ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ
ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ
އިންސާނީ ވަގުފާރީގެ ޝިކާރައަކަަށް ވެފައިވާ މީހުންނަށް ރައްކާތެރިކަން ދިނުމަށް ސަރުކާރުން އިސްކަންދޭ ކަމަށް ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންޓަރނޭޝަނަލް މައިގްރަންޓްސް ޑޭ އާ ގުޅިގެން ދެއްވި ވީޑިޔޯ މެސެޖުގައި ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ، އިންސާނީ ވަގުފާރިއަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ބޮޑު ޖަރީމާއެއްގެ ގޮތުގައި ބަލައިގަނެ، އެޖަރީމާ ތަކުރާރު ވިޔަނުދިނުމަށްޓަކައި މަސައްކަތް ކުރުމާއި، އެކަމުގެ ޝިކާރަޔަކަށްވާ ފަރާތްތަކަށް ޙިމާޔަތާއި ރައްކާތެރިކަން ދިނުމަށް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ފައްޓަވާފައިވާކަމަށެވެ.

އޭގެ އިތުރުން ދިވެހި މުޖްތަމަޢު ބިނާކުރުމުގައި އެތައް އަހަރެއް ވަންދެން ބިދޭސީ މަސައްކަތްތެރިން އަދާކުރަމުން އައިސްފައިވާ ދައުރުގެ މުހިންމުކަން ފާހަގަކުރަށްވައި މިނިސްޓަރ މާރިޔާ ވިދާޅުވީ، ހިޖުރަކުރާ މީހުންގެ ޙައްޤުތަކަށް ބުރޫނާރާނެހެން، އެއްވެސް މަޖުބޫރުކުރުވުމެއްނެތި، ރައްކާތެރިކަމާއެކު، ހިޖުރަކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އޭގެ އިތުރުން ބިދޭސީންގެ ތެރެއިން ރާއްޖޭގައި ޚިދުމަތްކުރާ ކޮންމެ ދާއިރާއެއްގެ މީހަކީވެސް މުޖުތަމަޢު ބިނާކުރުމުގައި ބޮޑު ރޯލެއް އަދާކުރަމުންދާ ބައެއް ކަމަށާއި، އެފަރާތްތަކަށް ދޭންވާ ރައްކާތެރިކަމާއި، އަދި ދިރިއުޅުމުގެ ޚާލަތު ރަނގަޅުކުރެވޭނެގޮތްތައް ބަލައި، އެ މިންގަނޑުތައް ކަނޑައަޅަމުން ދާކަމަށް އެކަމަނާ ވިދާޅުވިއެވެ.

މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ކަންކަން ވިލަރެސްކުރާ ކޮމިޓީގެ ރިޔާސަތު، 2019 ވަނަ އަހަރުގެ ފަހުކޮޅު، މިނިސްޓްރީ އޮފް ޑިފެންސާ ޙަވާލުކުރެއްވުމަށްފަހު، ސަރުކާރުން ގެންދަވަނީ އިންސާނީ ވަގުފާރިއަށް ނިމުމެއް ގެނައުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. މިގޮތުން، ފެބްރުއަރީމަހުގެ ތެރޭގައި، ކެބިނެޓުންވަނީ މޯލްޑިވްސް ނޭޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ އެކްޝަން ޕްލޭން ފާސްކުރައްވާފައެވެ. މީގެ އިތުރުން، ސަރުކާރުންވަނީ ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީ ސްޓްރީމްލައިންކުރައްވާ، އަލުން އެކުލަވާލައްވާފައެވެ.

ހިއުމަން ޓްރެފިކިންގާ ދެކޮޅަށް ސަރުކާރުން އަޅުއްވާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ޑިފެންސްގައި ޑިރެކްޓަރ އޮފް އެންޓި-ހިއުމަން ޓްރެފިކިންގެ ނަމުގައި މަޤާމެއް އުފެއްދެވުމާއި، އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޝެލްޓަރެއް ޤާއިމްކުރުމަށްޓަކައި ގުޅީފަޅުން ބިމެއް ހަމަޖައްސަވައި، އެތަން ތައްޔާރުކުރުމުގެ މަސައްކަތް ފެށްޓެވުން ހިމެނެއެވެ.

އަދި ހިއުމަން ޓްރެފިކިންގާ ދެކޮޅަށް ކުރާ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި އެންޓި-ޓިޕް އޮފީހުގެ ނަމުގައި ޚާއްޞަ އޮފީހެއް މިނިސްޓްރީ އޮފް ޑިފެންސްގައި ޤާއިމްކުރުމަށްޓަކައި، 2021 ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓުގައި ހިމެނުއްވުމާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ޤާނޫނު، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްކުރުމުގެ މަސައްކަތް ފެށްޓެވުމާއި، ވަގުފާރީގެ ޝިކާރަޔަކަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުވައިދިނުމާ ބެހޭ ގައިޑްލައިންސާއި ޝެލްޓަރ ހިންގުމާ ބެހޭ ގައިޑްލައިންސް ތައްޔާރުކުރުމުގެ މަސައްކަތް ފެށްޓެވުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން