގުޅިގެން ހައިލަމް ވިދާޅުވީ، އެ މައްސަލާގައި ދަޢުވާ ކުރަން ފޮނުވިޔަސް މައްސަލަ ސާބިތުކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

"އެންމެން ގުޅިގެން ވިކްޓިމްވަނީ ފުރުވާލާފައި. ސަފާ ފުރުވާލި މައްސަލަ 4 އަހަރު ފަހުން ބެލޭހެން މިމައްސަލަ ބެލޭނެ ދުވަހެއްވެސް އަންނާނެ. މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ ކޯމާއަކަށް ދިޔައީތޯ؟ މުޤައްރިރު އެއްޗެއް ވިދާޅުވުން އެދެން!" ޙައިލަމް ވިދާޅުވިއެވެ.

މި މައްސަލާގައި ދަޢުވާ ކުރާ މީހުންގެ ނަންތައް ޕީޖީ އޮފީހުން ހާމަކޮށްފައި ނުވާތީ ހައިލަމް ވިދާޅުވީ، އަދިވެސް މި "މީހުން" ގެ ނަންތައް ހާމަކުރެވެން ނެތީ ކީއްވެކަން ސާފު ނުވާކަމަށެވެ. އަދި ޙައިލަމް ވަނީ އެ "މީހުން" ގެ ނަންތައް ސިއްރުކުރަނީ ކޮން އުސޫލަކުންތޯ ޕީޖީއާ ސުވާލު ކުރަށްވާފައެވެ.

"މި ނަންތަކަކީ ހިއުމަން ރައިޓްސްއާއި ގައުމީ ސަލާމަތަށްހުރި ބޮޑު ނުރައްކަލެއްތޯ؟ ދަޢްވާ ސާބިތުނުވާކަމަށް ކަނޑައަޅާއިރުވެސް ނަންތައް ހުންނާނީ ސިއްރުކުރެވިފައި." ޙައިލަމް ވިދާޅުވިއެވެ.

ޖޫން 26 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ދިވެހި ދެ ފިރިހެނަކު ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރަން އުޅުނު މި މައްސަލަ މީޑިއާއަށް ތިލަވެގެން އައީ ރޭޕް ކޭސް އެއްގެ ގޮތުގައެވެ. ނަމަވެސް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެފައިވަނީ ސަފާރީގައި ހިނގާ ދިޔައީ ރޭޕަކަށްވުރެ ނިސްބަތުން ކުޑަ ކަމެއް ކަމަށެވެ. އަދި އެއީ އާންމު ކޮންމެ ތަނެއްގައި ވެސް ހިނގައިފާނޭ ކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

މިދިޔަ ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު އަބްދުލް މަންނާނު ޔޫސުފް ވަނީ، އެ މައްސަލައިގައި ތުހުމަތު ކުރަނީ ކުށުގެ ވެށިން ހައްޔަރުކުރި ދެ ފިރިހެނުންނަށް އެކަނި ކަމަށް ވިދާޅުވެފަ އެވެ. އަދި އެމީހުން ދޫކޮށްލާފައިވަނީ އެމީހުން ބަންދުގައި ބައިތިއްބަންޖެހޭ ސަބަބެއް އޮތް ކަމަށް ނުފެންނާތީ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މި މައްސަލާގައި މަޖިލީހުގެ މެމްބަރެއްގެ ފިރިކަލުން ހިމެނޭކަމަށް ބުނެ، މި މައްސަލަ ބެލުމުގައި ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ވަދެފައިވާކަމަށް ގިނަ ރައްޔިތުން ވަނީ ތުހުމަތުކޮށްފައެވެ. އަދި މީސް މީޑިއާގައި މިމައްސަލައަށް ނިސްބަތް ކުރަނީ “ރޯޔަލް ރޭޕްކޭސް” ގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން