18 ވަނަ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން (ވ). ކުރީގެ ރައީސް ޔާމީނާއި، ކުރީގެ ނައިބުރައީސް އަދީބާއި އެކު
18 ވަނަ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން (ވ). ކުރީގެ ރައީސް ޔާމީނާއި، ކުރީގެ ނައިބުރައީސް އަދީބާއި އެކު
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ނިހާންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތަހުގީގު ނިމި އޭނާގެ މައްޗަށް ދައުވާ އުފުލަން އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މީގެ ދެ ދުވަހެއްވަރު ކުރިންނެވެ. އިއްޔެ ފުލުހުންވަނީ ނިހާންގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަންވެސް ހާމަކޮށްފައެވެ. އެކަމާ ގުޅިގެން ނިހާންވަނީ ދިވެހި ފުލުހުންގެ އިންޓެލިޖެންސުން ހޯއްދެވި އިންޓެލިޖެންސް އަކީ މިހާތަނަށް ދުނިޔޭގައި ހޯދުނު އެންމެ ތެދުވެރި އިންޓެލިޖެންސް ރިޕޯޓް ކަމަށް ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ނިހާންގެ މައްޗަށް ކުރަނީ މަނީ ލޯންޑާ ކުރުމާއި، ރިޝްވަތު ހިފުމުގެ ތުހުމަތެވެ. އެ މައްސަލާގައި މިދިޔަ އޮކްޓޫބަރު މަހު ނިހާން އާއި ޢާއިލާ ބޭފުޅުން އޭސީސީއަށް ޙާޟިރުކޮށް ބަޔާން ނަގާފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން މިހާތަނަށް 3 ފަރާތަކަށް ވަނީ ޙުކުމް ކޮށްފައެވެ. އެގޮތުން މަނީ ލޯންޑާ ކުރެއްވިކަމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލި ދައުވާތަކުގައި ވެސް އިއުތިރާފު އެއްބަސްވުމެއް އެކުލަވާލިއިރު އޭނާގެ މައްޗަށް އިއްވާފައިވަނީ 11 އަހަރުގެ ޖަލު ހުކުމެކެވެ. މި ދެބޭފުޅުން ޙުކުމް ތަންފީޒު ކުރަމުން ދަނީ ޖަލުގައެވެ.

މީގެ އިތުރުން ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއެކު ޕީޖީ އޮފީހުން ހެދި އެއްބަސްވުމާއެކު އަދީބު ވަނީ އެމްއެމްޕީއާރސީގެ ޚިޔާތުގެ ތުހުމަތުތަކަށް އެއްބަސްވެވަޑައިގެންފައެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުވެ އިއްވާފައިވާ 20 އަހަރު ދުވަހުގެ ޖަލުހުކުމް ތަންފީޒްކުރައްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން