ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިން
ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިން
ފިޤްހީ މައްސަލަތަކުގެ ޙައްލު ޓްވީޓަކުން ދެއްވުމަކީ ޝަރުޢީ ކަންކަމުގައި ރައްޔިތުންނަށް އޮޅުން އަރާނެ ކަމެއްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިން ވިދާޅުވެއްޖެއެވެ.

ދަރިލެއްވުމުގައި ޑީއެންއޭ ޤަރީނާއެއްގެ ގޮތުގައި ނުބަލަންވީ ސަބަބެއް ނެތްކަމަށް ވިދާޅުވެ ރައީސް މައުމޫނު ކުރެއްވި ޓްވީޓަކާ ގުޅިގެން "ރަސް އޮންލައިން" ގައި ޝާއިޢުކޮށްފައިވާ ޚަބަރެއް ހިއްސާކުރަށްވަމުން ކުރީގެ އުއްތަމަ ފަނޑިޔާރު މިރޭ ވިދާޅުވީ، ފިޤްހީ މައްސަލަތަކުގެ ޙައްލު ޓްވީޓަކުން ދެއްވުމަކީ ޝަރުޢީ ކަންކަމުގައި ރައްޔިތުންނަށް އޮޅުން އަރާނެ ކަމެއްކަމަށެވެ. އުސްތާޛު ފާއިޒްގެ ފޭސްބުކް ޕޯސްޓްގައި މިކަމާ ގުޅޭ އިތުރު ތަފްސީލް ދެއްވާފައެއް ނުވެއެވެ.

ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަމެއް ދެނެގަނެވޭނެގޮތް ޝަރްއުގައި އަންގަވާފައި އޮތުމަކީ އެ ނޫން ގޮތަކަށް އެކަން ދެނެގަތުން މަނާ ކުރާކަމެއް ނޫން ކަމަށެވެ. އެގޮތުން، އިރު ހިނގާގޮތް ބަލައިގެން ނަމާދު ވަގުތުތައް ދެނެގަންނާނެ ގޮތް ސުންނަތުން އެނގެން އޮތް ނަމަވެސް މިހާރު ނަމާދު ވަގުތު ބަލަނީ ފަލަކީ ހިސާބުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެހެންކަމުގައި ވާނަމަ ދަރިލެއްވުމުގައި ޑީއެންއޭ ސީކުއެންސް ޤަރީނާއެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއްނެތް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި ފިންގަރޕްރިންޓް ފަދަ ސައެންޓިފިކް ދަލީލުތައްވެސް ޤަރީނާގެ ގޮތުގައި ޝަރީޢަތުން ބަލައިގަންނަ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ޑީއެންއޭގެ ނަތީޖާއަށް ބަލައިގެން ޒިނޭ ސާބިތު ނުކުރެވޭނެކަމަށް ހައިކޯޓުން ކުރި ޙުކުމަކަށް ޕީޖީ ޝަމީމް ޢިލްމީ ނަޒަރިއްޔާތުން ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ބައެއް ފަރާތްތަކުން ގެންދަނީ ޝަމީމަށް ފާޑު ކިޔަމުންނެވެ. ނަމަވެސް މިކަމުގައި ރައީސް މައުމޫން ވަނީ ޕީޖީ ޝަމީމަށް ތާޢީދު ކުރަށްވާފައެވެ.

ޕީޖީ ޝަމީމް ވިދާޅުވެފައިވަނީ، ޒިނޭއެއް ކުރެވެނީ އަންހެނަކާއި ފިރިހެނަކާ ދެމީހުން ވެގެން ކަމަށާއި، އޭގެ ތެރެއިން އަންހެން މީހާގެ މައްޗަށް ދަޢުވާ ކޮށް، ކުށް ސާބިތު ކުރުމަށް ތަފާތު ވަކި ފަސޭހަ ގޮތެއް އޮތުމަކީ އިންޞާފުވެރި ގޮތެއް ނޫންކަމަށް ޤާނޫނުލް އުޤޫބާތް އެކުލަވާލި ދުވަސްވަރު ފެނުނު ކަމަށާއި، އެކަމަށް ޙައްލެއް ގެނައުމަށް ޤާނޫނުލްޢުޤޫބާތުން ގެނައި ޙައްލަކީ ދެވައްތަރެއްގެ ޒިނޭ ތަޢާރަފު ކުރުން ކަމަށެވެ.

އޭގެތެރެއިން އެއް ވައްތަރަކީ، އިސްލާމީ ޝަރީޢަތުގައި އޮތް ޒިނޭ ކަމަށާއި، އެބާވަތުގެ ޒިނޭ ސާބިތު ކުރުމަށް ބޭނުންވަނީ އިސްލާމީ ޝަރީޢަތުގައި އޮތް ސާބިތު ކުރުމުގެ މިންގަނޑުކަމަށްވެސް ޤާނޫނުލްޢުޤޫބާތުގައި ލިޔެފައި އެބައޮތް ކަމަށް ޝަމީމް ވިދާޅުވިއެވެ. ދެވަނަ ޒިނޭއަކީ ޤާނޫނީ ޒިނޭ ކަމަށާއި، އެއީ، ސާބިތު ކުރުމުގެ މިންގަނޑު ދަށް ޒިނޭއެއް ކަމަށާއި، އެބާވަތުގެ ޒިނޭ ސާބިތުކުރުމަށް އަންހެނާ ވިހާ ދަރީގެ ޑީއެންއޭ ބޭނުން ކުރެވޭގޮތަށް ޤާނޫނުލް ޢުޤޫބާތުގައި ލިޔެފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމަށް ރައްދު ދެމުން އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ޒިނޭ ވާނީ ޒިނޭއަށް ކަމަށާއި، ކައިވެނި ވާނީ ކައިވެންޏަށް ކަމަށެވެ. އަދި ލިވާޠު ވާނީ ލިވާޠަށް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަމަށްވެފައި، މިފަދަ ޝައުޢީ މުޞްޠަލަޙުތަކުގެ ޝަރުޢީ މަފްހޫމް ގެއްލޭނެ ފަދައިން ބޭނުންކުރުމަކީ ޝަރުޢީ މިންގަނޑުތަކާއި ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފުކަމެއް ކަމުގައިވާތީ، ޝަރުޢީ މުޞްޠަލަޙުތައް (ލަފްޒުތައް) ބޭނުން ކުރަންވާނީ ޝަރުޢުގައި އެ މުޞްޠަލަޙެއްގެ ބޭނުން ކުރުމަށް އޮންނަ ގޮތަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން