މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން
2015 ވަނަ އަހަރާއި 2017 ވަނަ އަހަރާ ދެމެދު އެކަނި ވެސް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ދަޢުލަތަށް 50 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުންވެފައިވާކަމަށް އެ ކުންފުނީގެ އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

އޮޑިޓަރ ޖެނެރަލް މިއަދު އާއްމުކުރެއްވި 2015 އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމަޔަށް އެމްއާރުޑީސީގެ ޕްރޮކިއުމަންޓާއި ގުޅޭ ޚާއްސަ ރިޕޯޓުގައި ބުނެފައިވަނީ އެ ކުންފުނިން މާލީ މުޢާމަލާތްތައް ކުރުމުގައި ގެންގުޅެފައިވާ އުސޫލުތަކާ ގުޅިގެން ދަޢުލަތަށް 50 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ. އަދި މިއީ އެ ކުންފުނީގެ އޭރުގެ މެނޭޖްމަންޓްގެ އިހުމާލުން ދަޢުލަތަށް ލިބުނު ގެއްލުމެއް ކަމަށްވެސް އެ ކުންފުނީގެ އޯޑިޓް ރިޕޯޓްގައި ވެއެވެ.

އޯޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ރ. މީދޫ އާއި ރ. އުގޫފާރު އަދި ބ. އޭދަފުށީގެ އިތުރުން އދ. މަހިބަދޫގެ މަގުތައް ހެދުމަށް 2016 ވަނަ އަހަރު އެ ކުންފުންޏާއި ހަވާލުކުރެވުނު މަސައްކަތްތައް ކުރުމަށް މި ރަށްރަށަށް ގެންގޮސްފައިވާ އަމިއްލަ ކުންފުންޏެއްގެ ވެހިކަލްތައް އެއްވެސް ވަރަކަށް ބޭނުންނުކޮށް ގިނަ ދުވަސްވަންދެން ހުރުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އެ ކުންފުނިން 5،532،887 (ފަސް މިލިއަން ފަސް ލައްކަ ބައްތީރިސް ހާސް އަށް ސަތޭކަ އައްޑިހަ ހަތް ރުފިޔާ) ޚަރަދުކޮށްފައިވެއެވެ. އަދި ބައެއް ވެހިކަލްތައް ކުއްޔަށް ހިފާފައިވަނީ އާއްމު އުސޫލާއި ޚިލާފަށް އިއުލާން ނުކޮށް ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އެމްއާރުޑީސީއިން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު އެ ކުންފުންޏަށް ފަސް އަހަރު ދުވަހުގެ މުއްދަތަށް 5،000 މެޓްރިކް ޓަނުގެ ސިމެންތި ފޯރުކޮށްދިނުމަށް ކުންފުންޏަކާއި ހަވާލުކޮށްފައިވާ ކަމަށާއި، އަދި ސިމެންތި ގެނައުމުގެ ކުރިން އެޑްވާންސްކޮށް އެއްބަސްވުމުގެ ޖުމްލަ އަގަށްވާ 10 މިލިއަަން ރުފިޔާ އެ ކުންފުންޏަށް ދޫކޮށްފައިވާކަމަށެވެ. އަދި ސިމެންތި ސަޕްލައި ކޮށްދިނުން ލަސްވުމުގެ ސަބަބުން އެއްބަސްވުމުގައި ވާ ގޮތަށް ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި އަރާ އެއް މިލއަން ރުފިޔާ ވެސް އެކުންފުނިން ހޯދާފައިނުވާކަމަށާއި، ހަލާކުވެފައިވާ ސިމެންތި ބަސްތާތަކުގެ ބަދަލުވެސް ހޯދާފައި ނުވާކަމަށް އޯޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އަދި އެ ކުންފުނީގެ ބޭނުމަށް 200 ޓަނުގެ ލޭންޑިންގ ކްރާފްޓެއް ގަތުމަށް 8 އޮކްޓޫބަރ 2014 ގައި ހަވާލުކުރި ކުންފުންޏަށް ވެސް މަސައްކަތުގެ އަގުގެ 50 އިންސައްތަ އެޑްވާންސަށް ދޫކޮށްފައިވާ ކަމަށާއި، އަދި ލޭންޑިންގ ކްރާފްޓް ހޯދުމަށް އެއްބަސްވި ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން އެމްއާރުޑީސީއިން އުވާލުމާއި ގުޅިގެން އެޑްވާންސަށް ދޫކުރި 7،494،200 (ހަތް މިލިއަން ހަތަރު ސަތޭކަ ނުވަދިހަ ހަތަރު ހާސް ދުއިސައްތަ) ރުފިޔާ އެ ކުންފުންޏަށް އަނބުރާ ލިބިފައި ނުވާކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. މި ލޭންޑިން ކްރާފްޓް އެ ކުންފުންޏަށް ނުލިބުމުގެ ސަބަބުން ކުންފުނިން ރަށްރަށަށް ކުރަމުން ދިޔަ ދަތުރުތައް އަމިއްލަ ފަރާތްތަކުގެ ލޭންޑިންގ ކްރާފްޓްތައް ކުއްޔަށް ނަގައިގެން ކުރަން ޖެހުމުގެ ސަބަބުން ކުންފުންޏަށް ގެއްލުން ވެފައިވާ ކަމަށް އެ ރިޕޯޓްގައިވެއެވެ.

މީގެ އިތުރުން އިންޓަރލޮކިންގ ޒިގްޒެގް ގާ ހޯދުމަށް އަމިއްލަ ކުންފުންޏަކާއި ހަވާލުކުރި މަސައްކަތުގެ ބިލްތަކަށް ފައިސާ ދައްކަން ޖެހޭ މުއްދަތު ފަހަނައަޅައި ދިޔުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އެކުންފުންޏަށް 2،290،459 (ދެ މިލިއަން ދެ ލައްކަ ނުވަދިހަ ހާސް ހަތަރު ސަތޭކަ ފަންސާސް ނުވައެއް) ރުފިޔާ ދައްކާފައިވާކަމަށް އޯޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އެމްއާރުޑީސީން ސަބް ކޮންޓްރެކްޓް އުސޫލުން 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށްގެން ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ޖުމްލަ އަގަށްވާ 7،121،684 (ހަތް މިލިއަން ސަތޭކަ އެކާވީސް ހާސް ހަ ސަތޭކަ އައްޑިހަ ހަތަރު) ރުފިޔާގެ މަސައްކަތް ކޮށްފައިވަނީ ދެވަނަ ފަރާތެއްގެ އަގު ހޯދުމެއްނެތި ކަމަށް އޯޑިޓް ރިޕޯޓްގައި ވެއެވެ. ހަމައެއާއެކު މަސައްކަތް ފެށުމުގެ ކުރިން އެޑްވާންސްކޮށް ޙަވާލުކުރަންޖެހޭ ޢަދަދުގެ އިތުރަށް 1.62 މިލިއަން ރުފިޔާ އެކިފަރާތްތަކަށް ދޫކޮށްފައިވާ ކަަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ.

އަދި ހަނިމާދޫ ދަނޑެހެލު ހިނގުން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ ދަށުން ބޭރުގެ ކުންފުންޏަކާއި 1.2 މިލިއަން ޑޮލަރަށް އާއްމު އުސޫލުގެ ބޭރުން ޙަވާލުކޮށް މަސައްކަތް ކުރިއަށް ނުގެންދެވުމުގެ ސަބަބުން އެ ކުންފުންޏަށް 6،171،453 (ހަ މިލިއަން ސަތޭކަ ހަތްދިހަ އެއް ހާސް ހަަތަރު ސަތޭކަ ފަންސާސް ތިނެއް ) ރުފިޔާގެ ގެއްލުން ވެފައިވެއެވެ. އޭގެ އިތުރުން އެ އެއްބަސްވުން ފަހުން އުވާލުމުން އެ މަޝްރޫއުއާ ހަވާލުވި ކުންފުންޏަށް އައިޑަލް ކްލެއިމްގެ ގޮތުގައި 3.1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރިއިރު 150 ހާސް ޑޮލަރު ދޫކުރަން ޖެހޭ ޚަރަދަކަށް އެ ކުންފުނިން އިތުރަށް 125 ހާސް ޑޮލަރު ދޫކޮށްފައިވެއެވެ.

މީގެ އިތުރުން އެކުންފުނިން 7 ރަށެއްގެ މަގުހެދުމުގެ މަސައްކަތް މެއިން ކޮންޓްރެކްޓަރގެ އަގަށްވުރެ ބޮޑު އަގެއްގައި ސަބް ކޮންޓްރެކްކޮށް ހަވާލުކުރުމުގެ ސަބަބުން އެކުންފުންޏަށް 1.65 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަން އޯޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. ލ. ފޮނަދޫގެ މަގުތައް ހެދުމުގެ މަޝްރޫއު 21 މަސް ދުވަހު ލަސްވެ ގޮސް އެންމެފަހުން މަސައްކަތް ހުއްޓުމާއި ހަމަޔަށް އެ މަސައްކަތާއި ހަވާލުވި ކުންފުންޏަށް އެމްއާރުޑީސީއިން 15.8 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. ހަމައެހެންމެ އެ ކުންފުނިން ހަ ރަށެއްގައި ހެދުމަށް ހަވާލުވި ޖެޓީތަކުގެ ތެރެއިން ހަތަރު ރަށުގެ ޖެޓީ ނުނިމޭއިރު ސަބް ކޮންޓްރެކްޓަށް މި މަސައްކަތް ހަވާލުކުރި ކުންފުންޏަށް މަސައްކަތުގެ ޖުމްލަ އަގު ކަމަށްވާ 11.3 މިލިއަން ރުފިޔާގެ ތެރެއިން 67 އިންސައްތަ ދޫކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓްގައި ވަނީ، މި ގެއްލުންތައް އެ ކުންފުނީގެ ސަބަބުން ދަޢުލަތަށް ލިބިފައިވަނީ އެ ކުންފުނީގެ އޭރުގެ މެނޭޖްމަންޓްގެ އިހުމާލުން ކަމަށް ވާތީ، މިކަންކަމުގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީކޮށް ފިޔަވަޅު އެޅުމަށް އަންގަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން