އިންޑިއާގެ ސޫތުކުޅިން ރާއްޖޭގެ ދެކުނަށް ކަނޑުމަގުން ކާގޯ ދަތުރުތައް ފަށައި، މުދާ ހިފައިގެން އައި ފުރަތަމަ ބޯޓު ގދ. ތިނަދުއަށް ބަނދަރުކޮށްފިއެވެ.

އިންޑިއާގެ ސޫތުކުޅިއާއި ރާއްޖޭގެ ދެކުނާއި ދެމެދު ދަތުރުތަށް ފަށާފައި މިވަނީ ރާއްޖެ އަށް ނިސްބަތްވާ އެމްވީ ބޮންތި 2 އިންނެވެ. މިއީ ދިގުމިނުގައި 86 މީޓަރު ހުންނަ މުދާ އުފުލާ ބޯޓެކެވެ. މިބޯޓުގައި 2719 ޓަނުގެ މުދާ އުފުލޭނެއެވެ. މިކާގޯ ފެރީގައި، 2713.34 މެޓްރިކް ޓަނުގެ މުދާ ގެނެސްފައިވާއިރު، މި ބޯޓު ތިނަދޫއަށް ބަނދަރުކުރީ 400 ޓަނުގެ ކާގޯއާއި އެކުގައި ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކުންފުނިން ވަނީ ބުނެފައެވެ. މި ބޯޓުގެ ފުރަތަމަ ދަތުރުގައި ގެނައި މުދަލުގެ ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ ސާމާނާއި މޭވާ އާއި ތަރުކާރީގެ ބާވަތްތައް ހިމެނެއެވެ.

އިންޑިއާއިން ތިނަދުއަށް ކާގޯގެ ސީދާ ދަތުރުގެ ޚިދުމަތް ފެށުމަށްޓަކައި ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އައިޝަތު ނަހުލާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް މި ނިޒާމް ކައިރި ގައުމުތަކާ ގުޅާލެވި، އެކަށީގެންވާ އަވަސް ޚިދުމަތްތަކެއް އެކަށީގެންވާ އަގެއްގައި ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުން ކަމަށެވެ.



މި ރަސްމިއްޔާތުގައި އެމްއެސްއެސްގެ އެމްޑީ ޢަބްދުﷲ ސަޢީދު ވިދާޅުވީ، މިއީ ޒުވާނުން ވިޔަފާރީގެ ތެރެއަށް ވަނުމަށް ރަނގަޅު ފުރުސަތެއް ކަމަށާއި، މި ކާގޯ ފެރީގެ ޚިދުމަތާއެކު އެ ސަރަޙައްދުގައި ވަޒީފާގެ ފުރުސަތު އިތުރުވެ، ތަކެތީގެ އަގު ހެޔޮވެގެންދާނެ ކަަމަށެވެ.

ރާއްޖޭގެ އަތޮޅުތަކަށް ބައިނަލްއަޤުވާމީ ކާގޯ ފެރީގެ ޚިދުމަތް، ފެށުމަކީ މި ސަރުކާރުގެ އަމާޒެކެވެ. މިއަމާޒަށް ވާސިލުވުމަށްޓަކައި، އިންޑިއާގެ ކޮޗިން އާއި ހދ ކުޅުދުއްފުއްޓާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ފަށާފައެވެ. އަދި ރާއްޖޭގެ އެންމެ ދެކުނަށް ބައިނަލްއަޤުވާމީ ކާގޯ ފެރީގެ ޚިދުމަތް މި މަހުގެ 10 ވަނަ ދުވަހު ފަށާފައިވާއިރު މިބޯޓުގެ މަންޒިލްތަކަކީ އައްޑޫ ސިޓީއާއި، ގދ. ގައްދޫ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން