ކުރީގެ ނައިބުރައީސް ޢަބްދުﷲ ޖިހާދު
ކުރީގެ ނައިބުރައީސް ޢަބްދުﷲ ޖިހާދު
ފިލައިފާނެކަމުގެ ބިރު އޮތުމުން ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ބޭސްފަރުވާއަށް ދުބާއީއަށް ވަޑައިގެންނެވުމުގެ ހުއްދަ ނުދޭން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ދަޢުވާގެ މިއަދުގެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުގައި ޖިހާދު ވަނީ ފުއްޕާމޭގެ ޓެސްޓެއް ހަދަން ޖެހޭ ކަމަށް ވިދާޅުވެ ދުބާއީއަށް ބޭސްފަރުވާއަށް ވަޑައިގެންނެވުމުގެ ހުއްދައަށް އެދިވަޑައިގެންފައެވެ.

އަދި ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ނަމަވެސް ނުފިއްލަވާނެ ކަމަށާއި ޖެނުއަރީ ކުރީކޮޅު އަނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ޖިހާދު ވިދާޅުވިއެވެ.

ނަމަވެސް ދައުލަތުން ވަނީ ޖިހާދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން ހުއްދަ ދޭން ދެކޮޅު ހަދާފައެވެ. އަދި ދުބާއީ އާއި ރާއްޖެއާ ދެމެދު ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއް ވެސް ހެދިފައި ނެތުމުން ޖިހާދު ފިއްލަވައިފިނަމަ ދެން އަނބުރާ އޭނާ ރާއްޖެ ގެނެވޭނެ ގޮތެއް ވެސް ނޯންނާނެކަން ވެސް ދައުލަތުން މިއަދުގެ އަޑުއެހުމުގައި ވަނީ ފާހަގަކޮށްފައެވެ.

މައްސަލަ ބައްލަވާ ގާޒީ ވަނީ ޖިހާދު ފިލައިގެން ކޯޓަށް ހާޒިރު ނުވާނެ ކަމުގެ އިހުތިމާލު އޮތުމުން އޭނާއަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިޔުމުގެ ހުއްދަ ނުދޭން ނިންމަވާފައެވެ.

ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން، އޭރުގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓެރެޜަރީގެ މަގާމުގައި ހުންނެވި ޢަބްދުالله ޖިހާދުގެ މައްޗަށް ދައުވާ ކުރަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެގެ ދަށުން ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގައެވެ.

ޕީޖީން ބުނެފައިވާ ގޮތުން ޖިހާދުގެ މި ޢަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 750,713,604 އެމެރިކާ ޑޮލަރު އުނިވެފައި ވާކަމަށެވެ. މިމައްސަލަ މީގެ ކުރިން 2013 ވަނަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި ނަމަވެސް އޭރު އެ ކޮމިޝަނުން ނިންމީ މި މުއާމަލާތުގައި ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށެވެ. އެގޮތަށް އޭސީސީން ނިންމީ 2016 ވަނަ އަހަރު އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން