އިިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ބޮޑުވެގެންވާ ޖަރީމާއެއް ކަމުގައިވާ އަމިއްލައަށް މަރުވުމުގެ ވަބާ އަކީ ފަހަކަށް އައިސް އިންސާނުންގެ ތެރޭގައި ފެތުރިފައިވާ އެންމެ ނުރައްކާތެރި އެއް ވަބާ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.



އެގޮތުން އިންސާނާ ހެއްދެވީންސުރެ، ﷲ ތަޢާލާ ވަނީ އެ އިންސާނާ މާތްކުރައްވާ މަތިވެރިކުރައްވާފައި ކަމަށާއި އިންސާނާ ޚަލްޤު ކުރެއްވުމާއެކު، މަލާއިކަތުންނަށް އެ އިންސާނާއަށް ސަޖިދަ ކުރުމަށް އަމުރު ކުރެއްވި ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.

"މިދުނިޔޭގައި އިންސާނާ ލެއްވުމަށްފަހު އޭނާއަށްޓަކައި، ދުނިޔޭގައި ވާހާ ތަކެއްޗެއް ލެއްވިއެވެ. އިންސާނާ މާތްކުރައްވާފައި ވާތީ، އެއްވެސް މީހެއްގެ މޫނުމަތީގައި ޖެހުން އިސްލާމްދީނުގައި ނަހީކުރައްވާފައިވެއެވެ. ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޙައްޤަކާއި ނުލައި ޤަތުލު ކުރުމަކީ ކިހާ ބޮޑު ފާފައެއްކަން ކީރިތި ޤުރުއާނާއި ނަބިއްޔާގެ ސުންނަތުގައި ސާފުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ." މިއަދުގެ ހުކުރު ޚުޠުބާގައި ވެއެވެ.

މީގެ އިތުރުން އަމިއްލައަށް މަރުވުމުގެ ހުރި ނުރައްކާތެރިކަން ބަޔާންކޮށްދެއްވުމަަށްޓަކައި ނަބިއްޔާ އެފަދަ މީހުންގެ ޖަނާޒާގައި ބައިވެރިވަޑައި ނުގަންނަވާ ކަމުގައި ޙަދީޘްތަކުގައި ވާރިދުވެގެން އައިސްފައިވާ ކަމަށާއި ނަމަވެސް މުސްލިމުންގެ ތެރެއިން ބަޔަކު މީހުން އޭނާގެ މައްޗަށް ކަށުނަމާދުކޮށް ޖަނާޒާގެ ކަންކަން ފުރިހަމަކުރަންޖެހޭނެ ކަމަށްވެސް ޚުތުބާގައި ބުނެފައި ވެއެވެ.

"ޙަގީގަތުގައި އަމިއްލައަށް މަރުވުމުގެ މައިގަނޑު ސަބަބު ކަމުގައިވަނީ ﷲ ގެ ނިޔާއަށް ނުރުހުމާއި، ﷲ އިންސާނާ އިމްތިހާނު ކުރެއްވުމަށް އޭނާއަށް ޖައްސަވާ މުޞީބާތްތަކަށް ކެތްތެރި ނުވެވުން" ކަމަށް ޚުޠުބާގައި ވެއެވެ.

މުސްލިމް އަޅާގެ ޢަޤީދާއަކަށް ވާންޖެހޭނީ، ތިމާއަށް ގެއްލުމެއް ދިނުމަށް ނުވަތަ ފައިދާއެއް ހޯދައިދިނުމަށް ބަޔަކު ކިތަންމެ މަސައްކަތެއް ކުރި ކަމުގައި ވިޔަސް، ﷲ ނިޔާ ކުރައްވާފައިވާ ކަމެއް މެނުވީ، ތިމާއަށް ނުޖެހޭނެކަން ޤަބޫލު ކުރުން ކަމަށް ވެސް ބުނެފައި ވެއެވެ.

"ކަންތައްތަކާއި ކެރިގެން ކުރިމަތިލުމަކީ އިސްލާމް ދީން އަޅުގަނޑުމެންނަށް ދަސްކޮށްދީފައިވާ ގޮތް ކަމަށާއި ދުނިޔެވީ މުސީބާތްތަކަކީ އެކަމަށް ކެތްތެރިވުމުން ﷲ ތަޢާލާ އެކަލާނގެ އަޅާއަށް ސަވާބާއި ދަރުމަ އިތުރުކޮށްދެއްވާނެ ކަންތައްތައް" ކަމުގައިވެސް މިއަދުހެ ޚުޠުބާގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން